Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 10:25
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
މުހައްމަދު ޝަރުހާން
ވިލާ ކުންފުނި
ކާޑެއްދޫ އެއާޕޯޓް މައްސަލާގައި ވިލާއިން ދައުވާކުރާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު
ވިލާ ކުންފުނީގެ މަސްލަހަތަށް ވުރެ ދައުލަތުގެ މަސްލަޙަތު ބޮޑު
އަމުރުގެ ސަބަބުން ދައުލަތަށް ލިބިދާނެ ގެއްލުމަކަށް ރިއާޔަތްކޮށްފައެއް ނުވޭ
ސަރުކާރަށް ގާސިމް ފާޑުވިދާޅުވާ ކޮންމެ ފަހަރަކު ވިޔަފާރިއަށް ކޮންމެވެސް ގެއްލުމެއް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިއިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ އަތުން ގދ. ކާޑެއްދޫ އެއާޕޯޓް އަތުލި މައްސަލާގައި ވިލާ އެއާ އިން ޓުއަރިޒަމް މިނިސްޓްރީއާ ދެކޮޅަށް ދައުވާކުރާ މައްސަލައިގެ އަޑުއެހުމެއް މިއަދު ސިވިލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ވިލާ އެއާ އިން ޓުއަރިޒަމް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރަނީ ވިލާ އެއާ އާއި ޓުއަރިޒަމް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކޮށް ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަތުން ނެގީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެއެވެ.

ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް 2013 ވަނަ އަހަރުގެ ނޮވެމްބަރު ހަ ވަނަ ދުވަހު ވިލާއާ އެކު ވެފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ނިމުމަކަށް ގެނެސް، އެކަން ވިލާ އަށް އެންގީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން ގަވާއިދުތަކާ މިންގަނޑުތަކާ ޚިލާފަށް ބައެއް ކަންކަން ހުރުމުންނެވެ.

އެއްބަސްވުން ބާތިލުކޮށް ޓޫރިޒަމް މިނިސްޓްރީން ފޮނުވި ނޯޓިސްއާ މެދުގައި ޚިލާފު އުފައްދާ އެއްބަސްވުން އެގޮތަށް އުވާނުލެވޭނެ ކަމަށާއި އެއްބަސްވުމުގެ ދަށުން ވިލާ އަށް ލިބިގެންވާ ހައްގުތައް ފުރިހަމަ އަށް ލިބިދިނުމަށް ދިވެހި ދައުލަތުގެ މައްޗަށް ވިލާ ކުންފުނިން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. އަދި އެ ދައުވާގެ ޝަރީއަތުގައި ވަކި ގޮތެއް ކަނޑައަޅަންދެން އެއްބަސްވުން ބާތިލުކޮށް ފޮނުވި ނޯޓިސް އަށް އަމަލުކުރުން ފަސްކޮށްދިނުމަށް އަމުރެއް ނެރެ ދިނުމަށް ވެސް އެ ކުންފުނިން އެދުނެވެ.

ވިލާ ކުންފުނިން އެދުނު ގޮތަށް، ނޯޓިސް އަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ވަނީ އަމުރު ނެރެ ދެއްވާފައެވެ. ގާޒީ މުހައްމަދު ހަލީމް ނެރުއްވި އަމުރުގައި ވަނީ، އެއްބަސްވުން ބާތިލްކުރި ގޮތް ސައްޚަ ކަމަށް ޝަރީއަތުން ކަނޑައެޅުމުގެ ކުރީގައި އެއްބަސްވުން ބާތިލުވާ ކަމަށް ބެލެވިގެން އަޅާ ފިޔަވަޅަކުން ނުކުންނަ ނަތީޖާއަކުން އިޔާދަ ނުކުރެވޭ ފަދަ އެއްވެސް ގެއްލުމެއް ކުރިމަތިވާ ނަމަ އެ ގެއްލުން ހުއްޓުވުމުގެ ގޮތުން ޝަރީއަތުގެ ފަރާތުން ވަގުތީ ގޮތުގައި ފިޔަވަޅުތައް އަޅައި އަމުރުތައް ނެރުމަކީ ކުރަމުން އަންނަ ކަމެއްކަން ފާހަގަ ކުރައްވާފަ އެވެ.

ދައުލަތުން ވަނީ ދަށު ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފު ޝަރީއަތުގައި ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ދަށު ކޯޓުން ނެރުނު އަމުރަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫން ކަމަށާއި އެހެންކަމުން އެއީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅާފަ އެވެ.

ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، ދަށު ކޯޓުން އަމުރު ނެރެފައި ވަނީ ވިލާ ކުންފުންޏަށް ލިބިދާނެ ގެއްލުމެއް ހުއްޓުވުމަށް ކަން އެވަގުތީ އަމުރަށް ބެލުމުން އެނގެން އޮންނައިރު، ވަގުތީ އަމުރަށް އެދި ހުށަހަޅާ މައްސަލަތަކުގައި އެއަމުރު ނުނެރެފި ނަމަ، އެއަމުރަށް އެދުނު ފަރާތަށް ލިބިދާނެ ގެއްލުމަކަށް ރިޢާޔަތްކުރާ ފަދައިން އެއަމުރު ނެރުމުގެ ސަބަބުން އަނެއް ފަރާތަށް ލިބިދާނެ ގެއްލުމަކަށް ވެސް ޝަރީޢަތުން ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ.

ވިލާ ކުންފުނިން ދަށު ކޯޓަށް ހުށަހެޅި މައްސަލަ ނިމޭ ގޮތަކުން ނުވަތަ އެއަމުރު ނެރުމުގެ ސަބަބުން ދައުލަތަށް ލިބިދާނެ ގެއްލުން ކުޑަކުރެވޭނެ ނުވަތަ ހިމާޔަތްކުރެވޭނެ ގޮތްތަކެއްގެ މައްޗަށް އެއަމުރު ނެރުމުގައި ދަށު ކޯޓުން ރިޢާޔަތް ކޮށްފައިނުވާ ކަމަށް ހައިކޯޓުގެ އަމުރުގައި ބުނެފައި ވެއެވެ.

މިމައްސަލާގައި ވަގުތީ އަމުރު ނެރުމުގައި ހިމާޔަތްކުރެވޭ ވިލާ ކުންފުނީގެ މަސްލަޙަތަށް ވުރެ، އެއަމުރު ނުނެރުމުން ހިމާޔަތްކޮށް، ރައްކާކުރެވޭ ދައުލަތުގެ މަސްލަޙަތު ބޮޑުކަމަށް މައްސަލަ ބެއްލެވި ހައިކޯޓުގައި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ވިލާއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގައި ބުނާ ގޮތުން ކާޑެއްދޫ އެއާޕޯޓް އެކުންފުންޏަށް ކުއްޔަށް ދީފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. ވިލާ އަށް 2013 ވަނަ އަހަރު އެއާޕޯޓް ދިން ނަމަވެސް، ސަރުކާރު ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވެ، އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަން ފެށުމާއެކު އެއާޕޯޓް އަތުލުމަށް 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ވެސް ނޯޓިސް ފޮނުވި އެވެ. އެ ނޯޓިސް އަށް އަމަލުކުރުން ފަސްކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެގޮތަށް އަމުރުކޮށްފައިވަނިކޮށް، ސަރުކާރުން ވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ކާޑެއްދޫ އެއާޕޯޓް އަލުން ވިލާ އަށް ދީފަ އެވެ. އެއިރު ގާސިމް ހުންނެވީ ސަރުކާރަށް ފާޑުވިދާޅުވުން ހުއްޓާލައްވައިގެންނެވެ.

ހަމަ އެ ދުވަސްވަރު ގާސިމްގެ މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ވެސް ބަދަލުކުރި އެވެ. މީގެ އިތުރުން ވިލާގެ ސަބްސިޑަރަރީ ކުންފުނިތަކަކަށް ދޫކޮށްފައިވާ ރަށްތަކެއް ވެސް އަތުލައި، ދައުލަތަށް ނުދައްކާ ހުރި ރަށްރަށުގެ ކުއްޔާއި ފީތަކާއި އަދި ޖޫރިމަނާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ދައްކަން އެންގި އެވެ. އެ ފައިސާ ނުދެއްކުމުން ވިލާގެ އެކައުންޓްތައް ފްރީޒް ކޮށްފައި ވެސް ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް