ކ. މާލެ
|
26 ޖޫން 2023 | ހޯމަ 07:11
ފްރާންސް ލީގުގައި ޕީއެސްޖީން އެންމެ ފަހުން ކުޅުނު މެޗުގައި މެސީ
ފްރާންސް ލީގުގައި ޕީއެސްޖީން އެންމެ ފަހުން ކުޅުނު މެޗުގައި މެސީ
ރޮއިޓާސް
ލިއޮނެލް މެސީ
ޕީއެސްޖީގެ ސަޕޯޓަރުންނާ އޮތް ގުޅުން ކެނޑިއްޖެ: މެސީ
 
ޕީއެސްޖީގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ މެސީ އަށް ފާޑުކިޔާފައި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ސަޕޯޓަރުންނާ އޮތް ގުޅުން "ރޫޅިގެން ދިޔައީ" ގިނަ އަދަދެއްގެ ސަޕޯޓަރުން އޭނާއާ މެދު ތަފާތު ގޮތަކަށް ކަންތައް ކުރަން ފެށުމުން ކަމަށް ލިއޮނަލް މެސީ ބުނެފިއެވެ.

މިދިޔަ ޑިސެމްބަރު މަހު އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި މެސީ ވަނީ ދެ އަހަރަށް ފަހު މިދިޔަ ސީޒަން ނިމުމުން ޕީއެސްޖީ ދޫކޮށް އިންޓަ މިއާމީއާ ގުޅިފައެވެ. މިދިޔަ ސީޒަނުގެ ދެ ވަނަ ހާފުގައި މެސީއަށް ތަކުރާރުކޮށް މަލާމާތްކޮށް، ފުރައްސާރަ ކުރުމުން އޭނާގެ ގޭގެ ވަށައިގެން ސެކިއުރިޓީ ވަރުގަދަ ކުރަން ޕީއެސްޖީއަށް ޖެހުނެވެ.

މެސީ ބުނީ ޓީމާ އަލަށް ގުޅުނު ދުވަސްކޮޅު ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅު ކަމަށެވެ. ބީއައިއެން ސްޕޯޓްސްއާ ވާހަކަ ދައްކަމުން އުމުރުން 36 އަހަރުގެ މެސީ ބުނީ، އޭގެ ފަހުން ޕެރިސްގެ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ ބައެއް މީހުން އޭނާ އާ މެދު ތަފާތު ގޮތަކަށް ކަންތައް ކުރަން ފެށި ކަމަށެވެ. އަދި އެއީ މީގެ ކުރިން އެމްބާޕޭ އާއި ނޭމާއާ އެކު ކަންތައް ވި ގޮތް ކަމަށާއި އެއީ އެމީހުން ޢަމަލުކުރާ ގޮތްކަމަށް މެސީ ބުންޏެވެ.

މެސީ ބުނީ ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ އިން ފްރާންސް ބަލިކުރުމަކީ ސަބަބެއް ކަން އެނގިފަ ނެތްކަމަށެވެ. ޕީއެސްޖީގެ ބައެއް ސަޕޯޓަރުން ވަނީ ހުއްދަ ނޫން ގޮތަކަށް ސައުދީ އަރަބިއްޔާއަށް ކުރި ދަތުރެއްގެ ސަބަބުން ސަސްޕެންޑު ކުރުމާއެކު އަނެއްކާވެސް މެސީ އަށް މަލަމަތްކޮށްފައެވެ. އެއީ މެސީ ޕީއެސްޖީ އަށް ކުޅުނު ފަހު މެޗުގެ ތެރެއިންނެވެ.

މީގެ އިތުރުން މެސީ ބުނީ 2021 ވަނަ އަހަރު ބާސެލޯނާ އިން ބަދަލުވުމާ ގުޅިގެން، ޕްރީ ސީޒަން ގެއްލުނު ކަމަށާއި، އޭގެ ފަހުން ކޮވިޑުގެ ސަބަބުން ސީޒަނުގެ މެދުތެރެއިން މަހެއްހާ ދުވަސް ކުޅުމާ ދުރުގައި ހުރުމަށް ފަހު، ޕެރިހުގައި ދިރިއުޅުމަށް އަހުލުވެރިވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެއާ ޚިލާފަށް ޕާކް ޑެސް ޕްރިންސެސްގައި ކުޅުނު ދެ ވަނަ ސީޒަން ފެށުނުއިރު ވަރަށް ހިތްހަމަޖެހުން ލިބުނު ކަމަށާއި ނަމަވެސް ވޯލްޑް ކަޕުގެ ސަބަބުން މުޅި ސީޒަނަށް ވެސް އަސަރުކުރި ކަމަށް އޭނާ ބުންޏެވެ.

ޕީއެސްޖީ އަށް ކުޅުނު 75 މެޗުން މެސީ ވަނީ 32 ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. މެސީ ބަދަލުވެފައިވަނީ އިންގްލެންޑުގެ ލެޖެންޑު، ޑޭވިޑް ބެކަމްގެ އިންޓަ މިއާމީ އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
0%
0%
0%
0%
67%
ކޮމެންޓް