ކ. މާލެ
|
24 ޖޫން 2023 | ހޮނިހިރު 22:46
ޗައިނާގެ ވުހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ
ޗައިނާގެ ވުހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ
ރޮއިޓާރސް
ކޮވިޑް-19ގެ އަސްލު ދެނެގަތުމަށްކުރާ މަސައްކަތް
ކޮވިޑް-19 އަކީ ލެބޯޓްރީގައި އުފެދުނު ވައިރަސް އެއް ކަމަށް ނިންމޭނެ ސީދާ ހެއްކެއް ނެތް: އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓް
އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން އަދިވެސް ވައިރަސް އައިސްފައިވަނީ ލެބޯޓްރީއަކުން ކަމަށް ބުނާ ބުނުން އެއްކޮށް ދޫކޮށެއްނުލާ
ކޮރޯނާވައިރަސް އާ ގުޅޭގޮތުން ބޮޑެތި މަސައްކަތްތަކެއް ވުހާންގެ އިންސްޓިޓިއުޓްގައި ކުރިޔަށްގެންދިޔަ

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ކުރަމުންދާ މަސައްކަތުގައި ކޮވިޑް-19ގެ އަސްލަކީ ޗައިނާގެ ވުހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި ހިނގި ހާދިސާއަކުން އުފެދުނު ވައިރަސްއެއްކަމަށް ނިންމޭނެ ސީދާ ހެއްކެއް ލިބިފައިނުވާކަމަށް ރިޕޯޓް ބުނެފިއެވެ.

އޮފިސް އޮފް ދަ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް (އޯޑީއެންއައި)ން ހުކުރު ދުވަހު އާންމުކޮށްފައިވާ ހަތަރު ސަފްހާގެ މިރިޕޯޓްގައި ބުނެފައިވަނީ އެމެރިކާގެ އިންޓެލިޖެންސް އިދާރާތުން ވައިރަސް އައިސްފައިވަނީ ލެބޯޓްރީއަކުން ކަމަށް ބުނާ ބުނުން އަދިވެސް އެއްކޮށް ދޫކޮށެއްނުލައެވެ. އަދި ޕެންޑަމިކްގެ އަސްލު އައި ގޮތް ހޯދިފައެއްވެސް ނުވެއެވެ.

ރިޕޯޓްގައި ބުނެފައިވަނީ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ އަދި އެހެން އެޖެންސީތަކަށް ކޮވިޑް-19ގެ އަސްލު އުފެދުނު ގޮތް އަދި ހޯދިފައިނުވާކަމަށާއި ގުދުރަތީ ގޮތުން ނުވަތަ ލެބޯޓްރީއެއްގައި އުފައްދައިގެން ކަމަށް ބެލެވޭ ބެލުންތަކުގައި ގިނަ ކަންކަމެއް ހީގެ މައްޗަށް ބިނާވެފައިވާކަމަށެވެ. އެހެންކަމުން ގިނަ ފުށުއެރުންތަކެއް ހުރުމާއެކު އަސްލު ހޯދުމުގައި ގޮންޖެހުންތަކެއްހުރިކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ކޮރޯނާވައިރަސް އާ ގުޅޭގޮތުން ބޮޑެތި މަސައްކަތްތަކެއް ވުހާންގެ އިންސްޓިޓިއުޓްގައި ކުރިޔަށްގެންދިޔަކަމަށާއި ނަމަވެސް ވައިރަސް ފެތުރިގެންދިޔައީ އެތަނުގައި ހިނގި ހާދިސާއަކުންކަމަށް ނިންމޭނެވަރުގެ ހެއްކެއް ލިބިފައިނުވާކަމަށެވެ.

ޕެންޑަމިކްގެ ކުރިން ސަރސްކޮވް ވައިރަސް އާ ގުޅޭގޮތުން ވުހާން އިންސްޓިޓިއުޓުން ކުރިޔަށްގެންދިޔަ ދިރާސާތަކުގެ ސަބަބުން ކޮވިޑް-19 ޕެންޑަމިކް ކުރިމަތިވިކަމަށް ނިންމޭނެ ކަމެއް ހިނގާފައިވާކަން ދެނެގަނެވިފައިނުވާކަމަށް ރިޕޯޓްގައި ބުނެއެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ވުހާން އިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާއެކުހެން އެމެރިކާގައި އަންނަނީ ކޮވިޑް-19ގެ އަސްލާއި ގުޅޭގޮތުން ބޮޑެތި ބަހުސްތައް ކުރެވެމުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މިއަހަރުގެ މަރޗް މަހު ކޮވިޑް-19 ޕެންޑަމިކްގެ އަސްލާގުޅޭގޮތުން ހޯދޭ މައުލޫމާތުތައް ހާމަކުރުމާއި ގުޅޭ ބިލެއްގައި ސޮއިކުރައްވާފައެވެ. ބިލްގައި ސޮއިކުރައްވަމުން ބައިޑަން ވިދާޅުވީ އެކަމުގެ ބޭނުމަކީ ކޮވިޑް-19 ގެ އަސްލާ ގުޅުންހުރި ވީހާވެސް ގިނަ މައުލޫމާތު އާންމުކުރުންކަމަށެވެ.

މިބަހުސް އިތުރަށް ފުޅާވެގެންދިޔައީ ފެބްރުއަރީ މަހުގެ ތެރޭގައި ވޯލް ސްޓްރީޓް ޖަރނަލް ގައި އެމެރިކާގެ އެނަރޖީ ޑިޕާޓްމަންޓުން ކްލެސިފައިޑް އިންޓެލިޖެންސް ރިޕޯޓެއް ދިރާސާކުރިކަމަށް ބުނެ ޝާއިއުކުރި ލިޔުމަކާ ގުޅިގެންނެވެ. އެރިޕޯޓްގައި ބުނެފައިވަނީ ކޮވިޑް-19 ޕެންޑަމިކްގެ އަސްލަކީ ޗައިނާގެ ލެބޯޓްރީއަކުން ވައިރަސް ލީކުވުމެވެ. ނަމަވެސް އެކަން ޗައިނާއިން ދޮގުކުރެއެވެ.

- ކޮމެންޓް