ކ. މާލެ
|
25 ޖޫން 2023 | އާދީއްތަ 07:23
ކްލައިވަޓް
ކްލައިވަޓް
ޓްވިޓަރ
ބޯންމައުތު
ޖަސްޓިން ކްލައިވަޓް ބޯންމައުތަށް
ކްލައިވަޓް ކެރިއަރު ފެށީ އަޔެކްސް ޔޫތު ޓީމުން

ބޯންމައުތުން 9.6 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުން ރޯމާއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް ޖަސްޓިން ކްލައިވަޓް ސޮއިކޮށްފިއެވެ.

ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގެ ދަށުން އަންނަ އުމުރުން 24 އަހަރުގެ ކްލައިވަޓް އަކީ އާ ކޯޗު އެންޑޯނީ އިރާއޯލާގެ އިރުޝާދުގެ ދަށުން ބޯންމައުތުން ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. ނެދަލޭންޑްސް އަށް ދެ މެޗު ކުޅެފައިވާ ކްލައިވަޓް މިދިޔަ ސީޒަނުގައި ވެލެންސިއާގައި ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނު އިރު، އޭނާ ވަނީ އެ ޓީމަށް ކުޅުނު 29 މެޗުގައި އަށް ލަނޑު ޖަހައިދީފައެވެ.

ބޯންމައުތުގެ ޗީފް އެގްޒެކެޓިވް ނީލް ބްލޭކް ބުނީ ޖަސްޓިން އަކީ ގޯލާ ރައްޓެހި އަދި ތަފާތު އެޓޭކިން ކުޅުންތެރިއެއްކަމަށެވެ. އަދި އޭނާ އަކީ ހަލުވި، ސީދާ އަދި ޓެކްނިކަލް ގާބިލުކަން ހުރި މީހެއްކަމަށެވެ. ބްލޭކް އިތުރަށް ބުނީ ދާދި ފަހުން 24 އަހަރު ފުރުނު ނަމަވެސް ޖަސްޓިންއަކީ ތަޖުރިބާގެ މުއްސަނދިކަން ލިބިފައިވާ އަދި ތަފާތު ފަސް ގައުމެއްގެ އެންމެ މަތީ ލެވެލްގައި ކުޅެފައިވާ ކުޅުންތެރިއެއް ކަމަށެވެ.

އަޔެކްސް، ބާސެލޯނާ އަދި ނިއުކާސަލްގެ ކުރީގެ ފޯވާޑް ޕެޓްރިކްގެ ދަރިފުޅު ކްލައިވަޓް ކެރިއަރު ފެށީ އަޔެކްސް ޔޫތު ޓީމުންނެވެ. 2018 ވަނަ އަހަރު އިޓަލީގެ ރޯމާއަށް ބަދަލުވި ނަމަވެސް އެ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަމަވެސް އޭގެ ފަހުން އާރްބީ ލައިޕްޒިގް، ނީސް އަދި ސްޕެނިޝް ލީގުގައި ލޯން އެއްބަސްވުމުގެ ދަށުން އެދެވޭ ކުޅުމެއް ދައްކާފައިވެއެވެ.

ބޯންމައުތުގެ ކޯޗަކަށް އަލަށް ހަމަޖެއްސި އިރާއޯލާ ވަނީ އާ ސީޒަން ފެށުމުގެ ކުރިން އެ ޓީމުގެ އެޓޭކްތައް ވަރުގަދަ ކުރަން ވަރަށް ބޮޑަށް މަސައްކަތް ފަށާފައެވެ. މިދިޔަ ސީޒަނުގައި އެ ކުލަބަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނަކީ ޑޮމިނިކް ސޮލަންކޭ އާއި މިޑްފީލްޑަރު ފިލިޕް ބިލިންގް އެވެ.

ކުރިޔަށް އޮތް ސީޒަނުގެ ފުރަތަމަ މެޗުގައި، އޯގަސްޓް 12 ވަނަ ދުވަހު ބޯންމައުތު ނިކުންނާނީ ވެސްޓް ހޭމް އާ ދެކޮޅަށެވެ.

- ކޮމެންޓް