ޗައިނާގެ ވެރިރަށް ބޭޖިންގ އަށް ފާއިތުވި 60 އަހަރުތެރޭ ވެސް ޖޫން މަހެއްގަ އައި އެންމެ ހޫނުގަދަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ރިކޯޑްތަކުން ދައްކައިފި އެވެ.
މި ގޮތުން އިއްޔެ ބޭޖިންގގެ ހޫނުމިން 41.8 ޑިގްރީ ސެލްސިއަސް އަށް އަރާފައިވެއެވެ. އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި މިއީ 1961 ވަނައަހަރުން ފެށިގެން ޖޫން މަހެއްގައި އައި އެންމެ ހޫނު ގަދަ ދުވަހެވެ.
މުޅި މިއަހަރުތެރޭ ވެސް ހޫނު ކަމުގެ ގޮތުން ޗައިނާއަށް އަންނަނީ އައު ރިކޯޑްތައް ކުރިމަތިވަމުން ނެވެ. މި ގޮތުން މިދިޔަމަހު، 25މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާގެ އެންމެ ބޮޑު ސިޓީ ޝެންގހާއީ އަށް ވެސް ވަނީ 100 އަހަރުތެރޭ ވެސް މެއި މަހެއްގައި ކުރިމަތިވި އެންމެ ހޫނުގަދަ ދުވަސް ރިކޯޑްކުރެވިފައެވެ.
ޗައިނާގެ އުތުރުފަޅީގައި އޮންނަ ވެރިރަށް ބޭޖިންގގައި 21 މިލިއަން މީހުން ދިރިއުޅޭއިރު އިރުމަތީފަޅީގައި އޮންނަ ޝެންގހައިގައި 25 މިލިއަން މީހުން ދިރި އުޅެއެވެ. މިގޮތުން ބޮޑު އާބާދީ އަކަށް ވަނީ ހޫނުގެ އުނދަގޫ ކުރިމަތިވެފައެވެ.
ބުރާސްފަތި ދުވަހު ބޭޖިންގގެ މޫސުމާބެހޭ އިދާރާތަކުން ވަނީ އޮރެންޖް އެލަރޓް ވެސް ނެރެފަ އެވެ. އަދި ހޮނިހިރު ދުވަހާހަމަޔަށް ހޫނުކަން ދެމިގެން ދާނެ ކަމަށް ވަނީ އަންގާފައެވެ.
ޗައިނާއަށް ކުރިމަތިވެފައި މިވާ ހޫނުގެ މައްސަލައާ ގުޅިގެން ނެޝަނަލް ވެދަރ ބިއުރޯ އިން މިދިޔަ ހަފްތާގައިވަނީ މިފަދަ އިންތިހާ ހޫނުގެ ސަބަބުން މީހުންނަށް "ހީޓް ސްޓްރޯކް" ޖެހުން ގާތްކަމަށް ބުނެ އެންގުންތައް ނެރެފަ އެވެ. މިފަހަރު މިފަދަ އިންޒާރުތައް ނެރެފައި މިވަނީ މީގެ ކުރިން މިފަދަ އިންޒާރުތައް ނެރޭ ތާރީޚަށް ވުރެ ދެ ހަފްތާ އަވަހަށެވެ.
އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ބޭޖިންގ އާއި ޓިއާންޖިން ހިމެނޭ ގޮތުން އުތުރު އަދި އިރުމަތީ ފަޅީގެ ލޯކަލް އޮތޯރިޓީތަކުން ވަނީ ދުވަހުގެ ހޫނު ގަޑިތަކުގައި އިމާރާތްތަކުން ބޭރުގައި ކުރާ މަސައްކަތްތައް ނުކުރުމަށް އަންގާފައެވެ. އަދި "ހީޓް ސްޓޯކް" އެއްގެ އަލާމާތްތައް ފެނިއްޖެ ނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމަށް ވެސް ވަނީ އަންގާފައެވެ.
ހޫނު ގަދަވުމުގެ ސަބަބުން އޭސީތައް ބޭނުން ކުރާ މިންވަރު އިތުރުވާނެތީ އިންޖީނުގެތަކަށް ލޯޑުބޮޑުވެ ކަރަންޓު ކެނޑުމުގެ ހާދިސާތައް ވެސް ކުރިމަތިވާނެ ކަމަށް ބަލައި މިކަމަށް ވެސް ދަނީ ތައްޔާރުވަމުން ކަމަށް ޚަބަރުތައް ބުނެއެވެ. މިގޮތުން ބިމުއަޑީގެ ޓަނަލްތަކުން ގެންގޮސް އޮންނަ ކަރަންޓު ކޭބަލްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުން ޔުޓިލިޓީ ޑިޕާޓްމަންޓްގެ މީހުން ކޮންމެ ދުވަހަކުވެސް ޗެކް ކުރަމުން ގެންދާ ކަމަށް ޚަބަރު ލިބެއެވެ.