ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާ އާއި ޕާކިސްތާން މާދަމާ ކުޅެން އޮތް މެޗު ފަސްވެއްޖެނަމަ އިންޑިޔާ އަށް ވެސް ފައިދާތަކެއް އެބަހުރި ކަމަށް ކެޕްޓަން ސުނިލް ޗެތްރީ ބުނެފި އެވެ.
އޭނާ މިހެން ބުނީ އިންޑިޔާގެ ބެންގަލޫރުގައި މާދަމާ ފަށާ މުބާރާތާ ބެހޭ ގޮތުން ވާހަކަދައްކަމުންނެވެ. ޗެތްރީ ބުނީ އިންޓަކޮންޓިނެންޓަލް ކަޕްގައި ވާދަކުރުމަށްފަހު އިންޑިޔާ ޓީމު ވެސް ބެންގަލޫރަށް ދަނީ ވަރުބަލިކަންމަތީގައި ކަމަށެވެ.
"މިހެންވެ 22 ވަނަ ދުވަހު (މާދަމާނޫން އަނެއް ދުވަހު) އެ މެޗު ކުޅެން ޖެހިއްޖެނަމަ އަހަރުމެންނަށް ވެސް ފަސޭހަވާނެ. އެއީ މުބާރާތެއް ނިންމާފައި ދިގު ދަތުރެއްކޮށްފައި ބެންގަލޫރަށްދާއިރު ވަރުބަލިވާނެތީވެ. އަހަރުމެން ވެސް ބޭނުންވަނ 22 ވަނަ ދުވަހު ފުރަތަމަ ކުޅެފައި 26 ވަނަ ދުވަހު އަނެއް މެޗު ކުޅެން. އެކަމަކު މިހެން ބުންޏަސް ކޮންމެ ހާލަތަކަށް ވެސް ކޯޗު ވަނީ ޓީމު ފިޓްކޮށްފައި. އަހަރުމެން މިތިބީ މާދަމާ ވެސް ކުޅެން ތައްޔާރަށް،"ޗެތްރީ ބުންޏެވެ.
އޭނާ މިފަދައިން ވާހަކަ ދެއްކިއިރު ޕާކިސްތާން ޓީމަށް މެޗު ފަށަންވާއިރަށް އިންޑިޔާ އަށް ދެވޭނެ ކަމާމެދު ވަނީ ސުވާލުއުފެދިފަ އެވެ. ސަބަބަކީ ވިސާގެ މައްސަލަ ހައްލުވެގެން އެ ޓީމަށް އިންޑިޔާ އަށް ދަތުރު ފެށޭނީ މިއަދުގެ ވަގުތެއްގައި ކަމަށްވާތީ އެވެ. މޮރިޝަސްގައި މިހާރު ތިބި ޕާކިސްތާން ޓީމު މިއަދު ހަވީރު ފުރައިފިނަމަ މުމްބާއީ މަގުން ބެންގަލޫރަށް އެންމެ އަވަހަށް ވެސް ދެވޭނީ ބުދަ ދުވަހުގެ މެންދުރެއްހާއިރު އެވެ. އިންޑިޔާއާ ދެކޮޅަށް މެޗު އޮތީ އެދުވަހު އިރުއޮއްސޭއިރު އެވެ. މިހެންވެ ޕާކިސްތާނުން ވެސް ބުނީ މިއަދު ހެނދުނު މުމްބާއީއަށްދާ ފްލައިޓެއް ނެތްނަމަ ފުރަތަމަ މެޗު ކުޅެން ވަރަށް އުނދަގޫވާނެ ކަމަށެވެ.
ނަމަވެސް މުބާރާތް އިންތިޒާމްކުރާ ސާފުން ބުނެފައިވަނީ ޕާކިސްތާނަށް ނާދެވުނަސް މެޗުތައް އިސްފަސް ނުކުރާނެ ކަމަށެވެ. އަދި މެޗުގެ ތާރީހު ބަދަލުކުރަން ރަސްމީކޮށް ޕާކިސްތާނުން އެދިފައިނުވާ ކަމަށެވެ.
ޕާކިސްތާނާއި އިންޑިޔާ އަކީ ސިޔާސީ ގޮތުން ވަރަށް ބޮޑު ދެ ހަތުރުންނެވެ. މިހެންވެ އެއްބަޔަކު އަނެއް ގައުމަށް ދިއުން ވަނީ މަނާކޮށްފަ އެވެ. މުބާރާތުގެ ކުރިން ވިސާ ހަމަޖެހޭނެ ކަމަށް އިންޑޔާއިން ބުނިނަމަވެސް ޕާކިސްތާނަށް ވިސާ ލިބުމުގައި ދަތިތައް ދިމާވީ ދެ ގައުމުގެ ސިޔާސީ އަރައިރުންތަކުގެ ސަބަބުންނެވެ.
ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރަކަށް ކުޅޭ މުބާރާތުގައި އިންޑިޔާ އާއި ޕާކިސްތާނުގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ ކުވޭތާއި ނޭޕާލެވެ. ބީ ގްރޫޕުގައި ހިމެނެނީ ދިވެހިރާއްޖެ އާއި ބަނގްލަދޭޝް އާއި ލެބަނަން އާއި ބޫޓާނެވެ. ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.