ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޕަންޔޯލް އާއި ސްޕެއިންގެ ފޯވާޑް ހޮސޭލޫ ރެއާލް މެޑްރިޑަށް ބަދަލުވެއްޖެއެވެ.
ހޯމަ ދުވަހު ރެއާލް މެޑްރިޑުން ހޮސޭލޫގެ ސޮއި ހޯދާފައިވަނީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދާއިމީ ކުރުމުގެ އޮޕްޝަނަކާ އެކުއެވެ.
އުމުރުން 33 އަހަރުގެ ހޮސޭލޫ މިދިޔަ ސީޒަނުގައި އެސްޕަންޔޯލް އަށް 16 ލަނޑު ކާމިޔާބުކޮށްދިންއިރު، އެ ސީޒަނުގައި އޭނާ އަށްވުރެ އިތުރަށް ލަނޑު ޖަހާފައިވަނީ ހަމައެކަނި ރޮބަޓް ލެވަންޑޯސްކީ އާއި ކަރީމް ބެންޒެމާއެވެ. ނަމަވެސް އެސްޕަންޔޯލް ވަނީ ރެލިގޭޓްވެފައެވެ.
ޔުއެފާ ނޭޝަންސް ލީގުގެ ފަހު ހަތަރު މެޗަށް ސްޕެއިންގެ ސްކޮޑުގައި ހިމެނުނު ހޮސޭލޫ ވަނީ އިޓަލީ އަތުން 2-1 އިން މޮޅުވި ސެމީ ފައިނަލް މެޗުގެ 84 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ މޮޅު ކުޅުމެއް ދައްކާފައެވެ. އެ މެޗުގައި ސެޕެއިން މޮޅުކޮށްދިން ލަނޑު ޖަހާފައިވަނީ ހޮސޭލޫއެވެ.
ސެލްޓަ ވީގޯ އިން މެޑްރިޑަށް އެންމެ ފުރަތަމަ ހޮސޭލޫ ސޮއިކުރީ 2009 ވަނަ އަހަރު އެވެ. އޭނާ ވަނީ 2011-12 ވަނަ ސީޒަނުގައި ރިޒާވް ޓީމަށް 26 ލަނޑު ޖަހައިދީފަ އެވެ. ޖަރުމަނުގެ ހޮފެންހައިމަށް ބަދަލުވުމުގެ ކުރިން 2011 ވަނަ އަހަރުގެ މެއި މަހު އަލްމެރިއާ އަތުން 8-1 އިން މޮޅުވި މެޗުގައި އޭނާ ވަނީ ފުރަތަމަ ޓީމަށް ލަނޑެއް ޖަހައިދީފައެވެ.
އެއިންޓްރަކްޓް ފްރޭންކްފާޓް، ހެނޯވާ 96، ސްޓޯކް ސިޓީ، ޑިޕޯޓިވޯ ލާ ކޮރޫނާ އަދި ނިއުކާސަލް ޔުނައިޓެޑަށް ކުޅުމަށްފަހު ހޮސޭލޫ ވަނީ އަލަވޭސްގައި 2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު ތިން ސީޒަނުގައި ސްޕެނިޝް ލީގުގައި 36 ލަނޑު ޖަހައިފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު އެސްޕަންޔޯލް އަށް ބަދަލުވުމުން އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ފޯމެއް ފެނުނު އިރު، މިދިޔަ މާޗް މަހު އުމުރުން 32 އަހަރުގައި ފުރަތަމަ ފަހަރަށް ސްޕެއިންގެ ޓީމުން ޖާގަ ލިބުނެވެ. ކޮލިފައިންގައި ނޯވޭ އަތުން 3-0 އިން މޮޅުވި މެޗުގައި ތިން މިނެޓުގެ ތެރޭގައި އޭނާ ވަނީ ދެ ލަނޑު ޖަހާފައެވެ.
ބެންޒެމާ އާއި މަރިއާނޯ ޑިއާޒް މި މަހު ދޫކޮށްލުމަށްފަހު މެޑްރިޑުން އަންނަނީ ސްޓްރައިކަރެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.