ވިސާގެ މައްސަލަ ހައްލުނުވާތީވެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކުޅެން އިންޑިޔާ އަށް ނުދެވިފައި ތިބި ޕާކިސްތާން ގައުމީ ޓީމަށް އެ ގައުމަށް ފޯރާނީ މިއަދު ހަވީރު ނޫނީ މާދަމާގެ ވަގުތެއްގައި ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ބުނެފި އެވެ.
މިއީ މުބާރާތް ފަށާ ބުދަ ދުވަހު އިންޑިޔާއާ ދެކޮޅަށް ޕާކިސްތާން ކުޅެން ޖެހޭ މެޗަށް ގާތްގަނޑަށް 24ގަޑިއިރު ނުވަތަ އެއްވުރެ ވަގުތު މަދުވެސް ވެދާނެ ގަޑިއެކެވެ. މެޗަށް ވަގުތު ކުޑަތަންވާ ފަހުން ޕާކިސްތާނަށް އިންޑިޔާ އަށް ދެވޭގޮތްވި ނަމަވެސް މެޗު ޝެޑިއުލަށް ބަދަލުނުގެންނާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ސާފުން ވަނީ ބުނެފަ އެވެ. ސާފް އަކީ އެ ޖަމާއަތް ހިންގުމުގައި އިންޑިޔާގެ ނުފޫޒު ވަރަށް ބޮޑަށް އޮތް ގައުމެކެވެ.
ސިޔާސީ އަރައިންތަކުގެ ސަބަބުން އަބަދުވެސް ގުޅުން ގޯސް ދެ ގައުމުގެ މީހުން އެއް ގައުމު އަނެއް ގައުމަށް ދިއުން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކުޅެން އިންޑިޔާ އަށް ޕާކިސްތާން ޓީމު އެތެރެވުމަށް ދެ ގައުމުން ވެސް ވަނީ ހުއްދަދީފަ އެވެ. ނަމަވެސް ޕާކިސްތާން މިވަގުތު ތިބީ މޮރިޝަސްގަ އެވެ. އެމީހުން އިންޑިޔާ އަށް ދިއުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ އިއްޔެ އެވެ. ނަމަވެސް މޮރިޝަސްގައި ހުންނަ އިންޑިޔާ އެމްބަސީއިން ވިސާގެ ކަންކަން ހަމަޖައްސައިދީފައިނުވުމުން ފްލައިޓްވަނީ ފަސްވެފަ އެވެ.
ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރަކަށް ބެންގަލޫރުގައި ކުރިއަށްދާ މުބާރާތުގައި ސާކްގެ އަށް ގައުމާއި ސަރަހައްދުން ބޭރުން ކުވޭތާއި ލެބަނަން ވާދަކުރާނެ އެވެ. ގްރޫޕް އޭގައި ހިމެނެނީ ޕާކިސްތާނާއި އިންޑިޔާ އަދި ކުވޭތާއި ނޭޕާލެވެ. ދިވެހިރާއްޖެ އާއި ބަނގްލަދޭޝް އަދި ބޫޓާނާއި ލެބަނަން ހިމެނެނީ ގްރޫޕް ބީގަ އެވެ. މުބާރާތަށް ބަނގްލަދޭޝް އާއި ނޭޕާލް އަދި ދިވެހިރާއްޖެ މިހާރު ވަނީ ބެންލަރޫރަށް ގޮސްފަ އެވެ.
ޕާކިސްތާން ޓީމަށް ވިސާގެ މައްސަލަ ކުރިމަތިވީ އެކަން އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނާއި ސާފްގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށެވެ. މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ މަހު އިންޑިޔާގައި ބޭއްވި ސާފްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަށް ޕާކިސްތާނުގެ އޮފިޝަލުންނަށް އިންޑިޔާ އަށް ދެވޭގޮތް ނުވުމުންނެވެ. އެ ބައްދަލުވުމުގައި ޕާކިސްތާން ބައިވެރިވީ އޮންލައިންކޮށެވެ. މިހެންވެ ސާފުން ވިސާގެ މައްސަލަ ހައްލުކުރަން ކުރި މަޝްވަރާތަކަށް ފަހު އިންޑިޔާ ފެޑަރޭޝަނުންވަނީ ވިސާ ހަމަޖެހޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ޕާކިސްތާން ސަރުކާރުން އެ ގައުމުގެ ގައުމީ ޓީމު އިންޑިޔާ އަށް ދިއުމުގެ ހުއްދަދިނީ ވެސް އިންޑިޔާ ސަރުކާރުން ވިސާގެ ކަންކަން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.