Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 17:38
ޔާމިން ރަޝީދު
ޔާމިން ރަޝީދު
ޓްވިޓަރ
ޔާމިން ރަޝީދު
ޔާމިންގެ އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ހުޅުވާލައިގެން ބާއްވަނީ
ސިވިލް ކޯޓުގެ ޝަރީއަތް ސިއްރުކުރަން ދައުލަތުން ބޭނުންވި

ލާއިންސާނީ ހަމަލާތަކެއްދީ މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރާލުމުގެ ކުރިން އޭނާއަށް ދީފައިވާ މަރުގެ އިންޒާރުތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ބަލާފައި ނުވާ ކަމަށްބުނެ އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމައިފިއެވެ.

ޔާމިންގެ މަރުގެ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށްބުނެ އެ މައްސަލައިގެ ބަޔާންތައް ސިއްރުކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދުނު ނަމަވެސް އާއިލާއިން އެދެމުންދިޔައީ ހުޅުވާލައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. އަދި ބަޔާންތައްވެސް ހާމަކުރުމަށް އެދުނެވެ. އެހެން ކަމުން އަންގާރަ ދުވަހު ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ނިންމީ މައްސަލައިގެ ބަޔާންތައް ސިއްރުނުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ކުރިއަށް ގެންދިއުމަށެވެ.

އެ މައްސަލައިގައި ޔާމިންގެ އާއިލާގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ، ޔާމިން ރަޝީދުގެ އާއިލާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ މީގެ އަހަރުތަކެއް ކުރިންވެސް ޔާމީނަށް އެކި ފަހަރު އިންޒާރުތައް ލިބުމުންވެސް އެކަމަށް ފުލުހުން ފިޔަވަޅު އަޅާފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު އެ މައްސަލައާއި މިހާރު ހިނގަމުންދާ ޔާމީންގެ މަރުގެ ތަހުގީގާއި ގުޅުން ނެތް ކަމަށެވެ.  

ޔާމިން ރަޝީދުގެ އާއިލާއިން ކުރަމުންދާ ކަމަކީ ޔާމީނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކަމަށާއި އެކަން ކުރުމަށް ފުލުހުން ކުރިންވެސް ވަނީ އިހުމާލުވެފައިކަން ވަކީލް ފާހަގަކުރެއްވިއެވެ.  

ސުއޫދު ވިދާޅުވީ ޔާމީންގެ އާއިލާގެ ފަރާތުން އެދެނީ ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުން ކުރާ ތަހުގީގު ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަމާއިއެކު މިނިވަން ތަހުގީގަކަށް ވެގެން ދިއުން ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ދަނީ ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށް ފުލުހުން ބުނެފައި ވީނަމަވެސް އެއީ ކޮން ފަރާތެއްކަން އަދި ކިހިނެއް ހޯދާ އެހީއެއްކަންވެސް ނުބުނާކަން ސުއޫދު ފާހަގަކުރެއްވިއެވެ.

ޔާމިން ރަޝީދު މަރާލާފައިވަނީ މިދިޔަ އޭޕްރިލް މަހުއެވެ. އަދި އެ މައްސަލާގައި ބަޔަކު ހައްޔަރުކޮށްފައިވާއިރު އެ ތަހްގީގު ކުރިއަށްދާކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް