ކ. މާލެ
|
18 ޖޫން 2023 | އާދީއްތަ 12:47
ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޕާކިސްތާން ޓީމް: އިންޑިޔާ އަށް ދިއުމަށް ވިސާ ނުލިބޭ
ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޕާކިސްތާން ޓީމް: އިންޑިޔާ އަށް ދިއުމަށް ވިސާ ނުލިބޭ
ގޫގުލް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕަށް ދެ ދުވަސް، ވިސާ ނުލިބިގެން ޕާކިސްތާން އިންޑިޔާ އަށް ނުދެވިފައި
ޕާކިސްތާނަށް ވިސާގެ މައްސަލަ ކުރިމަތިވީ ވިސާ ލިބޭނެކަމުގެ ޔަގީންކަން އިންޑިޔާ ފެޑަރޭޝަނުން ދީފައިވަނިކޮށް

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އިންޑިޔާގައި ފަށަން ދެ ދުވަހަށްވީއިރު ވާދަވެރި ޕާކިސްތާނަށް ވިސާ ނުލިބިގެން އިންޑިޔާ އަށް ދެވޭގޮތްނުވެ ތާށިވެއްޖެ އެވެ.

ޕާކިސްތާނާއި އިންޑިޔާ އަކީ ސިޔާސީ ގޮތުން ވަރަށް ހަތުރުވެރި އަދި އަސްކަރީގޮތުން ސަރަހައްދުގެ އެންމެ ވާދަވެރި ދެ ގައުމެވެ. މި ދެ ގައުމުގެ މީހުން އެއް ގައުމު އަނެއް ގައުމަށް ދިއުން އޮންނަނީ މަނާކޮށްފަ އެވެ. އަދި ކުޅިވަރުގެ އިވެންޓްތަކުގައި ވެސް ދެ ގައުމު އެއްބަޔަކު އަނެއް ބައެއްގެ ފަސްގަނޑުގައި ކުޅެން ދަނީ ދެކޮޅު ހަދަމުންނެވެ. ހާއްސަކޮށް ކްރިކެޓް މުބާރާތްތަކުގަ އެވެ. މި އަހަރު ކުރީކޮޅު ޕާކިސްތާނުގެ އެތްލެޓިކްސް ޓީމެއް އިންޑިޔާ އަށް ދިއުން ވެސް މަނާކުރި އެވެ.

ސާފް ޗެމްޕިއަންޝިޕުގައި ޕާކިސްތާނު ކުޅެން ޖެހޭ ފުރަތަމަ މެޗު އޮތީ އަންނަ ބުދަ ދުވަހު އިންޑިޔާއާ ދެކޮޅަށެވެ.

ޕާކިސްތާނަށް ވިސާގެ މައްސަލަ ދިމާވީ މި ފަހަރުގެ މުބާރާތުގައި ކުޅޭ ހުރިހާ ގައުމަކަށް ވެސް އިންޑިޔާ ސަރުކާރުން ވިސާ ހަމަޖައްސައިދީފައިވާ ކަމަށް އޯލް އިންޑިޔާ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވަނިކޮށެވެ.

ނަމަވެސް ޕާކިސްތާން ފުޓްބޯޅަ ފެޑަރޭޝަނުން މިއަދު ބުނީ އެ ގައުމު އިންޑިޔާގެ ބެންގަލޫރަށް ދާން ޖެހެނީ މޮރިޝަސްއިން ކަމަށާއި ނަމަވެސް ދަތުރު ނުފެށި ޓީމު މިވަގުތު ތިބީ ފުރޭނެ ގޮތެއްނެތިފައި ކަމަށެވެ.

އަހަރުމެން މޮރިޝަސްއަށް ދާން މިއަދު ހެނދުނު ފުރަންޖެހޭ. އެކަމަކު މޮރިޝަސްގައި ހުންނަ އިންޑިޔާ އެމްބަސީން އަދިވެސް ވިސާ ނުދޭ
ޕާކިސްތާން ޓީމުގެ ފަރާތުން އާއްމުކޮށްފައިވާ ވީޑިއޯ މެސެޖު

މުބާރާތަށް އިންޑިޔާ އަށް ދާން ބޭނުންވާ ވިސާގެ މައްސަލަ އެންމެ ފުރަތަމަ ކުރިމަތިކުރީ ވެސް ޕާކިސްތާނުންނެވެ. ސަބަބަކަށްވީ އިންޑިޔާގައި މިދިޔަ މަހު ބޭއްވި ސާފްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވާން ދިއުމަށް ޕާކިސްތާނުގެ އޮފިޝަލުންނަށް އިންޑިޔާއަށް ދިއުމުގެ ވިސާ ނުދިނުމުންނެވެ. މިހެންވެ އެ ބައްދަލުވުމުގައި ޕާކިސްތާން ބައިވެރިވީ އޮންލައިންކޮށެވެ.

މިހެންވެ ތަކުރާރުކޮށް ޕާކިސްތާނުން ކަންބޮޑުވުން ފާޅު ކުރަން ފެށުމުން މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން އިންޑިޔާ ފެޑަރޭޝަނުން ވަނީ ވިސާ ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ބޭއްވި ސާފް އެގްޒެކެޓިވް ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި ހުރިހާ ގައުމަކަށް ވެސް ވިސާ ލިބޭނެ ކަމުގެ ޔަގީންކަން މިދިޔަ ހަފުތާގައި ދީފަ އެވެ.

މިހާރު ވިސާގެ މައްސަލައެއް ނޯންނާނެ. އަހަރުމެން ޔަގީންކަން މިދެނީ ޕާކިސްތާނާއި ކުވޭތާއި ބަނގްލަދޭޝް ވެސް ހިމެނޭހެން އިންޑިޔާ ސަރުކާރުން މުބާރާތް ކުޅޭ ހުރިހާ ގައުމަކަށް ވެސް ވިސާ ދޭނެކަން
އަންވްރުލް ހައްގު ހިލާލް / ސާފްގެ ޖެނެރަލް ސެކްރެޓަރީ

މި ބައްދަލުވުމަށްފަހު އޭނާ ދެން ވިދާޅުވީ ޕާކިސްތާން ޓީމު އިންޑިޔާ އަށް އައުމަކީ އެގައުމުގެ އަމިއްލަ ކަމެއް ކަމަށެވެ.

މިހާރު އެއީ ޕާކިސްތާނުގެ އަތުގައި އޮތް ބާރެއް. ޕާކިސްތާނު ސަރުކާރުން މިހާރު ނިންމަންވެފައި އޮތީ އެމީހުންނަށް އިންޑިޔާ އަށް އާދެވޭނެތޯ. އެކަމަކު ޕާކިސްތާން ފުޓްބޯޅަ ފެޑަރޭޝަނުގެ އޮފިޝަލުން ވަނީ އަހަރުމެންނަށް އަންގާފައި އެމީހުން އިންޑިޔާ އަށް ދަތުރުކުރަން ޕާކިސްތާން ސަރުކާރުގެ ހުއްދަ ދެ ދުވަހެއްގެ ތެރޭގައި ލިބޭނެ ކަމަށް. ބަނގްލަދޭޝް އާއި ކުވޭތަށް ވަނީ ވިސާ ލިބިފައި
އަންވްރުލް ހައްގު ހިލާލް / ސާފްގެ ޖެނެރަލް ސެކްރެޓަރީ
- ކޮމެންޓް