Advertisement
ކ. މާލެ
|
16 ޖޫން 2023 | ހުކުރު 17:50
ސަފާތު އަޙްމަދު ޒާހިރު
ސަފާތު އަޙްމަދު ޒާހިރު
ރާއްޖެއެމްވީ
މަދަނީ ޖަމިއްޔާގެ އޭޝިއާ ގަވަރުނަރަކަށް ސަފާތު
ކޮމަންވެލްތުގެ މަދަނީ ޖަމިއްޔާގެ އޭޝިއާ ގަވަރުނަރަކަށް ސަފާތު އައްޔަންކޮށްފި
ސަފާތު މި މަގާމަށް ހޮވިފައިވަނީ އޭޝިޔާއިން ކުރިމަތިލި 600 މީހުންގެ ތެރެއިން
އޭޝިޔާ ސަރަހައްދުގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ އަޒުމެއް
ސަފާތަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓު

ކޮމަންވެލްތު ފައުންޑޭޝަނުން އެކުލަވައިލާ މަދަނީ ޖަމިއްޔާތަކާ ބެހޭ ޚާއްސަ ބޯޑުން އޭޝިޔާ ތަމްސީލުކުރާ ގަވަރުނަރުގެ ގޮތުގައި ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާއަށް ސަފާތު އަޙްމަދު ޒާހިރު އައްޔަން ކޮށްފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާލި ފުރުސަތުގެ ދަށުން ކޮމެންވެލްތުގެ ފަސް ސަރަހައްދު، އެފްރިކާ, އޭޝިޔާ, ކެރޭބިޔަން އެންޑް އެމެރިކާސް, ޕެސިފިކް އަދި ޔޫރަޕް, މިއިން ކޮންމެ ސަރަހައްދަކުން ގަވަރުނަރަކު އައްޔަންކުރުމަށް ނިންމިއެވެ.

ސަފާތު މި މަގާމަށް ހޮވިފައިވަނީ އޭޝިޔާއިން ކުރިމަތިލި 600 މީހުންގެ ތެރެއިންނެވެ.

ކޮމަންވެލްތުގެ މަދަނީ ޖަމިއްޔާތަކާއި ބެހޭ ޚާއްސަ ބޯޑުގައި އޭޝިޔާ ބައްރު ތަމްސީލުކުރާ ގަވަރުނަރުގެ ހައިސިއްޔަތުން ކޮމަންވެލްތް ފައުންޑޭޝަންގެ ޑިރެކްޓަރ ޖެނެރަލްއާއި ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން ވެސް ގިނަ ބައްދަލުވުންތަކުގައި އޭޝިޔާ ސަރަހައްދު ތަމްސީލް ކުރުމުގެ ފުރުސަތު ސަފާތަށް ލިބޭނެއެވެ.

Advertisement

މި މަގަމާއި ގުޅޭގޮތުން ސަފާތު ވިދާޅުވީ، ކޮމަންވެލްތުގެ ލަނޑުދަނޑިތައް ކަމުގައިވާ މިންތީގެ ހަމަހަމަކަން, ޑިމޮކްރަސީ އަދި އިންސާނީ ހައްގުތައް ހިފެހެންޓުން ފަދަ ކަންކަން ހާސިލްވާނޭ ފަދައިން އޭޝިޔާ ސަރަހައްދުގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ލާބައާއި މަންފާއަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އޭޝިޔާ ސަރަހައްދުގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ އަޒުމެއް ކަމަށް ސަފާތު ވިދާޅުވިއެވެ.

ސަފާތަށް މި މަގާމު ލިބުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ސަފާތުގެ މަސައްކަތްތަކަށް އިތުބާރު ކުރައްވާ ކަމަށާއި، އޭޝިޔާ ސަރަހައްދު ތަމްސީލު ކުރުމުގައި ތަފާތު ދައްކަވާނެ ކަމަށެވެ.

ސަފާތަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް