Advertisement
ކ. މާލެ
|
16 ޖޫން 2023 | ހުކުރު 07:47
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު
އިސްލާމިކް މިނިސްޓްރީ
ޙަލާލް އިކޯ ސިސްޓަމް ޑިވެލޮޕްމަންޓް
ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރެވިގެން ދިއުމަކީ އުންމީދެއް: މިނިސްޓަރު
ޙަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހު
އެކްސްޕޯޓް އަދި އިމްޕޯޓްކުރާ އުފެއްދުންތަކުގައި ހުންނަ ތަކެތި ބަލައި ތަޙްލީލުކުރާނެ ލެބޯޓްރީއެއް ރާއްޖޭގައި ނެތް

ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު މިހެން ވިދާޅުވީ ޙަލާލް އިކޯ ސިސްޓަމް ޑިވެލޮޕްމަންޓް 2023ގެ ނަމުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުންނެވެ.

15 ޖޫން ގައި އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރުމަށްޓަކައި، ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، ސެރޫނާއީ އީކޮމާސްއިން ކަމާގުޅޭ ދާއިރާތަކަށް ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ވިދާޅުވީ ރާއްޖޭގައި ޙަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހުކަމަށެވެ. އަދި މިހާރު 7 ކުންފުންޏަކުން މި ޚިދުމަތް ލިބިގަންނައިރު  އެކްސްޕޯޓްކުރާ މަހުގެ ތަފާތު ބާވަތްތަކުގެ 100ށް ވުރެ ގިނަ އުފެއްދުންތަކަށް ޙަލާލު ސެޓްފިކެޓް ދޫކުރެވުނުކަމަށެވެ. މިއީ ކުރިއެރުމެއްކަމުގައި ވީނަމަވެސް އުފެއްދުންތަކަށް ރާއްޖޭގެ ޙަލާލް ސެޓްފިކެޓް ދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކްސްޕޯޓް އަދި އިމްޕޯޓްކުރާ އުފެއްދުންތަކުގައި ހުންނަ ތަކެތި ބަލައި ތަޙްލީލުކުރާނެ ލެބޯޓްރީއެއް ރާއްޖޭގައި ނެތްކަމަށެވެ. އަދި އެފަދަ އުފެއްދުންތަކުގެ ލެބޯޓްރީ ޓެސްޓް ހެދުމަށް، ތަމްރީނު ލިބިފައިވާ ފަންނީ ބޭފުޅުން މަދުކަމަށާއި ރާއްޖޭގައި ޙަލާލް ސެޓްފިކެޓާމެދު އޮންނަ ހޭލުންތެރިކަން އާންމުގެ ތެރޭގައި މަދުކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ޚާއްސަ ޤާނޫނީ އޮނިގަނޑެއް ނެތުންފަދަ ކަންކަމަކީ ހުރި ގޮންޖެހުންތައްކަމުގައި މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

Advertisement

މި ގޮންޖެހުންތަކުން އަރައިގަތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ސެރޫނާއީ އީ ކޮމާސް ގުޅިގެން، ރާއްޖޭގައި ޑިޖިޓަލް ޙަލާލް ނިޒާމެއް ޤައިމްކުރުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްވަރާތަކުގެތެރޭގައި، ރާއްޖެއަށް އެކްސްޕޯޓްކުރާ ތަކެތި، ޑިޖިޓަލައިޒްޑް ސިސްޓަމަކުން ޓްރެކްކޮށް، ޓެސްޓްކޮށް، މޮނިޓަރ ކުރެވޭނެކަމަށެވެ. އަދި ލެބޯޓްރީއެއް ގާއިމްކުރުމުގެ އިތުރުން ސިނާޢަތާގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، ތަމްރީނުތައް ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންދެވިފައިވާކަމަށެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވޭ މި މަސައްކަތްތަކުގެ ދަށުން އުންމީދަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ޙަލާލް ސިސްޓަމް ތަޢާރަފްކުރެވިގެން ދިއުންކަމަށް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

ސެރޫނާއީ އީ ކޮމާސްއިން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މިހާރު އޮތް ޙަލާލު ސެޓްފިކެޓް ދިނުމުގެ އުސޫލު އިތުރަށް ދިރާސާކޮށް، ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ޑިޖިޓަލައިޒްޑް ސިސްޓަމެއްގެ ދަށުން ޙަލާލް ސެޓްފިކެޓްދޫކުރުމުގެ ނިޒާމެއް ތަޢާރަފްކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް