ފުރަތަމަ މެޗުގައި ބޫޓާން އަތުން ބަލިވިޔަސް, ދެވަނަ މެޗުގައި ޕާކިސްތާން ބަލިކޮށް ނޭޕާލުން ފައިވް ނޭޝަންސް ކަޕްގައި ކުރިއަށް ދިއުމުގެ ފުރުސަތު ތަނަވަސްކޮށްފިއެވެ.
ޕާކިސްތާން އަތުން ނޭޕާލް ކުރިހޯދީ ފަހު ދެ ކުއާޓަރުގައި ގޭމް އަނބުރާލައިގެންނެވެ. މެޗު ނޭޕާލުން ކާމިޔާބުކުރީ ހަތަރު ޕޮއިންޓުގެ ތަފާތަކުންނެވެ. އެއީ 66-62 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރުގައި ކުރިހޯދީ ޕާކިސްތާނުންނެވެ. އަދި ދެވަނަ ކުއާޓަރ ނިމުނުއިރުވެސް ކުރީގައި އޮތީ ޕާކިސްތާނެވެ. އެކަމަކު ތިންވަނަ ކުއާޓަރުގައި ނޭޕާލުން ވަނީ ގޭމް އަނބުރާލާފައެވެ. މެޗު އެނބުރިގެންދިޔަ މައިގަނޑު ސަބަބަކީ ޕާކިސްތާނުގެ މުހިއްމު ކުޅުންތެރިއަކަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމާއި, ބެންޗުގައި ރަނގަޅު ކުޅުންތެރިން ނެތުމެވެ. މީގެ އިތުރުން، މެޗު އެނަލިސްޓް ފާހަގަކުރިގޮތުގައި ޕާކިސްތާން ފެނުނީ ފިޓްނަސް ދަށްކޮށެވެ. ޕާކިސްތާނުން ބައިނަލްއަގުވާމީ މެޗެއް ކުޅެފައި މިވަނީ ދިހަ އަހަރަށް ފަހުއެވެ.
މިއީ މުބާރާތުގައި ޕާކިސްތާނުގެ ފުރަތަމަ މެޗެވެ. އެކަމަކު ނޭޕާލުގެ ދެވަނަ މެޗެވެ. ލީގު ބުރުން ކަޓާނީ ފުލަށް ދާ ޓީމެވެ. އަނެއް ހަތަރު ޓީމް ސެމީގައި ވާދަކުރާނެއެވެ. މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ވާދަކުރާނީ ރާއްޖެއާއި ބޫޓާނެވެ. ރާއްޖެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވިއިރު, ބޫޓާން ވަނީ ނޭޕާލް ބަލިކޮށްފައެވެ.