އިނގިރޭސި މިޑްފީލްޑަރ ޑެކްލައިން ރައިސް ހޯދަން އާސެނަލްއިން ހުށަހެޅި ފުރަތަމަ ހުށަހެޅުމަށް ވެސްޓް ހޭމްއިން ދެކޮޅުހަދައިފިއެވެ.
ވެސްޓް ހޭމްގެ ކެޕްޓަން ރައިސް ހޯދަން ޕްރިމިއަރ ލީގުގެ ދެވަނަ ހޯދި އާސެނަލްއިން ހުށަހެޅީ ކިހާވަރެއްކަމެއް ކްލަބުން ނުބުނެއެވެ. އެކަމަކު އެ ހުށަހެޅުމަކީ ވެސްޓް ހޭމްއިން ވިސްނަން ބޭނުންވާވަރަށްވުރެ ކުޑަ އަދަދެއްކަމަށް ރިޕޯރޓްތައް ބުނެއެވެ. އެހެންކަމުން އެ ހުށަހެޅުމަށް ވެސްޓް ހޭމްއިން ވަނީ ވަގުތުން ނޫނެކޭ ބުނެފައެވެ. އާސެނަލްގެ ކޯޗު އާޓެޓާ ކުރިއަށް އޮތް ސީޒަނަށް އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިއަކީ 24 އަހަރުގެ ރައިސްއެވެ. އެކަމަކު ޗެމްޕިއަންސް މެންޗެސްޓަރ ސިޓީންވެސް ރައިސްއަށް ޝައުގުވެރިވާތީ އާސެނަލްއަށް އޮތް ފުރުސަތު ކުޑައެވެ.
ސިޓީން ރައިސްއަށް ޝައުގުވެރިވަނީ ކެޕްޓަން ގުންޑޮގާންއާއި ބާނާޑޯ ސިލްވާ ކްލަބްގައި މަޑުކުރާނެކަމުގެ ޔަގީންކަން ނެތުމުންނެވެ. އަނެއްކޮޅުން ވެސްޓް ހޭމްގެ ޗެއަރމަން ވިދާޅުވެފައިވަނީ އޭނާގެ ކެޕްޓަން ކްލަބްގައި މަޑުނުކުރާނެކަމުގެ %99 ޔަގީންކަން އެބައޮތް ކަމަށެވެ. ކެޕްޓަން ކްލަބްގައި ބެހެއްޓޭނެކަމަށް އޮތީ %1 ޔަގީންކަމެވެ. ރައިސް ވަނީ ވެސްޓް ހޭމްއާއެކު ކޮންފަރެންސް ލީގު ކާމިޔާބުކޮށްފައެވެ.
ރައިސް ވެސްޓް ހޭމްއަށް ކުޅެދިން 245 މެޗުން 15 ގޯލް ޖަހައިިދިނެވެ. އިނގިރޭސި ގައުމީ ޓީމަށްވެސް އޭނާ ވަނީ 41 މެޗު ކުޅެދީފައެވެ.