ކ. މާލެ
|
14 ޖޫން 2023 | ބުދަ 23:46
ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން
ރައީސް އޮފީސް
ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް
ފައިވް ނޭޝަންސް މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ
ގައުމީ ޓީމުގެ ދެވަނަ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ބޫޓާން އާ ދެކޮޅަށް

ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ފަސް ގައުމުން ބައިވެރިވި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާ ބައްދަލުކޮށް ރާއްޖެ ބަލިވެފައިވަނީ 52-42 ގެ ނަތީޖާއަކުންނެވެ. މެޗުން ބަލިވި ނަމަވެސް ރާއްޖެއިން ވަނީ މި މުބާރާތުގައި އެންމެ ވަރުގަދަ ކަމަށް ބެލެވޭ ބަންގްލަދޭޝް ކައިރީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މެޗުގެ ފުރަތަމަ ކުއާޓާގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. މި ކުއާޓަރު ނިމުނު އިރު 13-12 އިން ކުރިހޯދާފައިވަނީ ބަންގްލަދޭޝްއެވެ. އެއް ޕޮއިންޓުގެ ލީޑަކާއެކު ފުރަތަމަ ކުއާޓާ ނިންމާލި ބަންގްލަދޭޝް އިން ދެވަނަ ކުއާޓާ ފެށީ ވަރުގަދަކޮށެވެ. އެގޮތުން އެ ޓީމުން ވަނީ 23-14 އިން ކުރިހޯދާ ނުވަ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. 23-17 ވެފައި ވަނިކޮށް ރާއްޖެއަށް އަނބުރާ ގޭމުތެރެއަށް ވަދެވުނީ އަންޒަރު ކާމިޔާބު ކުރި ތިން ޕޮއިންޓާއެކުއެވެ. ރާއްޖެއިން ދެވަނަ ކުއާޓާ ނިންމާލީ ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށް 23-21 އިންނެވެ.

ތިން ވަނަ ކުއާޓާގައި ބަންގްލަދޭޝް ޓީމުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ލީޑު ފުޅާކޮށްފައެވެ. އެ ކުއާޓާ ނިމުނީ 43-34 އިން ބަންގްލަދޭޝް ކުރިހޯދައިގެނެވެ. ހަތަރު ވަނަ ކުއާޓާ ފެށިގެން ރާއްޖެ ޓީމުން ދިޔައީ ފަހު ވަގުތާ ޖެހޭދެން ވެސް ހިތްވަރު ކުރަމުންނެވެ. އެގޮތުން ރާއްޖެ ޓީމުން ވަނީ ކައިރި ކައިރީގަ ތިން ޕޮއިންޓު ދެ ފަހަރު ސްކޯ ކޮށްފައެވެ.

ގައުމީ ޓީމުގެ ދެވަނަ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ބޫޓާން އާ ދެކޮޅަށެވެ. ބަންގްލަދޭޝްގެ މެޗެއް ދެން އޮންނާނީ ހުކުރު ދުވަހު ހަވީރު 16:00 ގައެވެ.

- ކޮމެންޓް