ކ. މާލެ
|
15 ޖޫން 2023 | ބުރާސްފަތި 00:05
''ގޯޝަރ'' ބަލި ޖެހިފައިވާ އެއްމާބަނޑު ދެކުދިން
''ގޯޝަރ'' ބަލި ޖެހިފައިވާ އެއްމާބަނޑު ދެކުދިން
ރީސާޗްގޭޓް
ގޯޝަރ ބަލި
ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
 
ރާއްޖޭގައި މިހާރު ވެސް މިބަލި ޖެހިފައިވާ 5 މީހުން އެބަތިބި
 
ސަރުބީގެ މާއްދާތައް އަށަގަންނަ އިރު އޭގެ ސަބަބުން އެެ ގުނަވަންތައް ދުޅަވޭ
 
މި ބައްޔަށް މީހާ ހުށަހެޅިގެން ދަނީ ޖެނެޓިކްސްގެ ސަބަބުން

ގޯޝަރ ބައްޔަކީ ދުނިޔޭގައި ވަރަށް މަދުން ފެންނަ ބައްޔެކެވެ. ނަމަވެސް މި ބަލި ރާއްޖެއިން މިހާރު ފެންނަމުންދަނީ މަދުން ނޫން ކަމަށް ރާއްޖޭގެ ޑޮކްޓަރުން ވިދާޅުވުމާއި ގުޅިގެން އެކަމާއި ރައްޔިތުން ވަރަށް ކަންބޮޑުވާނެއެވެ. މި ބައްޔަކީ ނުރައްކާތެރި ބައްޔަކަށްވާއިރު، މިބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވެއެވެ.

މިބައްޔަށް މީހާ ހުށަހެޅިގެން ދަނީ ޖެނެޓިކްސްގެ ސަބަބުންނެވެ. އެއީ ވަރުތަވާ ބައްޔަކެވެ. ކުއްޖާގެ މަންމައާއި ބައްޕައަކީ މިބަލި ހުންނަ މީހުންނަމަ އެކުދިންނަށް މިބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލި ޖެހުމުން އެކި އެކި "ސަރުބީ"ގެ މާއްދާތައް ހަށިގަނޑުގެ އެކި ގުނަވަންތަކުގައި އަށަގަނެއެވެ. ޚާއްސަކޮށް ސްޕްލީންއާއި ފުރަމޭ ގައި ސަރުބީގެ މާއްދާތައް އަށަގަންނަ އިރު އޭގެ ސަބަބުން އެެ ގުނަވަންތައް ދުޅަވެއެވެ. މިބަލީގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމަށް ވެސް ނޭދެވޭ ގިނަ އަސަރުތަކެއް ކުރެއެވެ. މިބަލީގައި ޓައިޕް 1 ޓައިޕް 2 ގައި ފެންނަނީ އެކި އަލާމަތްތަކެވެ. އަދި ޓައިޕް-1 އަދި 2ގައި ފެންނަ ގިނަ އަލާމަތްތައް ޓައިޕް-3 ގައި ފެނެއެވެ.

ޓައިޕް-1 ގައި ކަށީގައި ވެސް އެ މާއްދާތައް އަށަގަތުމުން ކަށިތައް ފީވެ ފަސޭހައިން ބިންދައިގެން ދެއެވެ. އަދި ގައިގެ މަސްގަނޑު ހަރުވުމާއި ތަދުވުން ފަދަ އަލާމަތްތައް ފެނެއެވެ. އަދި ޓައިޕް-2ގައި ބަނޑުގައި ރިއްސުމާއި، ލޭގެ މައްސަލަތައް ދިމާވުމާއި، ލޮލުގެ ފެނުމަށް އަސަރުކުރުމާއި، ހިންދިރުވަން އުނދަގޫވުމާއި، ސިކުނޑިއަށް އަސަރުކުރުމާއި އަދި ފިޓް ޖެހުން ފަދަ ކަންކަން ދިމާވެއެވެ.

މިބަލި ޖެހުމުގައި ވަކި އުމުރުފުރައެއް ނޯވެއެވެ. ކުއްޖާގެ ތުއްތު އިރުވެސް އަދި ބަނޑުގައި ދަރިފުޅު އޮންނައިރު، ޓެސްޓު ހަދައިގެން މި ބަލި ދެނެގެނެވިދާނެއެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުން އާއިލާގައި މި ބަލި ޖެހިފައިވާ މީހަކު ހުރިނަމަ ޓެސްޓުކޮށް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިބައްޔަށް އެކި ފަރުވާތައް ދޭއިރު، މިއީ ވަކި އުސޫލެއްގެ ތެރެއިން ޑޮކްޓަރަށް ދައްކައި، ބޭސް ކާންޖެހޭ ބައްޔެކެވެ. ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އެންޒައިމް ރިޕްލޭސްމަންޓް ތެރަޕީ އަދި ސަބްސްޓްރޭޓް ރިޑަކްޝަން ތެރަޕީން ފަރުވާ ހޯދާނަމަ، ރަނގަޅު ސިއްހަތެއްގައި ހުރުމަށް ފުރުސަތު ލިބިގެންދެއެވެ.

އެންޒައިމް ރިޕްލޭސްމަންޓް ތެރަޕީއަކީ ހަށިގަނޑުގައި ނެތް އެންޒައިމް އުފެއްދުމަށް ހަށިގަނޑަށް ދޭ ފަރުވާއެކެވެ. އާއްމުކޮށް ފަރުވާކުރަނީ އެންޒައިމް ހުންނަ އައިވީ ހަށިގަނޑަށް ގުޅައިގެންނެވެ. ސަބްސްޓްރޭޓް ރިޑަކްޝަން ތެރަޕީއަކީ ''ގްލައިކޮޖެން ސްޓޯރޭޖް ބަލިތައް'' އަދި ''ލައިސޮސޮމަލް ސްޓޯރޭޖް ޑިސްއޯޑާ'' އަށް ޚާއްސަ ފަރުވާ އެކެވެ. މިއީ ވަކި މެޓަބޮލިކް ޑިސްއޯޑާގެ ގޮތުގައި ފާހަގަކުރެވޭ ކަންކަމެވެ. ސްޓޯރޭޖް ޑިސްއޯޑާއެއްގައި ކްރިޓިކަލް ހާލަތުގައި ސެލްތަކުގެ ބްރޭކްޑައުން ހުއްޓުވައި ބޮޑެތި މޮލެކިއުލްތައް ނައްތާލުމަށް ހުރަސްއަޅައެވެ.

ޑރ. އުސާމާ އަލީ އުމަރު ވިދާޅުވާ ގޮތުގައި މިބައްޔަކީ އެއްކޮށް ރަނގަޅުކުރެވޭނެ ބައްޔެއް ނޫނެއެވެ. ނަމަވެސް މި ބަލި އަވަހަށް ދެނެގަނެވި ފަރުވާ ކުރެވިއްޖެކަމުގައިވާނަމަ ބައްޔާއެކު އެމީހަކަށް އާދައިގެ ދިރިއުޅުމެއް އުޅެވޭނެއެވެ.

މަޔޯ ކްލިނިކުން އާއްމުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މި ބަލި އާންމުކޮށް ފެންނަނީ އިރުމަތި އަދި މެދުތެރޭ ޔޫރަޕްގެ ޔަހޫދީ ނަސްލުގެ މީހުންގެ ކިބައިންނެވެ. އަދި އާބާދީގެ 40،000 ކުދިންގެ ތެރެއިން 01 ކުއްޖަކުގެ ގައިން ބަލި ފެނުމުގެ ފުރުސަތު ބޮޑެވެ. އިރުމަތި އަދި މެދުތެރޭ ޔޫރަޕްގެ ޔަހޫދީ ނަސްލުގެ 10 މީހުންގެ ތެރެއިން އެކަކުގެ ގައިގައި މި ބަލީގެ ޖީން ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކުޑަ އާބީދީއެއް އޮންނަ މިރާއްޖޭގައި މިހާރު ވެސް މިބަލި ޖެހިފައިވާ 5 މީހުން އެބަތިއްބެވެ. އެކަމާއި ގުޅޭގޮތުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވަނީ ރާއްޖޭގެ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ސަމާލުވެ، ދިވެހިންގެ ވިސްނުން ފުޅާކުރުމަށް އިލްތިމާސްކުރައްވާފައެވެ. 5 މީހުންނަށް މިބަލި ޖެހިފައިވާ ކަމަށް ޑރ.ފައިސަލް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެއެވެ.

ގޯޝަރ އަކީ ވާރުތަވާ ބައްޔަކަށްވާއިރު، މިބައްޔަށް މިހާރަށް ވުރެ ބޮޑަށް ދިވެހިން ވެސް ސަމާލުވާންޖެހެއެވެ. މިފަދަ ބަލިތަކަށް ހޭލުންތެރިވާންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
44%
17%
17%
11%
6%
6%
ކޮމެންޓް