ކ. މާލެ
|
12 ޖުލައި 2017 | ބުދަ 11:49
މެމްބަރު މުސްތަފާ ރައީސް ޔާމީނާއި އީދު ސަލާމް ކުރައްވަނީ
މެމްބަރު މުސްތަފާ ރައީސް ޔާމީނާއި އީދު ސަލާމް ކުރައްވަނީ
ޓްވިޓަރ
ޕީޕީއެމް މައްސަލަ
ޕީޕީއެމުން ވަކިކޮށްދިނުމަށް އަމިއްލައަށް އެދުމުންވެސް ވައްކެތް ނުކުރި: މުސްތަފާ
ޕީޕީއެމް އިން ވަކިވާން އެދުނު މެމްބަރުން ވަކި ކުރުމަށް ޕީޕީއެމް ދެކޮޅު
ސުޕްރީމް ކޯޓުގެ ހުކުމަށްފަހު، އެމެމްބަރުންނާމެދު ޕީޕީއެމްއިން އަމަލުކުރާނެ ގޮތާމެދު ވަނީ ސުވާލު އުފެދިފަ
ޕީޕީއެމުން މަސައްކަތް ކުރަމުންދަނީ ވަކިވާން އެދުނު މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް ކަމަށް އަޑުތައް ދަނީ ފެތުރެމުން

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ވަކިކޮށްދިނުމަށް އަމިއްލައަށް އެދުމުންވެސް ޕީޕީއެމުން ވަކި ނުކޮށްދިން ކަމަށް ޕީޕީއެމުން ވަކި ވުމަށް ސިޓީއަކުން އެދިފައިވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު މުސްތަފާ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ޕީޕީއެމްގެ ނަމުގައި އޭނާއަށް ފޮނުވި ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި އެސިޓީގައި މުސްތަފާގެ ސުލޫކީ މައްސަލައެއް ބަލަމުންދާތީ ޕީޕީއެމުން ވަކިވުމަށް މުސްތަފާ ފޮނުއްވާފައިވާ ސިޓީއަށް ޖަވާބެއް ދެއްވާނެ ކަމަށް ބުނެފައިވާތީ މުސްތަފާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޕީޕީއެމުން މުސްތަފާއަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ  މުސްތަފާއާއި ގުޅޭގޮތުން މި ޖުލައި މަހުގެ ތިން ވަނަ ދުވަހު އެޕާޓިގެ ސުލޫކީ ކޮމެޓީއަށް މައްސަލައެއް ހުށަހެޅިފައިވާތީ، ސުލޫކީ ކޮމެޓީން އެ މައްސަލަ ބައްލަވާ ނިންމެވުމުން، މި މަހުގެ 10 ވަނަ ދުވަހު ޕީޕީއެމުން ވަކިވުމަށް މުސްތަފާ ފޮނުއްވި ސިޓީގެ ޖަވާބު ދެއްވާނެ ކަމަށެވެ.

މުސްތަފާ ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގައި މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށްނުވާތީ، އަދި ސަރުކާރުން ބޭނުންވާކަމެއް ބޭނުންވާހާ ގޮތަކަށް މަޖިލީހުން ކަންކަން ކޮށްދެއްމުން ދިއުމާ ދެކޮޅަށް އޭނާ މަސައްކަތް ކުރިނަމަވެސް ޕީޕީއެމް އޭނާ ވަކިކޮށްފައިނުވާތީ، އޭނާ އަމިއްލައަށް ޕީޕީއެމުން ވަކިވުމަށް އެެދުމުން ސުލޫކީ މައްސަލައެއް އެބައޮތޭ ބުނެ ޕާޓީން ވަކި ނުކޮށްދިނުމަކީ ގާބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން މުސްތަފާ ވިދާޅުވީ ޕީޕީއެމުން ވަކިވުމަށް އެދުމުން ވަކި ނުކޮށްދިނުމަކީ ގާނޫނުއަސާސީ ގާނޫނާއި ހިލާފަށް ޕީޕީއެމުން ހިންގަމުންދާ އަމަލެއް ކަމަށެވެ. ސިޔާސީ ޕާޓީއެއް މެމްބަރަކަށްވުމާއި ނުވުން އެއީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންދާ ހައްގެއް ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމް މަސައްކަތް ކުރަމުންދަނީ ދާދިފަހުން ޕީޕީއެމްއިން ވަކިވުމަށް އެދިފައިވާ މެމްބަރުން ވަކިކުރުމުގެ ބަދަލުގައި އެމެމްބަރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށްބުނެ، ޕާޓީން ވަކިކުރުމަށް ދެކޮޅު ހަދަމުންނެވެ. އަދި ޕާޓީން ވަކިވުން ނުވަތަ ޕާޓީން ވަކިކުރާ މެމްބަރުން މަޖިލިސް ތަފްސީލުކުރާ ގޮނޑި ގެއްލޭގޮތަށް ބަންޑަރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ވަކި ގޮތެއް ކަނޑައަޅަން ދެން އެމެމްބަރުން ޕާޓީގެ މެމްބަރުންގެ ގޮތުގައި ބޭތިއްބުމަށްފަހު، ފަހުގެ ތާރީހެއްގައި ޕާޓީން އެމެމްބަރުން ވަކިކުރުމަށެވެ. އޭރުން އެމެމްބަރުން ތަމްސީލު ކުރައްވާ މަޖިލިސް ގޮނޑި ގެއްލޭގޮތަށް ކަންކަން ކުރުމަށް ޕީޕީއެމް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ދަނީ ފެތުރެމުންނެވެ. 

- ކޮމެންޓް