ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 12:01
ކާސްކެޓެއް ހިފައިގެން ބަޔަކު ދަނީ
ކާސްކެޓެއް ހިފައިގެން ބަޔަކު ދަނީ
ބީބީސީ
މަރުވިކަމަށް ބުނި މީހަކު އަލުން ނޭވާލުން
މަރުވި ކަމަށް ޑޮކްޓަރު ނިންމި އަންހެނަކު ނޭވާލަނިކޮށް ފެނިއްޖެ
ވަޅުލުމުގެ ކުރިން އާއިލާގެ މީހުން އޭނާ ފެންވަރުވާ ހެދުމަށް ހަށިގަނޑު ނެގުމަށްޓަކައި ސަންދޯއް ހުޅުވިއިރު އޭނާ ހާސްވެ، ނޭވާ ނުލެވިގެން އުޅޭތަން ފެނިފައިވޭ

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އިކުއެޑޯގެ އުމުރުން ދުވަސްވީ އަންހެނަކު މަރުވިކަމަށް ޑަކްޓަރު ނިންމުމުން ޖަނާޒާ ބާއްވަން އުޅެނިކޮށް އޭނާ ނޭވާލާން މަސައްކަތްކުރާތަން ފެނިއްޖެ އެވެ. އުމުރުން 76 އަހަރުގެ ބެލާ މޮންޓޯޔާ އަށް ޖެހުނީ ސްޓްރޯކެއް ކަމަށް ވެއެވެ. އެއަށް ފަހު މަރުވެއްޖެ ކަމަށް އޭނާ ގެންދިޔަ ހޮސްޕިޓަލްގެ ޑަކްޓަރު ނިންމުމުން ޖަނާޒާގެ ކަންތައް ކުރަންވަންދެން ވަކިޚާއްސަ ސަންދޯއް (ކާސްކެޓް) އަކަށްލިއެވެ. އޭގެ އެތައް ގަޑިއިރެއްގެ ފަހުން އޭނާގެ އާއިލާގެ މީހުން އޭނާ ފެންވަރުވާ ހެދުމަށް ހަށިގަނޑު ނެގުމަށްޓަކައި ސަންދޯއް ހުޅުވިއިރު އޭނާ ހާސްވެ، ނޭވާ ނުލެވިގެން އުޅޭތަން ފެނުނެވެ. އެއަށް ފަހު މިހާރު އަލުން ވަނީ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި އެޑްމިޓްކޮށްފައި ކަމަށް ވެއެވެ.  

މިހާދިސާ ތަހުގީގު ކުރުމަށް އިކުއެޑޯގެ ހެލްތު މިނިސްޓްރީން މިހާރުވަނީ ޚާއްސަ ކޮމިޓީއެއް އުފައްދާފައެވެ. އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއަންހެން މީހާއަށް ޖެހުނީ ކާޑިއޯ ރެސްޕިރޭޓަރީ އެރެސްޓް އެއްކަމަށެވެ. މިހެން ދިމާވުމުން ނޭވާލުމާ އަދި ހިތުގެ ހިނގުންވެސް ހުއްޓެއެވެ. އަދި އޭނާ ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތުން ނަތީޖާއެއް ނުފެނުމުން އެވަގުތު ހުރި ޑޮކްޓަރު އޭނާ މަރުވީ ކަމަށް ނިންމީ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ބެލާ މޮންޓޯޔާގެ ދަރިފުޅު ބުނެފައިވަނީ މަންމަ ހޮސްޕިޓަލަށް ގެންދިޔައީ ހުކުރު ދުވަހު ހެދުނު 9 ޖެހިއިރު ކަމަށާއި މަންމަ މަރުވެއްޖެ ކަމަށް މެންދުރެއް ހާއިރު އޭނާ ގާތު ޑޮކްޓަރު ބުނެފައިވާ ކަމުގައެވެ. މިކަމުގައި ކަންތައް ހިނގާދިޔަ ގޮތް މިހާރު ސާފުވަމުން ދާ ކަމަށާއި މިވަގުތު ހަމައެކަނި ބޭނުންވަނީ މަންމަގެ ސިއްހަތު އަވަހަށް ރަނގަޅުވެ ގެއަށް ދެވޭވަރުވުން ކަމަށް އޭނާ ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް