ސައޫދީ އަރަބިއްއާގެ އަލް ހިލާލްގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ ގެންދިއުމަށް އެކުލަބުން މަސައްކަތް ފަށައިފި އެވެ.
މޮރީނިއޯ އަކީ ޔޫރަޕުގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ މިވަގުތު ކޯޗުކޮށްދެނީ އިޓަލީގެ ރޯމާއަށެވެ. ނަމަވެސް މޮރީނިއޯ ބޭނުންވާ ފެންވަރަށް ރޯމާ ވަރުގަދަ ނުކުރެވޭތީވެ އޭނާ ހުރީ ރަނގަޅު އޮފާއެއް ލިބިއްޖެނަމަ އެހެން ޓީމަކަށް ބަދަލުވާގޮތަށެވެ.
އަލްހިލާލްއާއެކު މޮރީނިއޯއާ ވާހަކަ ދައްކަމުންދަނީ ފްރާންސްގެ ޕީއެސްޖީ އެވެ. ނަމަވެސް ޕީއެސްޖީގެ އެއްވަނަ ހޮވުމަކީ ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ކަމުން މޮރީނިއޯ އަށް އެކުލަބަށް ބަދަލުވުމުގެ ފުރުސަތު ބޮޑެއްނޫނެވެ.
އުމުރުން މިހާރު 60 އަހަރުގެ މޮރީނިއޯ ގެންދަން އަލްހިލާލު ބޭނުންވަނީ އޭނާ އަށް ވަރަށް ބޮޑު މުސާރައަކާއި އޭނާ ބޭނުންވާ ކޮންމެ ކުޅުންތެރިއަކު ވެސް ޓީމަށް ގެނެވޭނެގޮތަށް ބޮޑެތި ބާރުތަކެއްދީގެންނެވެ. އަދި މި ހުށަހެޅުމާމެދު މަޝްވަރާކުރުމަށް އަންނަ ހަފުތާގައި މޮރީނިއޯ އާއި އަލްހިލާލްގެ ރައީސް ވަލީދު މުއާޒް އިނގިރޭސިވިލާތުގައި ބައްދަލުކުރާނެ އެވެ.
އަލް ހިލާލަކީ ޕީއެސްޖީގެ ކޮންޓްރެކްޓް ނިމުމުން ލަޔޮނަލް މެސީ ގަތުމަށް ވެސް މަސައްކަތް ކުރި ޓީމެވެ. ސައޫދީ ލީގު އެ ޓީމުން މި އަހަރަށް ނިންމާލީ ތިން ވަނާގައި އޮވެގެންނެވެ. މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށެވެ.