ފ. އަތޮޅުގެ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ނައުމުގެ ޒިންމާ ދެން ނަގަން ޖެހޭނީ އިދިކޮޅު ފަރާތްތަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ފ. އަތޮޅުގެ ޕްރޮޖެކްޓަށް އެމަނިކުފާނު ދެ ޒިންމާ ނަންގަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، "އަޅުގަޑު އުޅުނީ ދިވެހި ރައްޔިތުންނަށް ފައިދާހުރި ބޮޑު މަސައްކަތެއްކޮށްދޭން" ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ފ އަތޮޅު މަޝްރޫޢު، އެ ދިޔަ ދިޔަގޮތަށް ކުރިއަށް ނުދިޔައީ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން އެކަމާއި ދެކޮޅު ހެދުމުން ކަމަށާއި އިންވެސްޓަރުން އަންނަން ބަޔަކު ބޭނުން ނުވާނަމަ އެތަނަކަށް އިންވެސްޓަރުން ނާންނާނެ ކަމަށެވެ.
އަދި ފ އަތޮޅު މަޝްރޫއު ހިންގާ މީހުން ރާއްޖެ އަޔަސް، ނަޔަސް ދެން އެކަމާއި ޒިންމާ ނަންގަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ފ އަތޮޅު މަޝްރޫއަކީ ރާއްޖޭގައި ބިޔަ މަޝްރޫއެއް ހިންގުމަށް ހޮޔޮ ނިޔަތުގައި ކުރިއަށްގެންދެވުމަށް ހޯއްދެވި މަޝްރޫއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސައުދީގެ މަލްޓި މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓް އަޔަސް ނަޔަސް އެކަމުގެ ޒިންމާ ނުނަންގަވާނޭކަމަށެވެ. އަދި ނަޔަސް އެކަމުގެ ޒިންމާ އެމަނިކުފާނު އުފުއްލަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި، އެކަމުގެ ޒިންމާ ދެން ނަގަން ޖެހޭނީ، އިދިކޮޅު ފަރާތްތައް ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ފައިދާހުރި އަދި ބިނާކުރަނިވި ފިކުރަކާއި އެކީ ވެރިކަން ކޮށްދޭން މިހާރު އެ ބުނާ މީހުން ތީގެ ޒިންމާ އުފުލަން ޖެހޭނީ" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި އެ ޕްރޮޖެކްޓް އަޔަސް ނަޔަސް ދެން އެމަނިކުފާނު ކުރައްވާނެކަމެއް ނެތެވެ.
ފ އަތޮޅު މަޝްރޫއު ހިންގަން އުޅުނު ގޮތާއިމެދު ކަންބޮޑުވެ އިދިކޮޅު ފަރާތްތަކާއި ގިނަ އަދަދެއްގެ ރައްޔިތުންވަނީ އެކަމާއި ދެކޮޅު ހަދާފައެވެ. އެފަރާތްތަކުން އެކަމާއި ދެކޮޅުހެދީ އެ ޕްރޮޖެކްޓްގައި މަޝްރޫއު ހިންގާ ފަރާތްތަކަށް ރާއްޖޭގެ ބިމުން ބައެއް މުދަލެއްގޮތައް މިލްކު ކުރެވޭ ގޮތަށް އޮތުމުންނެވެ.