މުންދުއަށް ޖަފާނުގެ އެމްބެސިޑަރުކަން ލިބިފައިވަނީ އޭނާގެ މަންމަ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ގޮނޑި ބޭނުންކޮށްގެން ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، މެންބަރު ވައްޑެ ވިދާޅުވީ، ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން މުހައްމަދު ހުސައިން ޝަރީފު މީހަކަށް ހެއްދެވުމަށްޓަކާއި ގިނަ މަސައްކަތްތަކެއް ރައީސް މައުމޫން ކުރެއްވި ކަމަށެވެ. ރައީސް ޑރ މުހައްމަދު ވަހީދުގެ ސަރުކާރުގައި ޔޫތް މިނިސްޓަރަކަށް ހަމަޖައްސާދީ މަސައްކަތް ކޮށްދެއްވީވެސް ރައީސް މައުމޫންގެ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި މުންދު މިނިސްޓަރަކަށް ހައްދަވާ ދެއްވުމަށް އެދުމުން ރައީސް އެގޮތަށް ހަމަޖައްސާ ނުދެއްވި ކަމަށް ވައްޑެ ވިދާޅުވި އެެވެ.
" ގައުމަށް އިހްލާސްތެރި މީހަކު ކަމަށް ބަލައިގެން ރައީސް މައުމޫންގެ އެދުމަށް ރައީސުލްޖުމްހޫރިއްޔާގެ މިނިސްޓަރަކަށް ހެއްދެވީ." ވައްޑެ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވީ، އެމަގާމުން ވަކި ކުރީވެސް ކޮރަޕްޝަނުގެ ބޮޑު މައްސަލަތަކެއް މުންދުއަށް ތުހުމަތު ކުރެވުނު ކަމަށާއި މިއީ ހަނދާންނެތޭހާ ދުވަސްވެފައިވާ ކަންކަމެއް ނޫން ކަމަށެވެ.
މުންދުގެ ވާހަކައެއްވެސް އެއްވެސް ފަރާތަކުން ގަބޫލު ނުކުރާނެ ކަމަށާއި މުންދުގެ މަޤާމު ދިފާއު ކުރުމަށް ފްލެޓް ސަރުކާރުން އެދޭގޮތަކަށް މެންބަރު އަސްމާ މަސައްކަތް ކުރަންވަންޖެހޭނެ ކަމަށް ވައްޑެ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ޕީޕީއެމް ރައީސް މައުމޫން ފެކްޝަނުގެ ކައުންސިލް މެންބަރު ޔުމްނާ މައުމޫން ވިދާޅުވީ، ރައީސް ޔާމީން އެ މަޤާމަށް ގެނައުމަށް ރައީސް މައުމޫން ވަރަށް ބުރަ މަސައްކަތް ކުރެއްވި ކަމަށާއި، ރައީސް ޔާމީނާއި ދެކޮޅަށް ނުކުތީ އެމަނިކުފާނު ގާނޫނާ ހިލާފު ކަންކަން ކުރައްވަން ފެއްޓެވުމުން ކަމަށެވެ.
ޔުމްނާ ވަނީ މުންދު ރައީސް މައުމޫން ބަގާވާތެއް ކުރައްވަން މަސައްކަތް ކުރަންވަން އުޅުމަށް ދެއްކި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަތަކެެއް ކަމަށް ވިދާޅުވެފަ އެވެ.
" ކޮބައިތޯ ބޭނުމަކީ؟ ރައީސް މައުމޫން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވި ރައީސް ޔާމިން ވެރިކަމަށް ގެނެވުނީ. ރައީސް މައުމޫން ވަޑައިގެން އެމަނިކުފާނަށް ދެއްވާ ވޯޓު ރައީސް ޔާމީނަށް ދެއްވާށޭ ކިޔާ ވަރަށް ބުރަ މަސައްކަތް ކުރެއްވި." ޔުމްނާ ވިދާޅުވި އެވެ.
ރައީސް މައުމޫން މާކުރިންވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން ރޭއްވިކަމަށް ބުނެ ދެއްކިވާހައަކީ މަޤާމުގެ ދިފާޢުގައި ދައްކާ ވާހަކަތަކެއް ކަމަށް ދެކޭކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.