އެކްސްޕީރިއެންސް މޯލްޑިވްސްގެ ނަމުގައި ބައިނަލްއަގްވާމީ ކެމްޕޭނެއް ފަށައިފި އެވެ.
ޖެން ހޮޓެލްގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި " އެކްސްޕީރިއެންސް މޯލްޑިވްސް" ކެމްޕެއިން ފައްޓަވައިދެއްވީ، ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އެވެ.
މި ކެމްޕެއިންނަކީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެންޑޯޒްކޮށްފައިވާ ހަރަކާތެކެވެ.
މިކެމްޕޭންގެ ދަށުން، އެމެރިކަން އެކްސްޕްރެސްގެ ބައިނަލްއަގްވާމީ ކްލަޔަންޓްސް ނެޓްވޯކްގައި ރާއްޖެ އިސްތިހާރުކުރެވޭނެއެވެ. މި ކެމްޕޭނުގައި ރާއްޖޭގެ ވިއްސަށްވުރެ ގިނަ ރިސޯޓުން މިހާރުވަނީ ބައިވެރިވެފައެވެ. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލުމަށް ދިވެހި ރާއްޖެ އިހްތިޔާރުކުރަން ހިތްވަރުދިނުމުގެ ގޮތުން މިކެމްޕޭނަށް ޚާއްސަ އޮފަރ ތަކެއް މި ރިސޯޓްތަކުން ދެމުންދާނެއެވެ. މި ކެމްޕެއިނަކީ އެމެއިކަން އެކްސްޕްރެސް އާ ގުޅިގެން ބީއެމްއެލްއިން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މިއީ ދިވެހި ރާއްޖެއަށް ވަރަށް މުހިއްމު ހަރަކާތަކަށް ވާނެ ކަމަށާއި މި ކެމްޕޭންގެ ތެރެއިން ދުނިޔޭގެ ހުރިހާ ހިސާބެއްގެ ފަތުރުވެރިންނަށް ރާއްޖެ އިސްތިހާރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ކުރިއަށް އޮތްތަނުގައިވެސް ޓޫރިޒަމް މިނިސްޓްރީ އާއި މަޓީ އަދި މި ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ އެންމެހާ ފަރާތްތަކާ އެކު ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭންކުން މަސައްކަތްތައް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމެރިކަން އެކްސްޕްރެސް ބޭންކިންގ ކޯޕަރޭޝަންގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް އަދި ސީއީއޯ މަނޯޖް އަދްލަޚާ ވިދާޅުވީ މި ކެމްޕޭންގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި އެމެރިކަން އެކްސްޕްރެސްގެ އެންމެ ޚާއްސަ ކްލަޔަންޓުން މެދުގައި ދިވެހި ރާއްޖޭގެ ނަން އުފުލިގެންދާނެ ކަމަށެވެ. މިއީ ރާއްޖޭގައި ތިބި އެ ކުންފުނީގެ މަރޗަންޓުންނަށް އެހީތެރިވުމުގެ ގޮތުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށާއި އަދި މި ހަރަކާތުގެ ސަބަބުން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ގިނަ ފަރާތްތަކެއް ރާއްޖެ ޒިޔާރަތްކޮށް ދިވެހި ރާއްޖެއަށް އިޤްތިޞާދީ ފައިދާތަކެއް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން މަޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ނަޒީރު ވިދާލުވީ މިއީ އޮންލައިން ކެމްޕެއިނެއް ވިޔަސް ރާއްޖެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތައް އިތުރުބާރެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.