ކ. މާލެ
|
10 ޖޫން 2023 | ހޮނިހިރު 14:07
ފުރަތަމަ ލެގުގައި އެތުލެޓިކޯ ކޮޅަށް ލަނޑުޖެހީ ކެވިން ޑެބްރޫނޭ
ފުރަތަމަ ލެގުގައި އެތުލެޓިކޯ ކޮޅަށް ލަނޑުޖެހީ ކެވިން ޑެބްރޫނޭ
ޔުއެފާ
ޗެމްޕިއަންސް ލީގް
އަހަރުމެން މަތިން ހަނދާންކުރާނީ ޗެމްޕިއަންސް ލީގު ހޯދައިފިނަމަ: ޑެބްރޫނޭ
 
ޑެބްރޫނޭ ބުނީ ސިޓީގައި 8 އަހަރުވީއިރު ނުލިބޭ ތައްޓަކީ ޗެމްޕިއަންސް ލީގު ކަމަށް

މެންޗެސްޓަރ ސިޓީގެ ސަޕޯޓަރުން ޓީމުގައި މިހާރު ތިބި ކުޅުންތެރިންގެ މަތިން ހަނދާންކުރާނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްގެން އެކަނިކަމަށް، މިޑްފީލްޑަރު ކެވިން ޑެބްރޫނޭ ބުނެފިއެވެ.

ތުރުކީގައި މިރޭ ދަންވަރު ކުޅޭ ފައިނަލް މެޗުގެ ކުރިން ވާހަކަ ދައްކަމުން ބެލްޖިއަމްގެ މިޑްފީލްޑަރު ބުނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ އެންމެ ބޮޑު ހުވަފެން ކަމަށެވެ.

މީ ވަރަށް މުހިންމު މުބާރާތެއް. މި މުބާރާތް ކާމިޔާބު ނުކުރާނަމަ ސަޕޯޓަރުން އަހަރުމެން މަތިން ހަނދާނެއް ނުހުންނާނެ. އަހަރެން މި ކުލަބުގަ 8 އަހަރުވެއްޖެ. ނުލިބޭ ހަމައެކަނި މުބާރާތަކީ މީ. މިހެންވެ އަހަރުމެން މި ތިބީ މި ފަހަރު މިކަން ނިންމަން ތައްޔާރުވެގެން.
ޑެބްރޫނޭ

އޭނާ ބުނީ އިނގިރޭސި އެފްއޭކަޕާއި ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގާއެކު ތިން ތަށި ހޯދައި މެންޗެސްޓަރ ސިޓީގެ ރެކޯޑް މުގުރާލެވެން އޮތަސް ކުޅުންތެރިން އެކަމާމެދު ނުވިސްނާކަމަށެވެ.

ޓެރިބަލް ނުވަތަ ތިން ތަށި ހޯދައިގެން ވާނެ ގޮތަކާމެދު ޓީމުން ނުވިސްނަން. ހުރިހާ ކުޅުންތެރިންގެ ވިސްނުމަކީވެސް ޗެމްޕިއަންސް ލީގު ފައިނަލް ކާމިޔާބުކުރުން. މިއަށްވުރެ މުހިންމު ތައްޓެއްނެތް. އަހަރުމެން މީގެ ދެ އަހަރު ކުރިން މި މުބާރާތުގެ ފައިނަލް ކުޅެ، ބަލިވި. އެ ޓީމުގަ ކުޅުނު ވަރަށް ގިނަ ކުޅުންތެރިން މިހާރު ވެސް ޓީމުގަ އެބަތިބި. އެންމެންގެ ވިސްނުމަކީ އެކަން ހަނދާނުން ފޮހެލުން.
ޑެބްރޫނޭ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ގާޑިއޯލާ - ޓްވިޓަރ

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޔޫއޭފާއިން ސިޓީއަށް އެކިފަހަރު މަތިން ދީފައިވާ އަދަބުތަކާހުރެ ސިޓީގެ ސަޕޯޓަރުން ޔޫއޭފާގެ ލަވައަށް މަލާމާތް ކުރަމުން ދިޔަނަމަވެސް އެކަން ހުއްޓާލާފައި މިރޭގެ ފައިނަލަށް ހުސްވުން މުހިންމުކަމަށެވެ.

ވެދިޔަތަން އެއީ މާޒީ. އެކަން އަނބުރާ ނުގެނެވޭނެ. އަހަރެން ބޭނުންވަނީ އަހަރުމެން ސަޕޯޓަރުން މިރޭގެ ފައިނަލަށް ތައްޔާރުވާން. ސަޕޯޓަރުންނަކީ އަހަރުމެންނަށް ވަރަށް މުހިންމު ބައެއް. ދެ ޓީމަށް ބަލާއިރު؛ ތާރީޚީ ގޮތުންނާ ކާމިޔާބީގެ ގޮތުން އިންޓަރމިލާނަކީ އަހަރުމެންނަށްވުރެ މޮޅު ޓީމެއް. އެކަމަކު ފައިނަލަކުން މޮޅުވާނީ އެކަމަށް ބޭނުންވެގެން ސާބިތުކަމާއެކު މަސައްކަތްކޮށްގެން.
ގާޑިއޯލާ

2016 ވަނަ އަހަރު ސިޓީއާ ހަވާލުވިނަމަވެސް ގާޑިއޯލާއަށް ނުލިބޭ ހަމައެކަނި ތައްޓަކީވެސް މި މުބާރާތެވެ. އޭނާއަށް ޗެމްޕިއަންސް ލީގު ލިބުނީ ސްޕެއިނުގެ ބާސެލޯނާގައި ދެ ފަހަރަކުއެވެ. އެންމެ ފަހުން ގާޑިއޯލާއަށް މި ތަށި ލިބުނީ 2011 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
50%
50%
0%
ކޮމެންޓް