ހައްޖު ކޯޓާ އިތުރުކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ސައުދީ ރަސްގެފާނަށް ސިޓީފުޅެއް ފޮނުއްވާފައިވާކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ކޯޓާ ލިބޭނެކަމަށް އުންމީދުކުރާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން، އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލް ވިދާޅުވީ ކޮވިޑް-19ގެ ކުރިން 1000 ކޯޓާއަށްވުރެ އިތުރަށް ލިބިފައިވާ ކަމަށާއި، ކޮވިޑް-19އާ ގުޅިގެން މަޑުޖެހިފައި އޮތުމަށްފަހު މިއަހަރު އަނެއްކާވެސް 1000 ކޯޓާ ލިބުމަކީ އުފާކުރައްވާ ކަމެއް ކަަމަށެވެ. މިއަހަރު 1000 ކޯޓާވެސް ލިބުނީ އިސްލާމިކް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އަދިވެސް ސަރުކާރުގެ ތެރެއިން ގިނަ މަޝްވަރާތަކެއް ކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދީލް ވިދާޅުވީ ރައީސްގެ ސިޓީފުޅާއެކު، ކުރިއަށް އޮތް އަހަރުތަކުގައި 1000 ކޯޓާއަށްވުރެ އިތުރަށް ލިބޭނެ ކަަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަދީލް ވިދާޅުވީ ސައުދީ ސަރުކާރުން ކޯޓާ ހަމަޖައްސަނީ އެގައުމެއްގެ މުސްލިމް އާބާދީއަށް ބެލުމަށްފަހު ކަމަށެވެ. އެހެންކަމުން މިސަރަހައްދުގެ އެހެނިހެން ގައުމުތަކަށް ކޯޓާ ލިބުނު އަދަދު އިތުރުވެދާނެ ކަމަށް އަދީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވަކި އުސޫލެއްގެ ތެރެއިން ކޯޓާ ދޫކުރާއިރު، މިއަހަރު އެއްވެސް ގައުމަކަށް ރަސްމީކޮށް ދޫކުރާ ކޯޓާއަށްވުރެ އިތުރަށް ކޯޓާ ދޫކޮށްފައިނުވާކަމަށެވެ.
ކުރިން ބައެއް އަހަރުތަކުގަ ކޯޓާ ލިބިފަ އެބަހުރި. ކޮވިޑާ ގުޅިގެން މަޑު ޖެހުނު ފަހުން އަދި އަޅުގަނޑުމެންނަށް ފުލް ކޯޓާ މިލިބުނީ. ރައީސް އޮފީހުން ވެސް، ސަރުކާރުގެ އެކި ވުޒާރާތަކުން ވެސް، ފޮރިން މިނިސްޓްރީންވެސް، އިސްލާމިކް މިނިސްޓްރީންވެސް މަސައްކަތްކުރޭ ސައޫދީގެ އިސް ފަރާތްތަކާ މަޝްވަރާ ކުރެވިގެން ކޯޓާގެ އަދަދު އިތުރުކުރުމަށް. އެގޮތުން ރައީސް ސިޓީފުޅެއްވެސް ފޮނުއްވާފަ ވެއްޖެ ސައޫދީ ރަސްގެފާނަށް، ކޯޓާ އަޅުގަނޑުމެންނަށް އިތުރުކޮށްދެއްވުމަށް. ކޯޓާ ހަމަޖައްސާފަ މިހުންނަނީ ގައުމުތަކުގެ މުސްލިމުންގެ އާބާދީއަށް ބަލާފަ. އެހެންވީމަ އަޅުގަނޑުމެންނަށްވުރެ ކޯޓާގެ އަދަދު ގިނަ ގައުމުތައް އެބަހުރި.އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހުމަދު އަދީލް
އަދީލް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ސައޫދީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިންނަމަވެސް މިހާރުވެސް ހަރަމްފުޅުގެ ތެރޭގައި މީހުންނަށް އަޅުކަން ކުރެވޭ ގޮތަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެސަރަހައްދަށް ގެންނަ ބަދަލުތަކާ ގުޅިގެން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްތަކެއް ސައޫދީ ސަރުކާރުން ގެންގުޅޭކަމަށް އޭނާ ވިދާޅުވިއެވެ.