ކ. މާލެ
|
9 ޖޫން 2023 | ހުކުރު 13:13
ހޭންޑްބޯލް މުބާރާތުގެ ތެރެއިން
ހޭންޑްބޯލް މުބާރާތުގެ ތެރެއިން
ހޭންޑްބޯލް އެސޯސިއޭޝަން
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައް ހޮނިހިރު ދުވަހުގެރޭ
މިއަހަރުގެ މުބާރާތުގައި އަންހެން ޑިވިޝަނުން 17 ޓީމު އަދި ފިރިހެން ޑިވިޝަނުން 10 ޓީމު ވަނީ ބައިވެރިވެފައި

މިހާރު ކުރިޔަށްދާ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައް ހޮނިހިރު ދުވަހުގެރޭގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ.

ދެ ޑިވިޝަނަށް ހުޅުވާލައިގެން ކުރިޔަށްދާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ކުލަބު ޒެފްރޯލް އާއި ދިވެހި ސިފައިންގެ ކުލަބެވެ. ޒެފްރޯލް ފައިނަލަށް ދަތުރުކޮށްފައިވަނީ ބުދަ ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގައި 45-24 ގެ ނަތީޖާއަކުން ވެލިދޫ ޔުނައިޓެޑް ބަލިކުރުމަށްފަހުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒެފްރޯލްގެ ޖާޒީ ނަންބަރު 9، މުހައްމަދު ފިރުނާޝް އަބްދުﷲ އެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލްގެ ދެވަނަ ޖާގަ ދިވެހި ސިފައިންގެ ކުލަބުން ކަށަވަރުކުރީ ސެމީ ފައިނަލްގައި ފިއުޗާ ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ. ފޯރިގަދަ މި މެޗުން ސިފައިންގެ ކުލަބު މޮޅުވީ 25-23 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ ކުލަބުގެ ޖާޒީ ނަންބަރު 4، މުހައްމަދު ނާފިއުއެވެ.

ބުރާސްފަތި ދުވަހުގެ ރޭގައި ކުޅުނީ އަންހެން ޑިވިޝަނުގެ ފޯރިގަދަ ދެ ސެމީ ފައިނަލް މެޗެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރީ އޮރިކްސް އަދި ރެޑް ހޯކްސްއެވެ. 22-20 ގެ ނަތީޖާއަކުން ހަނިގޮތަކަށް މޮޅުވެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ރެޑް ހޯކްސް އިންނެވެ. ފުރަތަމަ ސެމީ އެކޭ އެއްގޮތަށް ދެވަނަ ސެމީވެސް ވެގެންދިޔައީ ފޯރިގަދަ މެޗަކަށެވެ. ތުޅާތޫ ޔަންގް އީގަލްސް އާ ބައްދަލުކުރި މެޗު ކީން ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 31-30 ގެ ނަތީޖާއަކުންނެވެ. އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ރެޑް ހޯކްސް އަދި ކީން ސްޕޯޓްސް ކުލަބެވެ.

މިއަހަރުގެ މުބާރާތުގައި އަންހެން ޑިވިޝަނުން 17 ޓީމު އަދި ފިރިހެން ޑިވިޝަނުން 10 ޓީމު ވަނީ ބައިވެރިވެފައެވެ. މިއީ މި މުބާރާތް ބާއްވާ ހަ ވަނަ އަހަރެވެ.

- ކޮމެންޓް