.ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދައިރާގެ މެންބަރު ރީކޯ މޫސާ މަނިކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއި ކުރައްވައިފިއެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރީކޯ ވިދާޅުވީ، އެމަނިކުފާނު ޕީޕިއެމްއަށް ސޮއި ކުރައްވާފައިވަނީ އަމިއްލަފުޅަށް އެދިވަޑައިގެން ކަމަށެވެ.
މޫސާ މަނިކަކީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ކުރީގެ މެންބަރެކެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު، ވިޕްލައިނާ ޚިލާފުވެވަޑައިގެންނެވި މައްސަލައަކާ ގުޅިގެން ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ އެމަނިކުފާނު ޕާޓީން ވަކި ކުރުމަށް ނިންމަވާފައެވެ.
ޕާޓީން ވަކިކުރިތާ އަހަރެއްހާ ދުވަސްފަހުން، 2015 އަހަރުގެ ޑިސެންބަރު މަހު، އެމަނިކުފާނު ވަނީ އެމްޑީޕީ އާއި އަލުން ގުޅިވަޑައިގަތުމަށް އެދިވަޑައިގެން އެމްޑީޕީއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. މި ސިޓީއާއި ގުޅިގެން އެމްޑީޕީން ވަނީ ޕާޓީއާ އަލުން ގުޅޭނަމަ ޕާޓީގެ ހުރިހާ މެންބަރުންގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށާއި އެމްޑީޕީއަށް އިތުރު 50 މެންބަރުންގެ މެންބަރޝިޕް ފޯމު ހުށަހެޅުއްވުމަށްވެސް މޫސައަށް ޝަރުތުކޮށްފައެެވެ.
އޭގެ ފަހުން މޫސާ މަނިކު ގެންދަވަނީ ޕީޕީއެމަށް ތާއީދު ކުރައްވާކަން ފާޅުގައި ހާމަކުރައްވަމުންނެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށްވެސް ތާއީދުކުރައްވާ އެމަނިކުފާނު ގެންދަވަނީ ގިނަ ވާހަކަފުޅުތަކެއް ދައްކަވަމުންނެވެ.
ރީކޯ މޫސާ މަނިކު ޕީޕީއެމްއަށް ސޮއި ކުރައްވާފައިވާ އިރު މިދިޔަ މަރޗު މަހުގެ 22 ވަނަ ދުވަހު ރީކޯގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. މައްސަލަ ވައްދާފައިވަނީ 15 މެންބަރުންގެ ސޮޔާއިއެކުއެވެ.
އެ މައްސަލަ ހުށަހަޅުމުން މަޖިލީހުގެ ގަވައިދަށް ބަދަލު ގެނެސް އިތުބާރު ނެތް ކަމުގެ މައްސަލަތައް ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް ވަނީ ނިންމާފައެވެ.