ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބެއްސެވި ފައިސާއަކީ ތިމަން މަނިކުފާނު ދެއްވި ފައިސާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ކޯލިޝަން ޕީޕީއެމް-އެމްޑިއޭ ޕާލަމެންޓްރީ ގްރޫޕްގެ އެއްވެސް މެމްބަރަކު ދޮގެއް ނުކުރެއްވި އެވެ.
އަންގާރަ ދުވަހު ދަރުބާރުގޭގައި ސަރުކާރު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީން ކުރި ސުވާލުގައި އެއްވެސް މެމްބަރަކު ރައީސް ޔާމީން އެގޮތަށް ވިދާޅު ނުވާކަމަށް ވިދާޅެއް ނުވެއެވެ.
"ކޮރަޕްޝަންގެ ވާހަކަ ތިބޭފުޅުން ދައްކަވާއިރު، ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ބައެއް މެމްބަރުން ﷲ ގަންދީ ހުވާކުރައްވާފައި ވިދާޅުވެފައިވޭ، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބައްސަވަނީ ތިމަންމަނިކުފާނުގެ ފައިސާކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް. 28 މެމްބަރުން އެބަތިއްބެވި މި ނޫސްވެރިންގެ ބައްދަލުވުމުގައި އެއީ ހިނގިކަމެއްތޯ. ރައީސް ޔާމީން އެގޮތަށް ވިދާޅުވިތޯ،" ސަރުކާރު ކޯލިޝަން ޕީޕީއެމް-އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕަށް އަމާޒު ކުރައްވާ ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ސުވާލު ކުރެއްވި އެވެ.
ފިޔާޒު ކުރެއްވި އެ ސުވާލަށް ނިހާނު ދެއްވި ޖަވާބުގައި ވިދާޅުވި ވާހަކަތައް މާ ދުރުދުރުން ވިދާޅުވެފައިވާތީ ދެއްކެވި ވާހަކަތައް މާބޮޑަށް އޮޅުން ފިލާގޮތެއްވެސް ނުވިއެވެ.
"އާއްމުކޮށް ރާއްޖެޓީވީން ތައްޔާރުކުރާ ޕްރޮގްރާމްތަކުގައި ގެންނަވާގޮތަށް ގެންނެވި ހުރިހާ ސުވާލަކީ އެއީ އަބަދުވެސް ތިބޭފުޅުން 24 ގަޑި އިރު ޖައްސާ ޓޭޕެއް. އެ ޓޭޕްގެ ޖަވާބު ބަޔަކު ހޯދިޔަސް ނުހޯދިޔަސް އޮންނާނެ ރާއްޖެޓީވީގެ ފީތާގައި. އެހެންވީމާ އެއަކަށް ޖަވާބެއް ދޭންޖެހޭ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަދީބުގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހްމަތުތަކަކަކީ ވެސް ސައިބޯނި ބޮތްކަކަށް ވެގެން ދާނެ ކަމަށް ވިދާޅުވި ނިހާނު، ފިޔާޒުގެ ސުވާލުގެ ޖަވާބުގައި ވިދާޅުވި އެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ކޯލިޝަން މައިޕާޓީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާނުގެ އިތުރުން ނާއިބު ލީޑަރުން އަދި އެމްޑީއޭގެ ލީޑަރ އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމް) އާއި އެޕާޓީގެ މަޖިލިސް މެމްބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވެސް ހިމެނި ވަޑައިގެންނެވި އެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކު ރައީސް ޔާމީން އެގޮތަށް ވިދާޅު ނުވާކަމަށް ވިދާޅެއް ނުވެއެވެ.
ރާއްޖެޓީވީން ވަގުތުން ގެނެސްދިން "ރާއްޖޭގެ ސިޔާސީ މަޝްރަހް"" ޕްރޮގްރާމެއްގައި ސަރުކާރު ކޯލިޝަންގެ އެމްޑީއޭ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ވިދާޅުވީ އަދީބު ބައްސަވަނީ ރައީސް ޔާމީންގެ ފައިސާކަމަށް ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރެއްގެ ހާޒިރުގައި ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.
"މާތް ﷲ ގަންދީ ހުވާކޮށްފައި މިބުނަނީ. އަޅުގަނޑު އިންތަނެއްގައި ރައީސް ޔާމީން ވިދާޅުވި އަދީބު ބައްސަވަނީ ރައީސް ޔާމީންގެ ފައިސާއޭ" އަރީފް ވިދާޅުވިއެވެ.