ކ. މާލެ
|
10 ޖޫން 2023 | ހޮނިހިރު 07:14
އިންޓަރމިލާނުގެ ކޯޗު ސިމޯން އިންޒާގީ (މ): އޭނާ މަޝްހޫރުވެފައިވަނީ ކުރު މުބާރާތްތައް ކާމިޔާބުކުރާ ކޯޗެއްގެ ގޮތުގައި
އިންޓަރމިލާނުގެ ކޯޗު ސިމޯން އިންޒާގީ (މ): އޭނާ މަޝްހޫރުވެފައިވަނީ ކުރު މުބާރާތްތައް ކާމިޔާބުކުރާ ކޯޗެއްގެ ގޮތުގައި
ގޫގުލް
ޗެމްޕިއަންސް ލީގް
އިންޓަރ ގޮވައިގެން، ކަޕް ކިންގަށް ސިޓީ ބަލިކުރެވިދާނެތަ؟
 
މިރޭގެ ފައިނަލަކީ އިންޒާގީގެ އަށްވަނަ ފައިނަލް

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިޓަލީގެ އިންޓަރމިލާނާއި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ މިރޭ ތުރުކީގެ އިސްތަންބޫލްގައި ބައްދަލުކުރާނެއެވެ. މި ފައިނަލަށް ނުކުންނައިރު އެއް ބައެއްގެ ނަޒަރުގައި އެޑްވާންޓޭޖް ބޮޑީ ސިޓީއަށެވެ. އަނެއް ބަޔަކު ބުނާގޮތުން އިންޓަރމިލާނަށް ހުރި އެޑްވާންޓޭޖްތައް މާ ގިނައެވެ.

އިންޓަރމިލާނުގެ ކޯޗު ސިމޯން އިންޒާގީއަކީ އިޓަލީގެ އޭސީމިލާނާއި ގައުމީ ޓީމުގައި ވިދުން ގަދަވި ފޯވާޑް ފިލިޕޯ އިންޒާގީގެ ކޮއްކޮއެވެ. ފިލިޕޯ އިންޒާގީއާ ހިލާފަށް ސިމޯން އިންޒާގީ ދަނީ ކޯޗިންގައި ކާމިޔާބު ހޯދަމުންނެވެ. އޭނާއަށް ވަނަމަކަށް ކިޔަނީ ކަޕް ކިންގެވެ. ސަބަބަކީ ކުރު މުބާރާތްތަކުގައި އޭނާ ކާމިޔާބު ހޯދާ މިންވަރު ގިނަވަމުންދާތީއެވެ. ލާޒިއޯ އިންޓަރމިލާނުގައި މިހާތަނަށް އޭނާ ވަނީ ހަތް މުބާރާތެއް ކާމިޔާބުކޮށްފައެވެ. އެއީ ކޮޕަރ އިޓާލިއާ ތިން ފަހަރު، އަދި ސުޕަރކޮޕަރ އިޓާލިއާ ހަތަރު ފަހަރެވެ.

އަހަރެން ގަޔާވަން އެ ވަނަމަށް. ކަޕް ކިންގް ކިއުމަކީ މައްސަލައެއްނޫން. އަދި އެއީ އަހަރެން އުފާކުރާ ކަމެއް. އަހަރެންނަށް ލާޒިއޯއާ އިންޓަރމިލާނުގަ ވެސް ލިބިފަ ވަނީ ވަރުގަދަ ޓީމެއް. ކަޕް ފައިނަލްތަކުގަ އަހަރެންގެ ޓީމު ވާނީ ވަރަށް ރަނގަޅަށް ދިފާއުކޮށް، އެޓޭކްވެސް ކޮށްފަ. ތަށި ލިބެނީ މިހެންވެ. މިކަން އަހަރުމެން ސިޓީއާ ދެކޮޅަށްވެސް ކުރާނަން.
އިންޒާގީ
އިންޓަރމިލާނުން އިޓާލިއަން ކަޕް ޓްރޮފީ އުފުލާލާއިރު ސިމޯން އިންޒާގީ ވާތްފަރާތުގައި މަޑުކޮށްލައިގެން: ރޮއިޓާސް

47 އަހަރުގެ ކޯޗު ބުނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗު ކަމަށެވެ. އަދި ސިޓީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށެވެ. މިއީ އޭނާގެ އިންޓަރމިލާނަށް އޮތް ހިތްހަމަޖެހުމެއް ކަމަށްވެސް ކޯޗު ބުންޏެވެ.

ސިޓީ ތަށި ހޯދަން މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ. މީ އެއްގޮތަކުން އަހަރުމެންނަށް ލިބޭ އެޑްވާންޓޭޖެއް. އަދި އެމީހުން ތިން ތަށި ހޯދުމަށް ކުރާ މަސައްކަތަކީވެސް އަހަރުމެންނަށް ލިބޭ އެޑްވާންޓޭޖަކަށް ވެދާނެ. އެކަމަކު މީން އެއްވެސް ކަމަކާމެދު އަހަރުމެން ޖެހިލުމެއްނުވަން.
އިންޒާގީ

ސިޓީއަށް މިހާތަނަށް ނުލިބޭ ހަމައެކަނި ތައްޓަކީ ޗެމްޕިއަންސް ލީގެވެ. އަދި ބާސެލޯނާގައި ހުރެ ހޯދި ދެ ޗެމްޕިއަންސް ލީގު ފިޔަވައި ގާޑިއޯލާއަށް ވެސް މި ތަށި ލިބިފައެއްނުވެއެވެ. އިންޓަރމިލާން އެންމެ ފަހުން ތަށި ހޯދީ 2010ގައެވެ. އެއީ ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި، ސެމީ ފައިނަލުގައި ގާޑިއޯލާގެ ބާސެލޯނާ ބަލިކޮށް، ފައިނަލުގައި ބަޔާން މިއުނިކް ބަލިކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް