ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއާ މަގާމުން ވަކިކޮށް، އައު ކޯޗަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފްރާންސްގެ ޗެމްޕިއަން ޓީމުގެ ކޯޗަކަށް ގެނައުމަށް މަޝްވަރާކުރަނީ ދެ ކޯޗަކާ އެވެ. އެއީ އިޓަލީގެ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ހޫލިއަން ނާގެލްސްމަންއާ އެވެ. މި ދެ ކޯޗުންގެ ތެރެއިން މޮރީނިއޯ މިހާތަނަށް ބުނަމުންދިޔައީ އޭނާގެ ކޮންޓްރެކްޓް ރޯމާގައި ނިންމަން އަންނަ ސީޒަނުގައި އެ ޓީމުގައި ހުރެދޭނެ ކަމަށެވެ. މިހެންވެ އައު ކޯޗަކަށްވުން އެންމެ ގާތީ ނާގެލްސްމަން އެވެ. މިދިޔަ ސީޒަނުގެ މެދުތެރެއިން ބަޔާންގެ ކޯޗުކަމުން އޭނާ ވަކިކުރީ ޓީމު ކުރިނާރާކަމަށް ބުނެއެވެ. އެކަމަކު މިއާއެކު ޓީމުތެރޭގައި ގިނަ މައްސަލަތަކެއްޖެހި އެންމެ ފަހުން ސީޒަނަށް ފަހު ބަޔާންގެ ބައެއް އިސްވެރިންގެ މަގާމު ގެއްލުނެވެ.
ނޭގެލްސްމަންއާއެކު ޕީއެސްޖީން މަޝްވަރާތައް ފަށާފައިވާއިރު އޭނާ ހުށަހަޅާ އެންމެ މުހިންމު އެއް ކަމަކީ އެސިސްޓެންޓް ކޯޗަކަށް ފްރާންސްގެ ކުރީގެ ފޯވަޑް ތިއޭރީ އޮންރީ ގެނެސްދިނުމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އޮންރީ އަދި ވަކި އެއްޗެއް ނުބުނެ އެވެ. އޮންރީ ކޯޗިންގައި އެންމެ ފަހުން ފެނިގެންދިޔައީ އެންމެ ފަހުގެ ވޯލްޑްކަޕުގައި ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗުގެ ގޮތުގަ އެވެ.
ގަތަރުގެ މަހުޖަނުން ހިންގާ ޕީއެސްޖީން ގަލްޓިއާ ވަކިކުރީ އެއް ސީޒަނަށް ފަހު އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިން ގިނަ އަދަދަކަށް ޕީއެސްޖީގައި އެބަތިއްބެވެ. ހާއްސަކޮށް ބްރެޒިލްގެ ނޭމާ އާއި ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި އާޖެންޓީނާގެ ލަޔޮނަލް މެސީ ތިބެ ޗެމްޕިއަންސް ލީގު ނުހޯދުމަކީ އޭނާގެ ވަޒީފާ ގެއްލުނު މައިގަނޑު އެއް ސަބަބެވެ. މި މުބާރާތުން ޕީއެސްޖީ ކެޓީ ދެ ވަނަ ބުރުންނެވެ.