ފްލެޓް ގަތުމަށާއި އަމިއްލަ ގެދޮރު އިމާރާތް ކުރުމަށް އިންޓްރެސްޓް ރޭޓް ކުޑަކޮށް ލޯން ސްކީމެއް ތަޢާރުފުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ރާއްޖޭގެ ރީޓެއިލް ބޭންކްތަކާއި އެ ނޫން ބޭންކެއްނަމަ ލޯނު ދޫކުރާ އެހެން ފަރާތެއް މެދުވެރިކޮށް ނަމަވެސް މި ސް ކީމްގައި ބައިވެރިވުމަށް އަންގައިފިއެވެ.
އެމްއެމްއޭއާއި ހައުސިންގ މިނިސްޓްރީ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން އަންގާރަ ދުވަހު އެމްއެމްއޭގައި ބޭއްވި ނޫސް ކޮންފަރެންސްގައި ގަވަރަނަރ އަޒީމާ އާދަމް ވިދާޅުވީ މި ސްކީމްގެ ދަށުން ލޯން ދޫކުރާނީ 2.2 މިލިއަން ރުފިޔާއަށްވުރެ ދަށް އަގެއްގައި ވިއްކާ ފްލްޓް ގަތުމަށާއި އަމިއްލައަށް ދިރިއުޅުމަށް ގެދޮރު އިމާރާތް ކުރުމަށްކަމަށެވެ.
" އަޅުގަނޑުމެންވާނެ ބޭންކްތަކުގެ ލޯނުތަކުގެ ޖުމްލަ ފައިސާގެ ތެރެއިން މަދުވެގެން 10 ޕަސެންޓް މިފަދަ ފްލެޓް ގަތުމަށާއި ގެދޮރު އިމާރާތްކުރަން ދޫކުރުމަށް ހުށަހަޅާފަ" ގަވަރނަރ ވިދާޅުވިއެވެ.
މި ސްކީމްގެ ދަށުން މި އަހަރު ދޫކުރެވޭނެ ކަމަށް އެމްއެމްއޭއިން ލަފާކުރަނީ 300 އާއި 350 އާ ދެމެދުގެ ހައުސިންގ ޔުނިޓް ގަނެވޭނެ ފައިސާއެވެ.
އަޅުގަނޑުމެން އިސްކަން ދިނުމަށް ވިސްނާފައި މިވަނީ ގާކޮށި އަދި އަރަބިއްޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މި މިންގަނޑުތަކުގެ ދަށުން ލޯނު އަދާކުރެވޭނެ ފަރާތްތަކަށް
މި ލޯނު ތަކުގެ މުއްދަތަކީ 25 އަހަރު ދުވަސްކަމަށް ކަނޑައެޅުމަށް ނިންމާފައިވާކަމަށް އެމްއެމްއޭއިން ބުންޏެވެ.
ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކަނޑައަޅަން ނިންމާފައިވަނީ ޑައުންޕޭމަންޓްގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަށް ބަލައިގެންނެވެ.
ޑައުންޕޭމަންޓް %20 ނަމަ އިންޓްރެސްޓް ރޭޓް %5 ގައި ދޫކުރާއިރު ޑައުންޕޭމަންޓް %10 ނަމަ އިންޓްރެސްޓް ރޭޓް %5.5 އަދި ޑައުންޕޭމަންޓް %05 ނަމަ އިންޓްރެސްޓް ރޭޓަކީ %6.0ޕަސެންޓެވެ.
ލޯނުތައް ދޫކޮށްފައިވާ މުއްދަތުގައި މާކެޓަށް ބަދަލު އައި ނަމަވެސް ލޯނުގެ ފުރަތަމަ 10 އަހަރުގެ ތެރޭގައި އެ ލޯނެއް ދޫކޮށްފައިވާ ރޭޓް އިތުރު ނުކުރެވޭނެކަމަށް އެމްއެމްއޭއިންވަނީ ބޭންކަތަކަށް އަންގާފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވީ މިސްކީމްގައި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދޭނީ ގާ ކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އަޅާފައިވާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
"މި ސްކީމްގެ ދަށުން އެންމެ ބޮޑު ހައްލެއް އެންމެ ފުރަތަމަ ލިބިގެން މިދަނީ މާލޭގަ އެޅިފަ މިހިރަ ފްލެޓްތަކުގެ ތެރެއިން ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް، ގާކޮށި އަދި އަރަބިއްޔާގައި އަޅާފައިވާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް" މިނިސްޓަރ މުއިޒު ވިދާޅުވިއެވެ.
ރާއްޖޭގައި ފުރަތަމަ އުފެދުނު ޑެމޮކްރެޓިކް ވެރިކަން 2012 ވަނަ އަހަރު ފުރޮޅުނީއްސުރެ ހައުސިންގ މިނިސްޓަރ ކަން ކުރައްވަމުން ގެންދަވާ މުއިޒުއަށް ވަނީ ގާކޮށި އަދި އަރަބިއްޔާގެ ފްލެޓްތަކުގެ މައްސަލައިގައި އަދި މިހާތަނަށްވެސް ހައްލެއް ހޯއްދަވައި ނުދެއްވިފައެވެ.
އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު އަޅާފައިވާ އެ ފްލެޓްތަކުގެ އަގު ބޮޑުވެފައިވަނީ އެ ސަރުކާރުން ކަންކޮށްފައިވާ ގޮތުންކަމަށް ތަކުރާރުކޮށް މުއިއްޒު ވިދާޅުވާއިރު އެ ސަރުކާރުގެ ހައުސިންގ މިނިސްޓަރ އެކަން ދޮގުކުރައްވައެވެ.