ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރުމަށް 32 މިލިޔަން ރުފިޔާ ހުށަހެޅި ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ އެމްޑީއޭ ގުޅިފައިވާ ޕާލަމެންޓްރީ ގުރޫޕުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ މަސީހުއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައި މައްސަލައަކީ " ފައިސާގެ ޕެޓިޝަނެއް" ކަމަށެވެ.
ފަލާހު ވިދާޅުވީ ޕީޕީއެމް ޕީޖީ ގުރޫޕުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ފައިސާ ހުށަހެޅި އޭނާ އަށް އެކަނި ނޫން ކަމަށާއި އެހެން މެމްބަރުންނަށް ވެސް ފައިސާ ހުށަހެޅި ކަމަށެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރުމަށް ފައިސާ ހުށަހެޅީ ކާކުކަން ފަލާހު ހާމަނުކުރި ނަމަވެސް ވިދާޅުވީ އެ ފައިސާ ހުށަހެޅި ފަރާތްތަކަކީ މިލިޔަނުން މީރާ އަށް ފައިސާ ދައްކަން ޖެހޭ ފަރާތްތައް ކަމަށެވެ. އަދި އެއީ ކޮންބައެއްކަން ދިވެހި ރައްޔިތުންނަށް އެނގޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކޮށް، ޕީޕީއެމް ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅުނު މެމްބަރުން އެ މެމްބަރުން ތަމްސީލްކުރާ ދާއިރާތަކުގައި ތަރައްގީ މަޝްރޫޢުތައް ކުރިއަށް ނުގެންދާ ކަމަށް ބުނެވޭނެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި އެ ދާއިރާތަކަށް ރައީސް އަބްދުﷲ ޔާމީން ގެންންވި ފަދަ ތަރައްގީއެއް ވޭތުވެދިޔަ 100 އަހަރު ވެސް ގެނެވުނު ލީޑަރެއް ނެތްކަން އެ މެމްބަރުން ގަބޫލު ކުރާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކޮށް ޕީޕީއެމް ދޫކޮށް ދިޔަ މަމެމްބަރުން ދިޔައީ އެ މެމްބަރުންގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި އެފަދަ މެމްބަރުންގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އަގުވެއްޓި މަޖިލީހުގެ މެމްބަރުންނަށް ކޮރޮޕްޝަންގެ ތުހުމަތުގެ އިނގިލި ދިއްކުރެވޭ ކަމަށް ފަލާހު ވިދާޅުވިއެވެ. އެހެން ކަމުން ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިހާރު ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަށް ފުރިހަމަ އަށް ތާއިދު ކުރައްވާ ކަމަށް ފަލާހު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވަނީ ރައީސް މުހައްމަދު ނަޝީދަށާއި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށާއި މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިއިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ.
އެގޮތުން ދިވެހި ފުލުހުންނަށާއި ސިފައިންނަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުމުއް ކޮށްފައިވާއިރު ރާއްޖޭއިން ބޭރުގައި އުޅެމުންދާ ދިއުން ހުއްޓުވައި ރައީސް ނަޝީދުގެ ހައްޔަރުކޮށްގެން ރާއްޖެ ގެންނަން ގޮވާލާ ކަމަށެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިގެން އިދިކޮޅު ފަރާތްތަކުން ކުރަން އުޅޭ މަސައްކަތަކީ ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ބަދަލު ގެނެސްގެން ގާސިމް އިބްރާހީމްއަށާއި ރައީސް ނަޝީދަށާއި އަދި ރައީސް މައުމޫން އަށް 2018 އިގެ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް އެކަން ކާމުޔާބު ނުވާނެ ކަމަށާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވެސް އަދި ރައީސް މައުމޫނަށް ވެސް އަދި ގާސިމް އިބްރާހީމް އަށް ވެސް ވާދަ ނުކުރެވޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.