ސިޔާސީ މަސައްކަތުގައި ހަތުރުން މިތުރުންނަށްވެ މިތުރުން ހަތުރުންނަށް ވުމަކީ ދުނިޔޭގެ ތޮބީއަތަށް ވެދާނެ ކަމަށާއި، ނަމަވެސް ގާނޫނީ މަސައްކަތަކީ ތަފާތު މަސައްކަތެއް ކަމަށް ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާޙީމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގައި ރިފްއަތު ވިދާޅުވީ ޗާގޯސް މައްސަލަ ސާބިތުކުރުމަށް އިޓްލޮސްގެ ފަނޑިޔާރުން ފާހަގަކޮށްފައިވާ އެއްވެސް ކިތާބީ ހެތްކެއްގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފޮނުއްވި ސިޓީފުޅު ނުހިމެނޭ ކަމަށެވެ. އަދި މިމައްސަލާގައި ރާއްޖޭއިން ނަގާފައިވާ ގާނޫނީ ސްޓޭންޑް ބަދަލުނުކުރާނެ ކަމަށް ރައީސްގެ ސިޓީފުޅުގައި ކަޅާއި ހުނދުން ލިޔުއްވާފައިވާ ކަމަށެވެ.
ރިފްއަތު ވިދާޅުވީ ސިޔާސީ މަސައްކަތުގައި ހަތުރުން މިތުރުންނަށްވެ މިތުރުން ހަތުރުންނަށް ވުން ދުނިޔޭގެ ތަބީއަތަށް ވެދާނެ ކަމަށެވެ. ނަމަވެސް ގާނޫނީ މަސައްކަތަކީ ތަފާތު މަސައްކަތެއް ކަމަށާއި، މިރާއްޖޭގައި އޮންނަނީ ކަޅާއި ހުދުން ލިޔެފައި އޮންނަ ގާނޫނު އަސާސީއެއް ކަމަށް ރިފްއަތު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދައުލަތުގެ ބާރުތަކުގެ މައްޗަށް އޮންނަނީ ގާނޫނު އަސާސީގެ ސިޔާދަތު ކަމަށާއި، ގާނޫނު ލިޔުމުން އޮތުމުން ބޭނުމަކީ ގާނޫނުގެ ރައްކާތެރިކަން އެންމެހައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން ރިފްއަތު ވިދާޅުވީ ގާނޫނު އަސާސީ ހިތުހުރި ގޮތަކަށް މާނަ ކުރުން ނޯންނަ ކަމަށާއި، އެކަން ކުރުމުގެ މަސްއޫލިއްޔަތު ގާނޫނު އަސާސީން މަތިކޮށްފައިވަނީ ދިވެހިރާއްޖޭގެ ކަމާއިބެހޭ ކޯޓުތަކަށް ކަމަށެވެ. އަދި ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި، ބަންޑާރަ ނައިބު ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި 13 މެންބަރުން، އޭނާ ގާނޫނު އަސާސީގެ 133 ވަނަ މާއްދާއާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ނިންމީ ކޮން ގާނޫނީ އުސޫލަކުންތޯ ކަމަށް ވިދާޅުވެ، ސުވާލު އުފައްދަވާފައެވެ.
ގާނޫނު ލިޔުމުން އޮތުމުން ބޭނުމަކީ ގާނޫނުގެ ރައްކާތެރިކަން އެންމެހައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުން. ހިތުހުރި ގޮތަކަށް ކޮންމެ މީހަކަށް ގާނޫނު މާނަ ކުރުމެއް ނޯވޭ. އެކަން ކުރުމުގެ މަސްއޫލިއްޔަތު ގާނޫނު އަސާސީން މަތިކޮށްފައިވަނީ ދިވެހިރާއްޖޭގެ ކަމާއިބެހޭ ކޯޓުތަކަށް. އެއީ މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނާއި ގާނޫނު އަސާސީ މާނަކުރުމަށްޓަކައި ރިޔާއަތް ކުރަންޖެހޭ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރަންޖެހޭ ކަމެއް. ގާނޫނު އަސާސީގެ 133 ވަނަ މާއްދާއާއި އަޅުގަނޑު ހިލާފަށް އަމަލުކޮށްފި ކަމަށް މަޖިލީހުގެ 13 މެމްބަރުން ނިންމީ ކޮން ގާނޫނީ އުސޫލަކުންތޯ އަޅުގަނޑު އެބޭފުޅުންނާއި ސުވާލުކުރަން ބޭނުން. ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ގައި ބުނަނީ ސަބަބު ބަޔާންކޮށްގެން މެނުވީ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަނޭޅޭނެ ކަމަށް. ދެކުނުގެ އީޒެޑްގެ މައްސަލާގައި ރާއްޖެއަށް ބޮޑު ބައި ހޯދުމަށް އަޅުގަނޑު ވަކާލާތު ކުރިގޮތާއި މެދު މަޖިލީހުގެ ރައީސާއި މަޖިލީހުގެ 13 މެމްބަރުންގެ ހިތަށް ފެންނަ ގޮތަކީ ގާނޫނު އަސާސީގައި ބުނާ ސަބަބެއް ނޫން.ބަންޑާރަ ނާއިބު އިބްރާޙީމް ރިފްއަތު
ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި އިޓްލޮސްއިން ގޮތް ނިންމަވާފައިވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށް، ރާއްޖެއަށް ފައިދާވާގޮތަށެވެ. އަދި މި ނިންމުމާ ގުޅިގެން، ފުށުއަރާ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ލިބިފައެވެ.