Advertisement
ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 13:25
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ޖަލްސާއެއްގައި
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ޖަލްސާއެއްގައި
މުހައްމަދު އަފްރާހު / ސަން އޮންލައިން
މެމްބަރުންގެ ގޮނޑި ގެއްލުން
އަޅުގަނޑުމެންގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނަސް މައްސަލައެއް ނެތް: އަބްދުއްރަހީމް
ޕީޕީއެމްގެ މެމްބަރުންގެ ގޮނޑިތައް ގެއްލުމަކީ އެ ބެފުޅުންނަށް މައްސަލައެއް ނޫން
ބަންޑާރަ ނައިބް ހުށައެޅުއްވިގޮތަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމަވައިފިނަމަ ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ އަށް މެމްބަރެއްގެ ގޮނޑި ގެއްލިގެންދާނެ
ބަންޑާރަ ނައިބު ހުށައެޅުއްވީ ތިން ހާލަތެއްގައި މެމްބަރުކަމުގެ ގޮނޑި ގެއްލޭނެކަމަށް ކަނޑައަޅައިދިނުމަށް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިގެއްލޭ ގޮތަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ އެކު، ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނުކަމުގައިވީ ނަމަވެސް އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް-އެމްޑީއޭ ޕާލިމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑިގެއްލޭ ގޮތަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުއްވިއިރު، އެ ހުށައެޅުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން ތާއީދުކުރުމަށް ނިންމީ ޤައުމުގެ މަސްލަހަތަށްޓަކައި ކަމަށެވެ. އެހެންކަމުން ބަންޑާރަ ނައިބު ހުށައެޅުއްވި ގޮތަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމައިގެން، ޕީޕީއެމްގެ މެމްބަރުންގެ ގޮނޑިތައް ގެއްލުމަކީ އެ ބެފުޅުންނަށް މައްސަލައެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

 

"އަޅުގަނޑުމެން ޕާޓީގެ މޮޓޯއަކީ އެންމެ ފުރަތަމަ ޤައުމޭ. އަޅުގަނޑުމެން ޕާޓީގެ މީހަކު ހިމެނުމަކުން، ނުވަތަ ސުޕްރީމް ކޯޓުން ނެރޭ ހުކުމަކުން އޭނާގެ ގޮނޑި ގެއްލިދާނެތީވެ އަޅުގަނޑުމެންގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް މެމްބަރަކު ކަންބޮޑުވެވަޑައެއް ނުގަންނަވާ. އަޅުގަނޑުމެންގެ ޕާޓީގެ މޮޓޯއާ އެއްގޮތަށް އެ ބޭފުޅުންގެ ގޮނޑިގެއްލިގެން ވެސް އެ ބޭފުޅުން ބޭނުންވޭ މި ޤައުމު ސަލާމަތްކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

 

ބަންޑާރަ ނައިބު ހުށައެޅުއްވި ގޮތަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމަވައިފި ނަމަ ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ އަށް މެމްބަރެއްގެ ގޮނޑި ގެއްލިގެންދާނެ އެވެ. އެ ބޭފުޅުންނަކީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި، މިލަންދޫ ދާއިރާގެ މެމްބަރު ހުސެއިން މުފީދު އަބްދުﷲ އާއި، ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި، ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދާއި، މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލްގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ.

 

ދިވެހި ރައްޔިތުންގެ ނަމުގައި ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވީ، ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ އިތުރުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ މާނަކޮށް، މަޖިލިހަށް އިންތިޚާބްވާއިރު ހުންނަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. 

 

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި، ހޯމަ ދުވަހު މައްސަލަ ހުށަހަޅުއްވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ   ޕާޓީއަކަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓްކުރާނެ ކަމުގެ ޔަގީންކަންދީގެން އެ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކޮށް، އެ ސިޔާސީ ފިކުރު ރައްޔިތުންނަށް ވިއްކައިގެން، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވުމަށް ފަހު އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ނުވަތަ ފްލޯ ކްރޮސް ކުރުމަކީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ސިޔާސީ ފިކުރާއި ޚިލާފުވެ އެ ރައްޔިތުންނާއި ޕާޓީއަށް އޮޅުވާލުން ކަމަށެވެ. އެއީ އިންތިޚާބުކޮށްދިން ރައްޔިތުންނާއެކު ހެދިފައިވާ އިޖުތިމާއީ އަގުދާ ޚިލާފުވުން ކަމަށް އަނިލް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
11 ޖުލައި 2017 | އަންގާރަ 15:31
Mirus
Ehen vy ma ehen party thakun ppm ashaa mda ah badhaluvi meehun ge ves godi gelleyne thaa dho??