ކ. މާލެ
|
4 ޖޫން 2023 | އާދީއްތަ 18:39
ރާނީ ކުޅަނދުރުތަކުގެ ޖީން އަށް ބަދަލު ގެނައުން
ރާނީ ކުޅަނދުރުތަކުގެ ޖީން އަށް ބަދަލު ގެނައުން
ރާނީ ކުޅަނދުރުތަކުގެ ޖީން އަށް ބަދަލު ގެނައީ ކީއްވެ؟
ކޮންމެ ހަތައެއްގައި 15 އާއި 20 ހާހާއި ދެމެދު ޢަދަދެއްގެ މާމުއި ކުޅަނދުރު އުޅޭ
އެ މަރުކަޒުގައި 2500 އެއްހާ މާމުއި ކުޅަނދުރު ހަތާ ހުރޭ
ޔޫއޭއީގައި މާމުއި ކުޅަނދުރު ގެންގުޅޭ ކުންފުންޏަކުން ވަނީ، ގަދަ ހޫނަށް އަހުލުވެރި ވާ ގޮތަށް، ރާނީ މާމުއި ކުޅަނދުރުތަކުގެ ޖީން އަށް ބަދަލުތަކެއް ގެނެސްފައި

ސައެންސްއާއި ޓެކްނޮލޮޖީގެ ރޮނގުން ހޯދުމުން ދާ އެކި ކުރިއެރުންތަކަކީ ގިނަ ބަޔަކު ޝޯޚް ކުރުވާ ފަދަ ކުރިއެރުންތަކެކެވެ. މިފަދަ ކަމެއް ދާދި ފަހުން ކުރި އެއް ޤައުމަކީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އެވެ. ޔޫއޭއީއަކީ އާދަޔާ ޚިލާފަށް ހޫނު ގަދަވާ ޤައުމެކެވެ. އެކަމުގެ އަސަރު، ދިރިއުޅުމުގެ އެކި ދާއިރާތަކަށް ފޯރައެވެ.

ކަން މިހެން އޮތް އިރު، ޔޫއޭއީގެ ގަދަ ހޫނުގައިވެސް ކާމިޔާބު ކަމާއެކު މާމުއި ކުޅަނދުރު ގެންގުޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކާ ޔޫއޭއީގައި މާމުއި ކުޅަނދުރު ގެންގުޅޭ ކުންފުންޏަކުން ވަނީ، ގަދަ ހޫނަށް އަހުލުވެރި ވާ ގޮތަށް، ރާނީ މާމުއި ކުޅަނދުރުތަކުގެ ޖީން އަށް ބަދަލުތަކެއް ގެނެސްފައެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކުގެ ދައުރު ބޮޑު. މާމުއި އުފެއްދުމުގެ މަސައްކަތަށް ބަލާއިރު މޫސުމީ ބަދަލުތަކުގެ ދައުރު ބޮޑު. ވާރޭ ނުވެހެންޏާ، އެކަމުގެ އަސަރު ކުޅަނދުރުތަކަށް ކުރޭ. މާމުއި ހޯދަން އެ ސޫފިތައް ނުވެސް އުޅެފާނެ. އަހަރަމެންގެ ޢުއްމީދަކީ މިއަހަރު، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ބޮޑު އަސަރެއް ނުކުރުން
ކޯޓް: މުސްޠަފާ މުޙައްމަދު މުސްޠަފާ؛ ހައްތާ ހަނީ ކޮމްޕެނީގެ ޕްރޮޑަކްޝަން މެނޭޖަރ

ހައްތާގެ ފަރުބަދަމަތީ ސަރަޙައްދުގައި ފުޅާ ދާއިރާގައި މާމުއި ކުޅަނދުރު ގެންގުޅުމުގެ މަސައްކަތް ކުރަމުންދާ އެއް މަރުކަޒަކީ، ހަނީބީ ގަރޑަން އެންޑް ޑިސްކަވަރީ ސެންޓަރއެވެ. އެ މަރުކަޒުގައި 2500 އެއްހާ މާމުއި ކުޅަނދުރު ހަތާ ހުރި އިރު، ކޮންމެ ހަތައެއްގައި 15 އާއި 20 ހާހާއި ދެމެދު ޢަދަދެއްގެ މާމުއި ކުޅަނދުރު އުޅެއެވެ.

ހަނީބީ ގަރޑަން އެންޑް ޑިސްކަވަރީ ސެންޓަރ ޚާއްޞަ ވަނީ މާމުއި ކުޅަނދުރުތައް ބަލާލުމުގެ ފަތުރުވެރި ދަތުރުތަކާއި އެކަމާ ގުޅުން ހުރި މަސައްކަތު ބައްދަލުވުންތަކަކަށް އެކަންޏެއް ނޫނެވެ. މި ކުޑަކުޑަ ސޫފީގެ ދިރުން ހިމާޔަތް ކުރުމަށްވެސް އެ މަރުކަޒުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މުޅި ދުނިޔެއަށްވެސް މިއަދު ކުރިމަތިލާން ޖެހިފައިވާ ދުނިޔެ ހޫނުވުމުގެ މައްސަލައަށް މާމުއި ކުޅަނދުރުތައް އަހުލުވެރި ކުރުވުމަށްޓަކާ، ބިނާ ކުރަނިވި ހައްލުތައް ހޯދުމަށްވެސް ހަނީބީ ގަރޑަން އެންޑް ޑިސްކަވަރީ ސެންޓަރ އިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ހަނީބީ ގަރޑަން އެންޑް ޑިސްކަވަރީ ސެންޓަރގެ ޕްރޮޑަކްޝަން މެނޭޖަރ، މުސްޠަފާ މުޙައްމަދު މުސްޠަފާ ފާހަގަ ކުރި ގޮތުގައި، ޖީން ތަކަށް ބަދަލު ގެނެސްގެން، ރާނީ ކުޅަނދުރަށް، ގަދަ ހޫނުގައި ދިރިއުޅެވޭނެ މަގު ވަނީ ހޯދިފައެވެ.

ހޫނުގަދަވެގެން ގޮސް 45 ޑިގްރީ، 50 ޑިގްރީއަށް އެބަ އަރާ. އެއީ ކުޅަނދުރުތަކަށް ތަހައްމަލު ކުރެވޭ ވަރަށް ވުރެ ގަދަ ހޫނެއް. އަހަރަމެންނަށް މިކަން ހައްލު ކުރެވިދާނެ، ބޮޑެތި ގަސްގަހުގެ ހިޔަލުގައި ކުޅަނދުރުތައް ގެންގުޅެގެން. ކައިރި ހިސާބުތަކުގައި ފެން ސްޕްރޭ ކުރެވެމުން ދާނެކަންވެސް އަހަރަމެން ކަށަވަރު ކުރަން. އޭގެ އިތުރަށް، އަހަރަމެންނަށް އުފެއްދިއްޖެ ޔޫއޭއީގެ ގަދަ ހޫނަށް އަހުލުވެރި ކުޅަނދުރު ސްޓްރެއިންއެއް. ޖީންސްތަކަށް ބަދަލު ގެނެސްގެން، ގަދަ ހޫނުގައި، ރާނީ ކުޅަނދުރުތަކަށް އުޅެވޭނެ މަގު ވަނީ ހޯދިފަ. ކުޅަނދުރުގެ ޖީންތަކުގެ ތެރެއިން އަހަރަމެން ޚިޔާރު ކުރަނީ، ގަދަ ހޫނުގައި ރާނީ ކުޅަނދުރަށް ދިރިއުޅެވޭނެ ފުރުޞަތު ހޯދާދޭނެ ޖީން
މުސްޠަފާ މުޙައްމަދު މުސްޠަފާ؛ ހައްތާ ހަނީ ކޮމްޕެނީގެ ޕްރޮޑަކްޝަން މެނޭޖަރ

އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. ކޭމެއްގެ ގޮތުގައި މާމުއި ކުޅަނދުރު ޝިކާރަ ކޮށްގެން ކައި އުޅޭ ދޫނިތަކުގެ ކިބައިން މި ސޫފިތައް ސަލާމަތް ކުރުމުގެ ގޮތުން، މާމުއި ކުޅަނދުރު ގެންގުޅޭ ފަރާތްތަކުން ވަނީ ގިނަ ޢަދަދެއްގެ އަޑުގަދަކުރާތައްވެސް ހަރުކޮށްފައެވެ. އެއީ މާމުއި ކުޅަނދުރު ޝިކާރަ ކުރާ ދޫނިތައް ބިރު ގަންނަ ފަދަ އަޑުފަށްގަނޑު ވީހާވެސް ގަދަ ކޮށް، އެ ދޫނިތައް ފައްސާލުމުގެ ބޭނުމުގައެވެ.

ކުޅަނދުރު ކާ ދޫނި މި ހިޖުރަ ކުރަނީ ވިލާތުން. މިތަނަށް އެ އަންނަނީ ކުޅަނދުރުތައް ކާން. އެއް ދޫނި އެބަ ކާލާ ދުވާލަކު 80 ކުޅަނދުރު. އެ ދޫނިތައް އަންނަނީ ބޮޑެތި ބައިގަނޑު ބައިގަނޑުތަކަށް. ފިސާރި އަވަހަށް ހަތާ ތަކަށް ހަމަލާ ދޭ. ދަތުރުމަތީގަ އެ ދޫނިތައް ވެފަ ހުންނަ ވަރުބައްޔެއްގެ ބޮޑުކަމުން، އެހާ އަވަހަށް ކުޅަނދުރުތައް ކާން ފަށާ. އެހެންވެ އަހަރަމެން އަޑުގަދަ ކުރާތައް ބޭނުން ކުރަނީ. ބާޒު ކަހަލަ ދޫނިތަކުގެ އަޑުތައް ޖަހާފަ ހުންނާނީ. ކުޅަނދުރުތަކާ އެ ދޫނިތައް ވީހާވެސް ދުރުކުރަން ވެގެން
ކޯޓް: މުސްޠަފާ މުޙައްމަދު މުސްޠަފާ؛ ހައްތާ ހަނީ ކޮމްޕެނީގެ ޕްރޮޑަކްޝަން މެނޭޖަރ

ދުނިޔޭގެ ކޮންމެ ހިސާބަކަށް ބެލި ކަމުގައި ވީ ނަމަވެސް، މާމުއި ކުޅަނދުރުގެ އާބާދީ ދަނީ މަދު ވަމުންނެވެ. މައިގަނޑު އެއް ސަބަބަކީ ދަނޑުވެރިކަމެވެ. އަދި އެކި ކަހަލަ ސޫފާސޫފި ނައްތާލަން ކެމިކަލް ބޭނުން ކުރާ މިންވަރު އިތުރުވުމާއި، ގެއްލުން ދެނިވި ސޫފާސޫފި އިތުރުވުމާއި މޫސުމީ ނޭދެވޭ ބަދަލުތަކުގެ ދައުރުވެސް ބޮޑެވެ.

2020 ވަނަ އަހަރު ސައެންސް މެގަޒިންގައި ޝާޢިއު ކޮށްފައި ވާ ދިރާސާއަކުން ބާރު ދޭ ގޮތުގައި، ކުޅަނދުރުގެ ބާވަތެއް ކަމަށް ވާ ބަމްބަލް ބީގެ އާބާދީ މަދުވުމާއި، ތާރީޚު ނުދެކޭ މިންވަރަށް ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމާ ދެމެދު ސީދާ ގުޅުމެއް އެބަ އޮތެވެ.

ކުޅަނދުރަކީ ޤުދުރަތީ ވެށީގައި މުހިންމު ދައުރެއް އަދާ ކުރާ ސޫފިތަކެކެވެ. ގަސްގަހާގެހީގެ ދިރުން ދެމެހެއްޓުމަށްޓަކާ މާމަލުން ފޮނިބޮއެ ޖޯޑު ކުރުވުމުގެ ޤުދުރަތީ ނިޒާމުގައި ކުޅަނދުރުގެ ދައުރަކީ އިސް ދައުރެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައި ވާ އިންސާނީ ޙަޟާރާތުގެ ކެއިންބުއިމުގެ ތެރޭގައި ހިމެނޭ ބޮޑު އިންސައްތައެއް އުފެއްދުމުގެ ހިއްސާ ދާރަކީވެސް ކުޅަނދުރެވެ.

ހައްތާ ހަނީބީ ގަރޑަންއިން ދަނީ ކުޅަނދުރަށް ޚާއްޞަ ފިހާރައެއްވެސް ހިންގަމުންނެވެ. ސެންޓަރުގައި ވާ ހަތާތަކުން ލިބޭ މާމުއި ވިއްކަން ހުރެއެވެ. ކުޅަނދުރުގެ މުހިންމުކަން ބަޔާންކޮށްދީ، ކުޅަނދުރުގެ އާބާދީ އިތުރު ކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުވުމުގެ މަސައްކަތްވެސް އެ ފިހާރާގައި ކުރިއަށް ގެންދެއެވެ.

- ކޮމެންޓް