ކ. މާލެ
|
4 ޖޫން 2023 | އާދީއްތަ 07:55
އެފްއޭކަޕު ޓްރޮފީ އާއެކު ސިޓީއިން އުފާ ފާޅުކުރަނީ
އެފްއޭކަޕު ޓްރޮފީ އާއެކު ސިޓީއިން އުފާ ފާޅުކުރަނީ
ރޮއިޓަސް
އިނގިރޭސި އެފްއޭ ކަޕު
ގުންޑޮގާންގެ ދެ ލަނޑާއެކު ސިޓީއިން އެފްއޭ ކަޕް ކާމިޔާބުކޮށްފި
މިއީ ސިޓީއިން އެފްއޭ ކަޕު ކާމިޔާބުކުރި ހަތްވަނަ ފަހަރު

ގުންޑޮގާންގެ ދެ ލަނޑާއެކު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑު 2-1 ން ބަލިކޮށް ސިޓީއިން އެފްއޭ ކަޕު ކާމިޔާބުކޮށްފިއެވެ.

މެޗު ފެށިގެން 12 ވަނަ ސިކުންތުގައި ސިޓީގެ ކެޕްޓަން ގުންޑޮގާން ވަނީ ލަނޑެއްް ޖަހައި، ޓީމަށް ފެށުން ރަނގަޅުކޮށްދީފައެވެ. މިއީ އެފްއޭ ކަޕު ފައިނަލެއްގައި މިހާތަނަށް އެންމެ އަވަހަށް ޖެހި ލަނޑެވެ. މީގެކުރިން މި ރެކޯޑު އޮތީ ލުއިސް ސާހާ އަތުގައެވެ. އެއީ 2009 ވަނަ އަހަރު ޗެލްސީއާ ދެކޮޅަށް ކުޅުނު ފައިނަލުގެ 25 ވަނަ ސިކުންތުގައި އެވަޓަންއަށް އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކުރަން ފުރުސަތު ލިބުނީ މެޗުގެ 33 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ސިޓީގެ ޖެކް ގްރީލިޝްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ ޔުނައިޓެޑަށް ކާމިޔާބުކޮށްދީފައިވަނީ ބްރޫނޯ ފަނާންޑެޒްއެވެ. ދެވަނަ ހާފު ފެށިގެން ހަ މިނެޓު ތެރޭގައި ގުންޑޮގާން ވަނީ އިތުރު ލަނޑެއްޖަހައި، ސިޓީ މޮޅުކޮށްދީފައެވެ. އެ ލަނޑާއެކު ސިޓީއިން ވަނީ ހަތް ވަނަ ފަހަރަށް އެފްއޭ ކަޕު ކާމިޔާބުކޮށްފައެވެ.

ސިޓީއިން މި ސީޒަނުގައި ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައިވާއިރު، އެފްއޭ ކަޕުގެ ކާމިޔާބީއާއެކު "ޓްރެބަލް" ހޯދުމަށް ފިޔަވަޅަކާ ގާތަށް ޖެހިލީއެވެ. ޔުނައިޓެޑުން 1999 ވަނަ އަހަރު ހޯދި ކާމިޔާބީއާ ފައިހަމަކުރުމަށް ސިޓީއަށް ދެން ބޭނުންވަނީ ޗެމްޕިއަންސް ލީގެވެ. އިންޓަ މިލާންއާ ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ ހޮނިހިރު ދުވަހުއެވެ.

- ކޮމެންޓް