ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 10:33
ކޯޓުގެ އަޑުއެހުމަކަށް ފަހު ރައީސް ނަޝީދު މާފުށީ ޖަލަށް ގެންދިއުމަށް ލޯންޗުގައި
ކޯޓުގެ އަޑުއެހުމަކަށް ފަހު ރައީސް ނަޝީދު މާފުށީ ޖަލަށް ގެންދިއުމަށް ލޯންޗުގައި
ގޫގުލް
ރައީސް ނަޝީދުގެ މައްސަލަ
ރައީީސް ނަޝީދުގެ މައްސަލައިގައި ކޯޓަށް ވަޑައިގެންނެވި ދައުލަތުގެ ހުރިހާ ވަކީލުން ޕީޖީއިން ވަކިވެއްޖެ
މައްސަލައަށް ވަޑައިގެންނެވީ މައިގަނޑު ގޮތެއްގައި ހަތަރު ވަކީލުން
އެންމެ ފަހަށް ހުންނެވި ވަކީލް ވަނީ މިމަހު އިސްތިއުފާ ދެއްވާފަ
ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި

ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާގެ ޝަރީއަތަށް ކޯޓަށް ވަޑައިގެންނެވި ދައުލަތުގެ ހުރިހާ ވަކީލުން ވެސް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) ގެ އޮފީހުން ވަކިވެވަޑައިގެންފި އެވެ.

ވެރިކަމުގައި ހުންނެވި އިރު، ކްރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު(އަބްދުﷲ) ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ގިރިފުށީގައި ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

އެ މައްސަލައިގެ ޝަރީއަތަށް ދައުލަތުގެ ފަރާތުން ވަޑައިގެންނެވީ ހަތަރު ވަކީލެކެވެ. އެގޮތުން، އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވީ މިހާރުގެ ކްރިމިނަލް ކޯޓްގެ ގާޒީ އާދަމް އާރިފްއާއި، މިހާރުގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އަހުމަދު ހިޝާމް ވަޖީހުއާއި، ނޫރުއްސަލާމް އަބޫބަކުރުގެ އިތުރުން އާދަމް މުހައްމަދު އެވެ.

އެ ހަތަރު ބޭފުޅުންގެ ތެރެއިން ފުރަތަމަ ޕީޖީ އޮފީހުންވަކިވެވަޑައިގަތީ ގާޒީ އާދަމް އާރިފް އެވެ. އާދަމް އާރިފް ޕީޖީ އޮފީހުން ވަކިވެވަޑައިގަތީ ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމު ލިބިވަޑައިގަތުމުން މިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ.

އޭގެ ފަހުން ޕީޖީ އޮފީހުން ވަކިވެވަޑައިގަތީ މިހާރު އެސިސްޓެންޓް އެޓާނީ ޖެނެރަލް އަހުމަދު ހިޝާމް ވަޖީހު، ޕީޖީ އޮފީހުން ވަކިވެވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ. އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމަށް ހިޝާމް އައްޔަން ކުރައްވާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

ހިޝާމް އަށް ފަހު ޕީޖީ އޮފީހުން ވަކިވެވަޑައިގަތީ ނޫރުއްސަލާމް އަބޫބަކުރު އެވެ. ނޫރުއްސަލާމް ޕީޖީ އޮފީހުން ވަކިވެވަޑައިގަތީ މިއަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ނޫރުއްސަލާމް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ.

ރައީސް ނަޝީދުގެ މައްސަލައިގައި ވަޑައިގެންނެވި ވަކީލުންގެ ތެރެއިން އެންމެ ފަހާ ޖެހެންދެން ޕީޖީ އޮފީހުގައި ހުންނެވީ އާދަމް މުހައްމަދު އެވެ. ޕްރައިވެޓް ޕްރެކްޓިސް އަށް ނިކުތުމަށް އޭނާ ވަނީ މިމަހުގެ ތެރޭގައި ޕީޖީ އޮފީހުން އިސްތިއުފާ ދެއްވާފަ އެވެ.

އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ރައީސް ނަޝީދުގެ އިތުރުން، ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަދި މިހާރު ރައްޔިތުން މަޖިލީހުގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީއާއި ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުވާ ކުރި އެވެ.

ރައީސް ނަޝީދާއި ތޮލްހަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި، މޫސާ އަލީ ޖަލީލާއި ކާނަލް ޒިޔާދުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކަނޑައެޅިއިރު، މެމްބަރު އިބްރާހިމް ދީދީގެ ކުރި ދައުވާ އަނބުރާ ގެންދިޔަ އެވެ. ނަމަވެސް، އިބްރާހިމް ދީދީގެ މައްސަލަ އަލުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

- ކޮމެންޓް