ކްރިމިނަލް ކޯޓްގެ ހިންގުން ގާޒީ އާދަމް އާރިފްއާ ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ ހިންގުން ގާޒީ އާދަމް އާރިފްއާ ހަވާލުކޮށްފައިވަނީ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ފޮނުވި ސިޓީއަކުންނެވެ.
ކްރިމިނަލް ކޯޓުގެ ހިންގުން ގާޒީ އާދަމް އާރިފްއާ ހަވާލުކޮށްފައިވަނީ، އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ހޯމަ ދުވަހުގެ ރޭ ނިންމުމާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ބާރީ ހަމަޖައްސަވާފައިވަނީ، އެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު(އަބްދުﷲ ގާޒީ) ފެމިލީ ކޯޓަށް ބަދަލުކުރުމަށް ނިންމި ނިންމުމާއި ގުޅިގެން މިދިޔަ އަހަރުގެ އޯގަސްޓް މަހުގަ އެވެ.
ކްރިމިނަލް ކޯޓް ހިންގެވުން ހަވާލުކޮށްފައިވާ ގާޒީ އާދަމް އާރިފް ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން އާދަމް އާރިފް މަސައްކަތް ކުރައްވާފައިވަނީ ދައުލަތުގެ ޕްރޮސެކިއުޓަރެއްގެ ގޮތުގަ އެވެ.
ޖޭއެސްސީ އިން ވަނީ، ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކޮށް، ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލު ފެމިލީ ކޯޓަށް ބަދަލުކޮށްފަ އެވެ.