ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 02:30
ޕީޕީއެމްގެ މެމްބަރުން
ޕީޕީއެމްގެ މެމްބަރުން
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
25 މެމްބަރެއްގެ ގޮނޑި ގެއްލިގެން ދިއުމުގެ ބިރު!
ގޮނޑި ގެއްލިގެންދާނެ ގިނަ މެމްބަރުންނަކީ ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުން
މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ވަނީ ގެއްލިފައި
ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގައި ގޮތެއް ނިންމުމަށް އަދި ތާވަލެއް ނުކުރޭ

ދިވެހި ރައްޔިތުންގެ ނަމުގައި ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންނެވީ، ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ އިތުރުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ މާނަކޮށް، މަޖިލިހަށް އިންތިޚާބްވާއިރު ހުންނަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. މި ގޮތަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ނަމަ، 25 މެމްބަރެއްގެ ގޮނޑި ގެއްލިގެންދާނެ އެވެ.

ގޮނޑި ގެއްލިގެންދާނެ މެމްބަރުންނަކީ:

  1. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު: ލަތީފް މަޖިލީހަށް ހޮވިވަޑައިގަތީ މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ޕީޕީއެމްގައި ހުންނެވުމަށް ފަހު އޭނާ މިހާރު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
  2. އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ): ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ކުރީގެ ފިލްމީ ތަރި މުހަންމާ، ޕީޕީއެމް އަށް ބަދަލުވެވަޑައިގަތުމަށް ފަހު، މިހާރު ވަނީ އެ ޕާޓީން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.
  3. މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން: ޕީޕީއެމްއިން ސިނާނު ވަނީ އިސްތިއުފާ ދެއްވައި، މިނިވަން މެމްބަރަކަށް ބަދަލުވެވަޑައިގެންފަ އެވެ.
  4. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް: ޕީޕީއެމްއިން އެންމެ ފުރަތަމަ ވަކިވެވަޑައިގެންނެވި މެމްބަރަކަށް މަހްލޫފު ވާނެ އެވެ. އޭނާ މިހާރު ހުންނެވީ މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ.
  5. ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު:މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މޫސާ މަނިކު، އެމްޑީޕީން ވަކިކުރިފަހުން ހުންނަވަނީ މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ.
  6. މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު:އަމީތު ޕީޕީއެމް އިން ވަކި ކުރެއްވީ ޕާޓީގެ ވިޕްލައިނާ ހިލާފަށް، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާއިދު ނުކުރެއްވުމުންނެވެ.
  7. ހޮޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ: އަލިބެ މިފަހަރު މަޖިލީހަށް ހޮވިވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގަ އެވެ. ނަމަވެސް މިހާރު އޭނާއަކީ ޕީޕީއެމްގެ މެމްބަރެކެވެ.
  8. ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު: މިފަހަރު ޔާމީން މަޖިލީހަށް ހޮވިވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގަ އެވެ. ނަމަވެސް މިހާރު އޭނާއަކީ ޕީޕީއެމްގެ މެމްބަރެކެވެ.
  9. މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު: ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގެންނެވި މުފީދަކީ މިހާރު ޕީޕީއެމްގެ މެމްބަރެކެވެ.
  10. ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން: މިހާރު ޕީޕީއެމްގައި ހުންނެވި ހުސައިން މުހައްމަދު މިފަހަރު މަޖިލީހަށް ހޮވިވަޑައިގަތީ ޖޭޕީގެ ޓިކެޓްގަ އެވެ.
  11. ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް: އަރީފް ވެސް މަޖިލީހަށް ހޮވިވަޑައިގަތީ ޖޭޕީގެ ޓިކެޓްގަ އެވެ. އެއަށް ފަހު އެމްޑީއޭ އަށާއި ޕީޕީއެމް އަށް ވެސް ބަދަލުވެވަޑައިގަތެވެ. މިހާރު އޭނާއަކީ މިނިވަން މެމްބަރެކެވެ.
  12. ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ: ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު ޕީޕީއެމް އަށް ބަދަލުވެވަޑައިގަތެވެ. މިހާރު އޭނާއަކީ މިނިވަން މެމްބަރެކެވެ.
  13. ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް: ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ވެސް ހުންނެވި ހަލީލަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވުނީ މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ. އެއަށް ފަހު އޭނާ ޕީޕީއެމްއަށް ބަދަލުވެވަޑައިގަތެވެ.
  14. ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން:ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު ޕީޕީއެމްއަށް ބަދަލުވެވަޑައިގަތެވެ.
  15. ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް: ފާރިސް އަށް މަޖިލީހުން ޖާގަ ލިބިގެންދިޔައީ، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމުގެ 25 އަހަރަށް ޖަލަށް ހުކުމްކުރުމާއެކު، އޭނާގެ ގޮނޑި ގެއްލިގެން ދިއުމުންނެވެ. ފާރިސް ވަނީ ޕީޕީއެމްއިން ވަކިކޮށްފަ އެވެ.
  16. ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު: ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު ޕީޕީއެމް އަށް ބަދަލުވެވަޑައިގެންނެވި ނަމަވެސް، މިހާރު އޭނާއަކީ މިނިވަން މެމްބަރެކެވެ.
  17. މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް: މިނިވަން މެމްބަރެއްގެ ގޮގތުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ތޯރިގަށް ޖާގަ ލިބިގެންދިޔައީ ޕީޕީއެމްއިންނެވެ. ނަމަވެސް މިހާރު އެ ޕާޓީ ދޫކުރައްވައި އޭނާ ވަނީ އަލުން މިނިވަން މެމްބަރަކަށް ވެވަޑައިގެންފަ އެވެ.
  18. ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު: ޕީޕީއެމްގެ ޓިކެޓްގައި ވަހީދު މި ގޮނޑި ކާމިޔާބު ކުރެއްވިއިރު، މިހާރު އޭނާ ހުންނެވީ މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ. އޭނާ ހުރީ ޕީޕީއެމްއިން ވަކިކޮށްފަ އެވެ.
  19. ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް: ރައީސް އަބްދުﷲ ޔާމީނާއެކު ޑިގު ގުޅުއްވާ ޝިޔާމް، މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު ޕީޕީއެމް އަށް ބަދަލުވެވަޑައިގަތެވެ.  
  20. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު: އަބްދުﷲ އަކީ ޖޭޕީން މަޖިލީހަށް ވަޑައިގަތުމަށް ފަހު، ޕީޕީއެމް އަށް ބަދަލުވެވަޑައިގެންނެވި މެމްބަރެކެވެ. މިހާރު އޭނާ ވަނީ ޕީޕީއެމްއިން އިސްތިއުފާ ދެއްވައިފަ އެވެ.
  21. ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ: ސައުދުﷲ ހިލްމީ ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފަ އެވެ.
  22. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން: ސައުދު ހުސައިން ވަނީ ޕީޕީއެމްއިން ވަކިކުރައްވައިފަ އެވެ.
  23. ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ: ތިމަރަފުށީ ގޮނޑިއަށް މުސްތަފާ ހޮވިވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގަ އެވެ. އެއަށް ފަހު ޕީޕީއެމް އަށް ބަދަލުވެވަޑައިގެން ހުންނެވުމަށް ފަހު، އޭނާ ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވައިފަ އެވެ.
  24. މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު: މުއާޒު އަށް ގޮނޑި ކާމިޔާބު ކުރެއްވުނީ މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ. އެއަށް ފަހު ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވި އެވެ. ނަމަވެސް ފަހުން ޕީޕީއެމް އަށް ބަދަލުވެވަޑައިގަތެވެ.
  25. ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް: ޝާހް މަޖިލީހުގެ ގޮނޑިއަށް އިންތިހާބުވެވަޑައިގަތީ ޕީޕީއެމްގެ ޓިކެޓްގަ އެވެ. ނަމަވެސް މިހާރު އޭނާއަކީ މިނިވަން މެމްބަރެކެވެ.
- ކޮމެންޓް
11 ޖުލައި 2017 | އަންގާރަ 08:51
Hehe
Kobaa thulhaadhoo dhaairaa?
11 ޖުލައި 2017 | އަންގާރަ 08:14
Rashed
Thulhaadhoo dhaairaage member naazim rashaad koba