ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް އަދި އެ ކޯޓްގެ ފަނޑިޔާރު އަހްމަދު ޝަކީލް ފެމެލީ ކޯޓަށް ބަދަލުކުރައްވައިފިއެވެ.
ބާރީ ގާޒީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައި މިވަނީ ގުޅިފައިވާ އިދިކޮޅު ޕާޓީ ތާކުގެ އެއް ލީޑަރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްއާ ދެކޮޅަށް ހުށަހެޅިފައިވާ 3 ދައުވާއެއްގެ މައްސަލަ ގާޒީ ބާރީ އިންނަވާ ބެންޗަކުން ބޭރުކޮށްލާފައި ވަނިކޮށެވެ. އެމައްސަލަ ބޭރުކޮށްލާފައިވަނީ ޕީޖީ އޮފީހުގެ ޤާނޫނީ ވަކީލުން މައްސަލައިގެ ޝަރީއަތައް ހާޒިރުވެވަޑައި ނުގަތުމުން ކަމަށް ކްރިމިނަލް ކޯޓުން ހޯމަ ދުވަހުގެރޭ ވަނީ ބުނެފައެވެ.
މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލްވެސް ވަނީ ފެމެލީ ކޯޓަށް ބަދަލު ކުރައްވާފައެވެ. ޝަކީލްވެސް ފެމެލީ ކޯޓަށް ބަދަލު ކުރައްވާފައި ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހޯމަ ދުވަހުގެރޭ ބައްދަލު ވުމުގައެވެ.
ޖޭއެސްސީން ބުނީ އެދެޤާޒީންވެސް އެހެން ކޯޓަކަށް ބަދަލު ކުރުމަށް ނިންމެވީ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
ޖޭއެސްސީން ބުނީ އެދެފަނޑިޔާރުންވެސް އެހެން ކޯޓަކަށް ބަދަލު ކުރުމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުން އެކަމަށް އެދި ހުށަހެޅި ހުށަހެޅުމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
ނަމަވެސް އެދެފަނޑިޔާރުންވެސް އެހެން ކޯޓު ތަކަކަށް ބަދަލު ކުރަން ސުޕްރީމް ކޯޓުން ބޭނުންވި ސަބަބެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.
ގާޒީ ބާރީ ނިންމަވާފައިވާ ފާހަގަ ކޮށްލެވޭ ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން، އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަވެސް ހިމެނެއެވެ.