އިނގިރޭސި ޕްރެމިއާ ލީގުގެ މި ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވޭނީ އޭނާކަން މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ އަށް ކަށަވަރުވެއްޖެ އެވެ.
ޕްރެމިއާ ލީގުގެ އެންމެ މޮޅު ކީޕަރަށްދޭ ރަން އަންގި އެވޯޑް ދެނީ ކޮންމެ ސީޒަނެއް ނިމޭއިރު ވެސް ބައިކޮޅަށް ގޯލެއް ނުވައްދައި އެންމެ ގިނަ މެޗު ހަމަކުރާ ކީޕަރަކެވެ.
މި ގޮތުން ޑެހެޔާ ވަނީ ބައިކޮޅަށް ގޯލެއް ނުވައްދައި 17 މެޗު ހަމަކޮށްފަ އެވެ. އޭނާ ކޮޅަށް ވަދެފައިވަނީ 41 ގޯލެވެ. އޭނާއާ އެންމެ ގާތުން ވާދަކުރީ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް އާއި ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ އާއި ބާންލޭގެ ކީޕަރު ނިކޮލަސް ޑޭވިޑް ޕޯޕެވެ.
ޑެހެޔާ އަށް މޮޅު ކީޕަރުގެ އެވޯޑް ލިބުނަސް އޭނާ ހަދާފައިވާ ބޮޑެތި މިސްޓޭކްތަކާހުރެ ކުރީގެ ކުޅުންތެރިންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. މި ގޮތުން އެންމެ ފުރަތަމަ ފާޑުކިޔާފައިވަނީ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކެޕްޓަން ރޯއި ކީން އެވެ. އޭނާ ބުނީ އެވޯޑާއެކު ޑެހެޔާ ވަށާލައިގެން ހުރިހާ ކުޅުންތެރިން އުފާވެފައި ތިބެ ފޮޓޯ ނެގިޔަސް އެ ފޮޓޯގައި އުފާވެރިކަމެއް ނެތް ކަމަށެވެ. އަދި މޮޅު ކީޕަރުގެ އެވޯޑް ލިބޭވަރުގެ ކުޅުމެއް ޑެހެޔާ ނުދައްކާ ކަމަށެވެ.
ނަމަވެސް ޑެހެޔާ މި ސީޒަނުގައި މޮޅަށް ކުޅުނު ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެންހަގް ގަބޫލުކުރެ އެވެ. އޭނާ ތައްޔާރުވެގެން ހުރީ އަންނަ ސީޒަން ފެށުމުގެ ކުރިން ޑެހެޔާ އަށް އައު ކޮންޓްރެކްޓެއް ދޭށެވެ. ނަމަވެސް ބައެއް މެޗުތަކުގައި އާދަޔާ ހިލާފު ބޮޑެތި ގޯސްތައް ހަދާތީވެ ޔުނައިޓެޑްގެ ސަޕޯޓަރުންގެ މެދުގައި ޑެހެޔާގެ މަގުބޫލުކަން ދަނީ ކުޑަވަމުންނެވެ. ފާއިތުވެދިޔަ ދެ ސީޒަނުގައި ހީނުކުރާ ފަދަ ގޯސްތަކެއް ހެދުމުން ޑެހެޔާ އަށް ސްޕޭނުގެ ގައުމީ ޓީމުން ވެސް ވަނީ ޖާގަ ގެއްލިފަ އެވެ.