ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ޕީޕީއެމް އިން ވަކިވެވަޑައިނުގަންނަވާ ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން ވިދާޅުވީ ތުޅާދޫ ދައިރާގެ މެންބަރު ނާޒިމް ރަޝާދު އެ ޕާޓީން ވަކިނުވާ ކަމަށާއި، ޕީޕީއެމް އިން ވަކިވި މެންބަރުންވެސް ލަހެއް ނުވެ އެޕާޓީއަށް ގުޅޭނެ ކަމަށެވެ.
މެންބަރު ނިހާނު މިހެން ވިދާޅުވެފައިވާ އިރު މެންބަރު ނާޒިމް ރަޝާދުވެސް ޕީޕީއެމް އިން އިސްތިއުފާ ދެއްވާފައިވާ ކަމަށް ބުނެ ގަލޮޅު ދެކުނު ދައިރާގެ މެންބަރު އަހްމަދު މަހްލޫފް ޓްވީޓުކުރައްވާފަ އެވެ.
Thulhaadhoo Dhaairaage membaru Nazim Rashad ves PPM inn isthiufaa dhevvaifi. EC ah miadhu vanee sitee husha'alhuvvaafa. Alhamdhulillahi :)
— Ahmed Mahloof (@AhmedMahloof) July 10, 2017
މިކަމާ ގުޅޭ ގޮތުން މަހްލޫފު ކުރައްވާފައިވާ ޓްވީޓުގައި ހާމަކޮށްފައިވަނީ ޕިޕީއެމް އިން މެންބަރު ނާޒިމް ރަޝާދު އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނަށްވެސް މިކަމުގެ ސިޓީ ފޮނުވާފައިވާ ކަމަށެވެ.
ނާޒިމް ރަޝާދު އިސްތިއުފާ ދެއްވާފައިވާ ކަން ނިހާނު ދޮގުކުރައްވާފައިވާ އިރު ޕީޕީއެމްގެ އިތުރު ހަތް މެންބަރަކު އެ ޕާޓީން ހޯމަ ދުވަހު ވަނީ ވަކިވެވަޑައިގެންފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ މަޖިލީސް މެންބަރުން އެއް ޕާޓީއަކުން އިސްތިއުފާދެއްވި ފުރަތަމަ ދުވަހެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޕީޕީއެމްގެ މަޖިލީހުގެ މެންބަރުގެ ތެރެއިން 11 މެންބަރުން ސޮއިކުރައްވާފައިވާއިރު އޭގެ ތެރެއިން 10 މެންބަރުން މިހާރު ވަނީ އިސްތިއުފާދެއްވާފަ އެވެ.
ހޯމަ ދުވަހު ޕީޕީއެމްގެ މެންބަރުކަމުން ވަކިވެފައިވަނީ ފުވައްމުލަކު އުތުުރު ދާއިރާގެ މެންބަރު އަލީ ޝާހުާއި މައްޗަންގޯޅި ދެކުނު ދައިރާގެ މެންބަރު އަބްދުﷲ ސިނާން އާއި އިހަވަންދޫ ދައިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ އިތުރުން ތިނަދޫ އުތުރު ދައިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދައިރާގެ މެންބަރު އަހްމަދު ތޯރިގާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު އެވެ.