ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދައިރާގެ މެންބަރު އަލީ ޝާހު ޕީޕީއެމް އިން ވަކިވެވަޑައިގެންފި އެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޑރ އަބްދުﷲ ޚަލީލަށް އެޑްރެސްކުަރައްވާ ޝާހު ފޮނުއްވި ސިޓީގައި ވަނީ 10 ޖުލައި އިން ފެށިގެން އެޕާޓީން ވަކިވެފައިވާކަން ހާމަކޮށްފަ އެވެ.
މިގޮތަށް ނިންމަންޖެހުނީ މިވަގުތު ރާއްޖޭގެ ސިޔާސީ ކަންކަން ހިނގަމުންދާގޮތުން މިނިވަންކަމާ އެކު ވަކި ފަރާތަކަށް ނުޖެހި، މަޖިލީހުގައި ވޯޓު ދިނުމަށްޓަކައި ކަމަށް ޝާހު ފޮނުވި ސިޓީގައި ވިދާޅުވި އެވެ.
އެގޮތުން ޕީޕީއެމްގެ ދަފްތަރުން ޝާހުގެ ނަން އުނިކޮށް ވީއެންމެ އަވަހަކަށް އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ޝާހު ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްއަށް ފޮނުވި ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.
ޝާހުގެ އިތުރުން ޕީޕީއެމްގައި ތިއްބެވި އިތުރު ހަ މެންބަރަކުވެސް ވަނީ އެޕާޓީން ވަކިވެފަ އެވެ.
އެގޮތުން ޕާޓީން ވަކިވެފައިވަނީ މައްޗަންގޯޅި ދެކުނު ދައިރާގެ މެންބަރު އަބްދުﷲ ސިނާން އާއި އިހަވަންދޫ ދައިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ އިތުރުން ތިނަދޫ އުތުރު ދައިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދައިރާގެ މެންބަރު އަހްމަދު ތޯރިގާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނޭ މެންބަރުންގެ ތެރެއިން އިސްދޫ ދައިރާގެ މެންބަރު އަހްމަދު ރަޝީދު ފިޔަވާ އެހެން ހުރިހާ މެންބަރުން މިވަނީ ޕީޕީއެމް އިން ވަކިވެފަ އެވެ.
މެންބަރުންތައް ވަކިވުމާއެކު މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީ މިހާރު ވަނީ ގެއްލިފަ އެވެ.