ކ. މާލެ
|
27 މެއި 2023 | ހޮނިހިރު 16:36
އޮސްކަމް އަށް ފަރުވާދޭ ޓީމްގެ މެންބަރެއް އެކަމާއި ގުޅިގެން ވާހަކަ ދައްކަނީ
ޕެރަލައިޒްވުން
އެކްސިޑެންޓަށްފަހު ޕެރަލައިޒްވި އޮސްކަމް، އަމިއްލަ ފައިމައްޗަށް!
 
2011 ވަނަ އަހަރު ކުރިމަތިވި އެކްސިޑެންޓްގައި ސްޕައިނަލް ކޯރޑްގެ ކަރާވީ ހިސާބަށް ލިބުނު އަނިޔާގައި، އޭނާގެ ދެފައިން މުޅިން ވާގި ދިޔަ
 
ސްޕައިނަލް ކޯރޑަށް ލެއްވި ޑިވައިސް މިހާރު ވަނީ، ޑިސްކް ބައްޓަމަށް ފަރުމާކޮށްފައި

އެއީ މީގެ 12 އަހަރު ކުރިއެވެ. އެކްސިޑެންޓެއްގައި ސްޕައިނަލް ކޯރޑަށް ލިބުނު އަނިޔާއަކަށްފަހު ނުކުޅެދޭ މީހަކަށް ވިއެވެ. ވާގި ނެތި، ފައިގެ ހަރަކާތް ހުއްޓި، ހިނގާބިނގާވެ އުޅެވޭ ގޮތެއް ނުވިއެވެ. ނަމަވެސް މިއަދު އެއީ ޔަޓް-ޖިއާން އޮސްކަމްގެ މާޒީއެވެ. ސައެންސްގެ ޓެކްނޮލޮޖީގެ އަލީގައި އުފެއްދި އާ ޑިވައިސްއެއްގެ އެހީގައި، މިއަދު އޭނާއަށް ހިނގާބިނގާވެ އުޅެވެއެވެ. އާ ޑިވައިސްއަކީ އޮސްކަމްގެ ސިކުނޑިއާއި ސްޕައިނަލް ކޯރޑް ކުޅައިދޭ ޑިވައިސްއެކެވެ.

އިތުރު ތަފްސީލަކަށް ދިއުމުގެ ކުރިން، ސްޕައިނަލް ކޯރޑަކީ މައިބަދަ ނޫންކަން އަންގައިދިނުން މުހިންމު ކަމުގައި ދެކޭތީ، ދިވެހި ޑޮކްޓަރު ޢަބްދުލްޢަޒީޒް ޙަމީދު، އޭނާގެ ޞިއްޙަތު ބްލޮގްގައި، ދިވެހި ބަހުން ސްޕައިނަލް ކޯރޑް ސިފަކޮށްދެއްވި ގޮތް، ހިއްސާކޮށްލާނަމެވެ. ނާރު ރޮދި، ނާރު ވާފަށް، ނުވަތަ ސްޕައިނަލް ކޯރޑަކީ، ސިކުނޑިން މޫލައިގެން ތިރިއަށް ފައިބާ، މައިބަދައިގެ މަތިން ފެށިގެން ތިރިއަށް، ކަށިތަކުގެ މެދުން އުފެދިފައިވާ މަގު ނުވަތަ ވަރޓެބްރަލް ކޮލަމްގެ ތެރޭގައި އިންނަ ނާރު ރޮއްޖެކެވެ.

މިހާރު ޢުމުރުން 40 އަހަރު ފުރިފައިވާ އޮސްކަމްއަށް 2011 ވަނަ އަހަރު ކުރިމަތިވި އެކްސިޑެންޓްގައި ސްޕައިނަލް ކޯރޑްގެ ކަރާވީ ހިސާބަށް ލިބުނު އަނިޔާގައި، އޭނާގެ ދެފައިން މުޅިން ވާގި ދިޔައެވެ. އަތުންވެސް ހިސާބަކަށް ވާގިދިޔައެވެ. ނަމަވެސް، މިއަދު އޭނާ އެހުރީ އަމިއްލަ ފައިމައްޗަށް ތެދުވެއެވެ. ނަމަވެސް، ހިނގުމަށް އިތުރު އެހީއެއްގެ ގޮތުގައި ކްރަޗް ބޭނުން ކުރެއެވެ. މި ނަޞީބު އޭނާގެ އަތުގައި ހިފީ، އޮސްކަމްގެ ސިކުނޑިއާއި، އަނިޔާ ލިބުނު ނާރުތަކުގެ ތިރިން ގުޅާލަދިން ޑިޖިޓަލް ފާލަމުންނެވެ.

ހިނގާލުމާ މެދު އޮސްކަމް ވިސްނަން ފަށާ ހިސާބުން އޭނާގެ ސިކުނޑީގައިވާ އިލެކްޓްރޯޑްތަކުން، ސްޕައިނަލް ކޯރޑްގައިވާ އިލެކްޓްރޯޑުތަކަށް މެސެޖު ފޮނުވައެވެ. އެހާ ހިސާބުން، ސްޕައިންގެ ހަރަކާތްތައް ފަށައެވެ.

ސްޕައިނަލް ކޯރޑަށް އަނިޔާވެ ނުހިނގިފައި ތިބި މީހުންނަށް، އިންތިހާ ތަމްރީނުދީ، ޓެކްނޮލޮޖީގެ އެހީގައި ސްޕައިންގެ އިލެކްޓްރިކަލް ބޭނުންތައް ފުއްދާދީގެން އަލުން ހިނގާބިނގާވެ އުޅެވޭނެ މަގު ތަނަވަސް ކުރެވޭތޯ ބެލުމަށް ކުރިއަށް ގެންދިޔަ ތަހުލީލީ ދިރާސާގައި އޮސްކަމް ބައިވެރިވީ 2018 ވަނަ އަހަރުއެވެ. އޭގެ 3 އަހަރު ފަހެވެ. މި ރޮނގުން އޮސްކަމްއަށް ލިބިފައިވާ ކުރިއެރުންތައް ގިނަގުނައެވެ.

އެންމެ ފުރަތަމަ އޮސްކަމްގެ ސްޕައިނަލް ކޯރޑަށް ލެއްވި ޑިވައިސް މިހާރު ވަނީ، ޑިސްކް ބައްޓަމަށް ފަރުމާކޮށް، އޭނާގެ ސިކުނޑީގެ ނާށިގަނޑަށް ލައްވާފައިވާ 2 ޑިވައިސްއަކާ ގުޅާލާފައެވެ. 64 އިލެކްޓްރޯޑް އެކުލެވޭ 2 ގްރިޑް މިހާރު ވަނީ، އޮސްކަމްގެ ސިކުނޑި ވަށާލާފައިވާ މެމްބްރޭންގައި ކަމަށްވެސް ދެންނެވިދާނެއެވެ.

އޮސްކަމް ހިނގަން ވިސްނާލާ ހިސާބުން، ނާށިގަނޑުގައިވާ ޑިވައިސްތަކުން، ސިކުނޑީގެ ބޭރު ފަށަލަ ނުވަތަ ކޯޓެކްސްގައި ހިނގާ އިލެކްޓްރިކަލް ހަރަކާތްތައް ދެނެގަނެއެވެ.

ސްވިސް ފެޑެރަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން ލޯޒޭންގެ ނިއުރޯސައެންޓިސްޓް، ޕްރޮފެސަރ ގްރެގޮއަރ ކޯޓީން ވިދާޅުވި ގޮތުގައި، މި އީޖާދުގެ މައިގަނޑު އަމާޒަކީ، ޑިޖިޓަލް ފާލަމެއްގެ އެހީގައި، ސިކުނޑިއާއި، ސްޕައިނަލް ކޯރޑުގައި ސަލާމަތުން އޮތް ބައިގެ މުޢާމަލާތުތައް ގުޅާލަދިނުމެވެ. 

ވަޔަރލަސް ޓެކްނޮލޮޖީގެ އެހީގައި މި ސިގުނަލް ދަތުރުކޮށް، ޑީކޯޑް ކުރަނީ، އޮސްކަމް އަޅައިގެން ހުންނަ ދަބަސް ތެރޭގައި އޮންނަ ކޮމްޕިއުޓަރަކުންނެވެ. ކޮމްޕިއުޓަރުން ދެން އެ މަޢުލޫމާތު ފޮނުވާލަނީ، ސްޕައިނަލް ޕަލްސް ޖަނަރޭޓަރަށެވެ.

ނިއުރޯސަރޖަން، ޕްރޮފެސަރ ޖޯސެލީން ބްލޯޚް ވިދާޅުވި ގޮތުގައި، ޑިވައިސްގެ ހުރިހާ ބައެއް ޕޭޝަންޓްގެ ހަށިގަނޑަށް ލެއްވުމާއެކު، އޭނާއަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ، ސިކުނޑީގެ ސިގުނަލްތައް މަސައްކަތް ކުރާ ގޮތް ދަސްކުރުމެވެ. މަދު ސެޝަންތަކެއްގެ އެހީގައި، ޕޭޝަންޓަށް މިކަންކަން ނަގައިގަނެވި، ދަސްކުރެވޭކަމަށްވެސް ޕްރޮފެސަރ ބްލޯޚް ވަނި ފާހަގަ ކުރައްވާފައެވެ.

5 މިނެޓާއި 10 މިނެޓާ ދެމެދު ވަޤުތެއްގެ ތެރޭގަ މަށަށް، އުނަގަނޑުގެ ކޮންޓްރޯލް ނެގޭ. އެއީ، އުނަގަނޑުން އަހަރެން ކުރާ ކަމެއް، ސިކުނޑީގަ އިން ޑިވައިސްއަށް ނަގައިގަންނަ ހިސާބުން... އެހެންވީމަ، މީ އެންމެނަށްވެސް ރަނގަޅު ނަތީޖާއެއް.
ޔަޓް-ޖިއާން އޮސްކަމް؛ ބްރެއިން-ސްޕައިން އިންޓަރފޭސް ޕޭޝަންޓް

އަލުން ހިނގާބިނގާވެ އުޅުމުގެ ތަމްރީނުތައް ހޯދުމަށް އޮސްކަމް ވަނީ 40 ވަރަކަށް ރީހެބިލިޓޭޝަން ސެޝަން ފުރިހަމަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިއަދު އޭނާއަށް އަމިއްލަ އިޚުތިޔާރުގައި ފަޔާއި ފައިތިލަވެސް ހަރަކާތް ކުރެވެއެވެ.

ދިރާސާ ޓީމުން ޤަބޫލު ކުރާ ގޮތުގައި އާ ޑިވައިސްއާއި، ރީހެބިލިޓޭޝަން ސެޝަންތަކުގެ އެހީގައި ޙާޞިލުވި ހަމައެކަނި ކާމިޔާބަކީ އަމިއްލަ އިޚުތިޔާރުގައި ހަރަކާތް ކުރެވުމެއް ނޫނެވެ. އޮސްކަމްއަށް ލިބުނު އަނިޔާގައި މުޅިން ހަލާކުވި ނަރވް ސެލްވެސް އިޔާދަވާން ފަށާފައި ވާ ކަމަށް، ދިރާސާ ޓީމުން ޤަބޫލު ކުރެއެވެ. މާނައަކީ އިތުރު މަގުތައް ނާރުތަކުގެ ނެޓްވަރކް ގުޅިގެން ދިއުމެއެވެ.

މިއަދު އޮސްކަމްއަށް އާދެވިފައި ހުރި ހިސާބަށް ބަލާލަމާ ހިނގާށެވެ. ހިނގަން ބޭނުން ކުރާ ދަނޑިގަނޑު ނުވަތަ ކްރަޗް ބޭނުން ކުރާ ކަމުގައި ވާ ނަމަ، ޑިވައިސްއާ ނުލާވެސް ކުރު ރާސްތާތަކަށް މިއަދު އޮސްކަމްއަށް ހިނގާލެވެއެވެ. ދިރާސާ ޓީމުން މިހާރު މަސައްކަތް ކުރަމުން ދަނީ، އަތުގެ ހަރަކާތް ގެއްލިފައިވާ މީހުންނަށް، މި ފަދަ ޑިވައިސްއެއްގެ އެހީގައި އެ ހަރަކާތްތައް އަލުން ހޯދާ ދެވިދާނެތޯ ބެލުމަށް، އެފަދަ 3 މީހަކު ރެކްރޫޓުކޮށް، މަޝްރޫޢު ކާމިޔާބު ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް