ހަތަރެސްފައިން ވޯޓު ލައްވައިގެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، ޢަބްދުﷲ މަސީހު މުޙައްމަދު ވަކިކުރައްވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ހޯމަ ދުވަހު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ޙުސައިން ވިދާޅުވީ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިފަހަރު ސޮއި ކުރެއްވި މެންބަރުން ތިއްބެވީ ކޮންމެ ގޮތަކަށް ވޯޓުދެއްވައިގެންވިޔަސް މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކުރަން ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ޔަޤީންކަން އެބޮތް (މަސީހު ވަކިކުރެވޭނެ ކަމަށް). މިފަހަރު ސޮއިކުރެއްވި ބޭފުޅުން އެ ތިއްބެވީ، ހަތަރެސްފައިން ވޯޓުދޭން ޖެހުނަސް، ކޮޅަށް ތެދުވެ ވޯޓުދޭން ޖެހުނަސް، އަދި އެތަނަށްގޮސް އެއްޗެއްގަ ސޮއެކޮށްފަ ވޯޓުދޭން ޖެހުނަސް، ހަމަ ވޯޓުދޭ ގޮތަށް. އެހެންވީމަ ރޯލްކޯލަކުން މިފަހަރަކު އަޅުގަނޑުމެންގެ ވޯޓެއް ފެއިލެއް ނުކޮށްލެވޭނެ" އަލީ ޙުސައިން ވިދާޅުވިއެވެ.
އަލީ ޙުސައިން އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ތިބީ ވަރަށް ވަރުގަދަ އަޒުމެއްގައި ކަމަށެވެ. އެގޮތުން، މަސީހުގެ އިތުބާރު ނެތްކަމަށް ސޮއިކުރެއްވި މެންބަރުން، އެ މެންބަރުންގެ އަމަލުފުޅުތަކުންވެސް ވަރަށް ރަނގަޅަށް އެކަން ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމުން،އެބޭފުޅުންގެ އަޒުމު ނުގުޑާނެކަން ހާމަވާ ކަމަށާ، އެބޭފުޅުން އެ ތިއްބެވި ގޮތަށް ތިއްބަވާނެކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ޖުމްލަ 45 މެންބަރުންގެ އެންޑޯސްމަންޓާއިއެކުއެވެ. އެ މެންބަރުންގެ ތެރޭގައި ވެރިކަންކުރާ ޕީޕީއެމްގެ މެންބަރުންތަކެއްވެސް ހިމެނިގެން ދިޔައިރު، މައްސަލައިގައި ސޮއިކުރެއްވި ޕީޕީއެމްގެ ގިނަ މެންބަރުން މިހާރު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.
މަސީހުގެ އިތުބާރުގެ މައްސަލައިގައި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.