ޓޮޓެންހަމްގެ އައު ކޯޗެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތްކުރާ ފެއިނޫޑްގެ ކޯޗު، އާން ޝްލޮޓް ފެއިނޫޑާއެކު ހަދާފައިވާ އެއްބަސްވުން އިތުރުކޮށްފިއެވެ.
އުމުރުން 44 އަހަރުގެ ކޯޗު ބުރާސްފަތި ދުވަހު ބުނެފައިވަނީ، ޓޮޓެންހަމަށް ބަދަލުވެދާނެކަމަށް ގިނަ ބަޔަކު ބުނިނަމަވެސް، ފެއިނޫޑްއިން މަޑުކުރުމާ ބެހޭގޮތުން މަޝްވަރާކުރަމުން އަންނަކަމަށެވެ. ހުކުރު ދުވަހު އެ ކްލަބުން ވަނީ ކޮޗާއެކު އައު އެއްބަސްވުމެއްގައި ސޮއިކުރިކަން އިއުލާންކޮށްފައެވެ.
ފެއިނޫޑްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާން ޝްލޮޓާއެކު ހަދާފައިވާ އެއްބަސްވުން އިތުރުކޮށްފައި ވާކަމަށާއި، ސޮއިކުރީ އިތުރު އެއް އަހަރަށްކަމަށެވެ. މިއާއެކު ޝްލޮޓުގެ އެއްބަސްވުން ހަމަވާނީ 2026 ވަނަ އަހަރުއެވެ. ޝްލޮޓް ބުނީ ފެއިނޫޑްގައި ފެށި މަސައްކަތް އަދި ނުނިމޭކަމަށާއި، ލީގު ތަށި ލިބުނު ކާމިޔާބު ސީޒަނަށްފަހު ޓީމު އިތުރު ހަރުފަތަކަށް ގެންދަން މަސައްކަތްކުރަން ބޭނުންކަމަށެވެ.
ފެއިނޫޑާއެކު ޝްލޮޓް ހޭދަކުރި ދެ ސީޒަނުގައި އޭނަގެ އެޓޭކިންގ ފުޓުބޯޅައަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. މިދިޔަ ސީޒަނުގައި ކޮންފަރެންސް ލީގު ފައިނަލަށް ޓީމު ގެންގޮސްދިންއިރު، މިި ސީޒަނުގައި އޭނާ ވަނީ ފެއިނޫޑްއާއެކު ލީގު ކާމިޔާބުކޮށްފައެވެ.