ކ. މާލެ
|
27 މެއި 2023 | ހޮނިހިރު 12:31
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު
ރައީސް އޮފީސް
ކުންފުނިތަކުން ބަދަލު ދިނުން
އާ އުސޫލުގެ ދަށުން 34 މައްސަލަ ހުށަހަޅާފައިވޭ، އެއްވެސް ކުންފުންޏަކަށް ބަދަލު ދީފައެއްނުވާނެ: ސަރުކާރު
ގިނަ މައްސަލަތަކަކީ ބެލޭނެ މައްސަލަތަކެއް ނޫންކަން ކޮމިޓީން ފާހަގަކުރޭ
މި އުސޫލުގެ ދަށުން މައްސަލަ ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފައި
މައްސަލަތައް ނިންމާފައިވާގޮތުގެ ތަފްސީލީ ރިޕޯޓެއް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާނެ

ސަރުކާރާއި އަމިއްލަ ފަރާތްތައް ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން މިހާތަނަށް އެއްވެސް ކުންފުންޏަކަށް ބަދަލު ދީފައި ނުވާކަމަށް ސަރުކާރުން ބުނެފިއެވެ.

މިމަހުގެ 25 ވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ސަރުކާރާއި އަމިއްލަ ފަރާތްތައް ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުގެދަށުން މިހާތަނަށް 34 ފަރާތަކުން މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަތައް ކޮމިޓީން ބަލަމުންދާ ކަމަށެވެ. މީގެތެރެއިން ގިނަ މައްސަލަތަކަކީ ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ކޮމެޓީން ފާހަގަކުރާ ކަމަށާއި، މި މައްސަލަތަކުގެ ތެރޭގައި މީގެ ކުރިން ހައްލު ލިބިފައި ހުރި މައްސަލަތައްވެސް ހިމެނޭ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މި އުސޫލުގެ ދަށުން އިތުރަށް އެމައްސަލަތައް ނުބެލޭނެކަން އެފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ މި އުސޫލުގެ ދަށުން މައްސަލަ ހުށަހެޅުމުގެ މުއްދަތު މިހާރު ހަމަވެފައިވާކަމަށާއި، މިދިޔަ ނޮވެންބަރު މަހު އެކުލަވައިލި މިއުސޫލުގެ ދަށުން އެއްވެސް މައްސަލައެއްގެ ބަދަލެއް އަދި ފައިސާއެއް މިހާތަނަށް ދީފައިނުވާކަމަށެވެ. އަދި މިއުސޫލުގެ މަގުސަދަކީ ފައިސާ ދިނުން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މިއުސޫލުގެ މަގުސަދަކީ ފައިސާ ދިނުމެއް ނޫން. މައިގަނޑު ގާނޫނު ހުއްދަކުރާ މިންވަރަކަށް ސަރުކާރުން ދޭނެ އެހެނިހެން ލުއިތަކާއި އިނާއަތްތައް ދިނުމަށް އިސްކަންދެން. މިއުސޫލުގަވެސް އޮންނާނެ ބަޔާންކޮށްފަ، ކޮމިޓީއަށް ލިބިފައިވާ އެންމެހާ މައްސަލަތަކާމެދު އޮގަސްޓް މަހަށް ގޮތެއް ނިންމާނެ. ކޮމެޓީގެ މަސައްކަތްތައް އެއްކޮށް ނިންމާ، މައްސަލަތައް ނިންމާފަ މައުލޫމާތު އާއްމުކުރުމަށް ވަނީ ހަމަޖެހިފަ. އިތުރު މައުލޫމާތު އެކޮމެޓީގެ ފަރާތުން ހާމަކުރާނެ އިނގޭތޯ!
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

މިއުވާން ވިދާޅުވީ މައްސަލަތައް ނިންމާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމުޓީއަށް ފޮނުވާނެ ކަމަށާއި، އެ ރިޕޯޓުގައި ތަފްސީލީ މައުލޫމާތު ހިމަނާނެކަމަށެވެ. އަދި ކޯޓުން ބޭރުގައި މައްސަލަތައް ނިންމުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތްކަމަށް ކަނޑައެޅީ ކީއްވެގެންކަން ރިޕޯޓުގައި ބަޔާންކުރާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ. އެއީ ވަކި ބަޔަކަށް ބަދަލެއް ދިނުމުގެ މަގުސަދުގައި ކުރާ މަސައްކަތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރާއި އަމިއްލަ ފަރާތްތައް ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން މިހާތަނަށް އެއްވެސް ކުންފުންޏަކަށް ބަދަލު ދީފައި ނުވާކަމަށް ސަރުކާރުން ބުނެފައިވާއިރު، އެ އުސޫލުގެ ދަށުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އަނބިކަބަލުންގެ ބަައްޕައަށް ސަރުކާރުން ކުރިން ދީފައި އޮތް ރަށެއް އަތުލުމުން، އޭގެ ބަދަލުގެ ގޮތުގައި ނ. އަތޮޅުން ރަށެއް ދިން ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. މީގެ އިތުރުންވެސް މަޖިލީހުގެ ބައެއް މެމްބަރުންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކަށް ބަދަލު ދީފައިވާކަމުގެ ވާހަކަތަކެއްވެސް ދަނީ އިދިކޮޅު ފަރާތްތަކުން ދައްކަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް