ރައްޔިތުންގެ މަޖިލީހަކީ މުސްތަގިއްލު މިނިވަން ތަނަކަށް ހެދުމުގެ ގައުމީ މަސައްކަތުގައި ބައިވެރިވަމުން އަންނަ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ދަފްތަރުން ވަކިވެވަޑައިގެން ރައްޔިތުންނަށް ފޮނުވި މެސެޖުގައި މެންބަރު ތޯރިގް ވިދާޅުވީ،2014 ވަނަ އަހަރު މަހިބަދޫ ދާއިރާއަށް ރައްޔިތުން އޭނާ ހޮވާފައި ވަނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެ ދާއިރާގެ ބަސް ބުނުމަށާއި ދާއިރާ ތަރައްގީ ކުރުމަށް އެހީތެރިވުމަށާއި ދިވެހި ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ނިންމުންތައް ނިންމުމަށް މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވުނު ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޕީޕީއެމް އާއި ގުޅިގެން މަސައްކަތް ފެށީ ދާއިރާ ތަަރައްގީ ކުރުމަށް ކަމަށާއި އެގޮތުން ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދާއިރާގެ ތަރައްގީ އަށް ބޮޑެތި މަސައްކަތްތަކެއް ފެށުމުގެ ގޮތުން ކޮންޓްރެކްޓަރުން އާއި ހަވާލު ކުރެވި މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މެންބަރު ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވަނީ ރައްޔިތުންގެ މަޖިލީހުގައި ބިނާ ކުރެވެނިވި މަސައްކަތް ތަކެއް ކުރާ ތަނަކަށް ނުވެދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ އުސޫލުތައް އެއްކިބާކުރުން ފަދަ މައްސަލަތައް ހިމެނޭ ކަން ވަނީ ފާހަަގުރައްވާފަ އެވެ.
މިގޮތުން ކުރާ މަސައްކަތުގައި ދާއިރާގެ ރައްޔިތުން ޕާޓީއެއްގެ ޓިކެޓަކާ ނުލާ އިންތިހާބުކޮށް ހަވާލު ކޮށްފައިވާ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ހިނގަމުންދާތީ، ޕީޕީއެމްގެ ދަފްތަރުން ވަކިވީ ކަމަށްވެސް ތޯރިގް ވަނީ ހާމަކުރައްވާފަ އެވެ.
ތޯރިގް މިފަދަ ބަޔާނެއް އާންމުކުރައްވާފައިވާ އިރު ހޯމަ ދުވަހު ވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނޭ ގިނަ މެންބަރުން އިސްތިއުފާދެއްވާފަ އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ސޮއިކުރި 11 މެންބަރުންގެ ތެރެއިން 9 މެންބަރުން ވަނީ ސޮއިކުރައްވާފަ އެވެ.