އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެރޭ އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކޮށް ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ހޯދުމަށް ޔުނައިޓެޑަށް ބޭނުންވީ އެންމެ ޕޮއިންޓެކެވެ.
މެޗު ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ޔުނައިޓެޑުން ލަނޑެއް ޖަހާ، ލީޑު ނެގިއެވެ. ހަ ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސެން ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ބޮލުން ފޮނުވާލީ ކަސެމީރޯއެވެ. މެޗުގެ 24 ވަނަ މިނެޓުގައި ޔުނައިޓެޑުގެ އެންޓޮނީ އަށް އަނިޔާވުމާ ގުޅިގެން، ވަގުތުކޮޅަކަށް ކުޅުން މެދުކަނޑާލަން ޖެހުނެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ މާކަސް ރަޝްފޯޑެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ އެންތޮނީ މާޝިއަލް އެވެ.
ދެވަނަ ހާފު ފެށިގެން، ޗެލްސީ އިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. ނަމަވެސް، 72 ވަނަ މިނެޓުގައި ބްރޫނޯ ފަނާންޑެޒްއަށް ކުރި ފައުލް އަކާ ގުޅިގެން ޔުނައިޓެޑަށް ޕެނެލްޓީއެއް ވަނީ ލިބިފައެވެ. ބްރޫނޯ ޖެހި ޕެނަލްޓީ އާއެކު ޔުނައިޓެޑަށް ހަމަޖެހިލެވޭ ވަރުގެ ލީޑެއް ލިބުނެވެ. އޭގެ ފަހުން މެޗުގެ 78 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑެވެ. ޗެލްސީ ގެ ހަމަ އެކަނި ލަނޑު، މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ޖެހީ ހާއޯ ފީލިކްސް އެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހު މެޗުތައް އާދިއްތަ ދުވަހު ކުޅޭއިރު، ޔުނައިޓެޑު އޮތީ 72 ޕޮއިންޓާއެކު 3 ވަނައިގައެވެ. ނިއުކާސަލް 70 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތް އިރު، ލިވަޕޫލް ފަސް ވަނައިގައި އޮތީ 66 ޕޮއިންޓާއެކުއެވެ. މެންޗެސްޓާ ޔުނައިޓެޑާ ނިއުކާސަލް އަށް ޗެމްޕިއަންސް ލީގު ކުޅެވޭނެއެވެ. ލިވަޕޫލް އަށް ޖާގަ ލިބުނީ ޔުރޮޕާ ލީގުންނެވެ.