މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގަބޫލުކުރައްވައިފިއެއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އިން 6 މެމްބަރުން ހޯމަދުވަހު ވަނީ ވަކިވެވަޑައިގެންފައެވެ.
އެކަމާއި ގުޅިގެން ނިހާނު ވަނީ ހޯމަދުވަހު ޓްވީޓްތަކެއް ކުރައްވާފައެވެ.
ނިހާން ހޯމަދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައިނޯރިޓީ ވެއްޓުނަސް މެޖޯރިޓީ ގެއްލުނަސް ރައްޔިތުން ހޮވި ގޮތްތަކާ ޚިލާފު ވާކަށް ބޭނުން ނުވާކަމަށެވެ. އަދި މެމްބަރުންނަކީ ވިއްކާ މުދަލެއް ނޫންކަމަށެވެ.
Minority ah vehttunas majority Gellunas Raiyyithun Hovi Gothaa Khilaafu vaakah Beynumeh noon. Memabarun Nakee Vikkaa Mudhaleh noon.
— Ahmed Nihan (@ahmed_nihan) July 10, 2017
މީގެ އިތުރުން ނިހާން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ މެމްބަރުން އިންތިޚާބު ވުމަށްފަހު އެމީހުން ބޭނުން އަގަކަށް މާކެޓްގައި ވިކުން އެއީ ރަނގަޅު ކަމަށް ދެކޭ ރައްޔިތުން އެބައުޅުއްވާތޯ ވަނީ ސުވާލުކުރައްވާފައެވެ.
Membarun Ithikhaabu vumah fahu Emeehun Beynun Agakah Market gai Vikun eiee Rangalhu kameh kamah dhekey Raiyyithaku Eba Ulhuvaatho?!
— Ahmed Nihan (@ahmed_nihan) July 10, 2017
ޕީޕީއެމްއިން މިއަދު ވަކިވެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު ސިނާނާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުއާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހިމެނިވަޑައިގަންނަވަ އެވެ.
މަޖިލީހުގެ މެޖޯރިޓީއަކީ 43 މެމްބަރުންނެވެ. ނަމަވެސް މަޖިލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ފަހު ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް އެ ޕާޓީ ދޫކުރެއްވުމުން، ޕީޕީއެމް ކޯލިޝަންގެގެ މެމްބަރުންގެ އަދަދު 41 މެމްބަރުންނަށް ވަނީ ވެއްޓިފަ އެވެ.