ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމް އިން ވަކިވެވަޑައި ގަންނަވައިފި އެވެ.
ޕީޕީއެމްއަށް މުހަންމާ ފޮނުއްވާފައިވާ ސިޓީގައި ވަނީ ސަރުކާރުން މިވަގުތު ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކަށް ހުށަހަޅައިގެން ގާނޫނުތަކަށް ގެންނަން މަސައްކަތްކުރާ ބަދަލުތަކަކީ އެބަދަލުތައް ގެނައުމުން ރައްޔިތުންގެ ހައްގުތަށް ހިމާޔަތްކޮށްދީ ރައްޔިތުންގެ ފަރާތުން އަޑުއުފުލުމަށް އެޅޭ ބޮޑެތި ހުރަސްތަކަކަށް ވެފައިވާ ކަމަށެވެ.
މީގެ އިތުރުން، މިވަގުތު ސަރުކާރު ނިސްބަތްވާ ޕީޕީއެމްގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުރެ، މަސައްކަތްކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ، ހޯމަ ދުވަހުން ފެށިގެން ޕީޕީއެމް މެމްބަރުކަމުން ވަކިވެފައިވާ ކަމަށް މުހަންމާ ވިދާޅުވި އެވެ.
އެހެންކަމުން ހޯމަ ދުވަހުން ފެށިގެން ޕީޕީއެމް މެމްބަރުން ކަމުން ވަކިކޮށްދިނުމަށް މުހަންމާ ވަނީ އެސިޓީގައި އެދިވަޑައިގަންނަވާފަ އެވެ.
މުހަންމާ އެސިޓީ ހުށަހަޅާފައިވާއިރު، ސަރުކާރުން ވަނީ ހޯމަ ދުވަހު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. އެމައްސަލައިގައި ބުނަނީ މަޖިލިސް މެމްބަރަކު ޕާޓީ ބަދަލު ކުރައްވައިފި ނަމަ، އަދި ޕާޓީން މެމްބަރަކު ވަކިކުރައްވައިފި ނަމަ މަޖިލީހުގައި އެ މެމްބަރަކު ތަމްސީލްވާ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހޯމަ ދުވަހު ވަނީ ސުޕްރީމް ކޯޓުގައި ބާއްވާފަ އެވެ.